ޚަބަރު

ހިޔާ އެއްބަސްވުމުގައި ސޮއިކުރެވޭނީ ބޭނުންވާ މައުލޫމާތު ދިން މީހުންނަށް


ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކުރާނީ އެއްބަސްވުން އެކުލަލާވުލަމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ހުށައެޅި ފަރާތްތަކަށްކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ. އެ ކޯޕަރޭޝަނުން އަންނަނީ ހިޔާ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއިން ފްލެޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރުން ފަށާނީ އަންނަ ބުރާސްފަތިދުވަހު، ހިރިޔާ ސްކޫލްގައިކަމަށެވެ. އަދި މިމަސައްކަތް އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިޔަށްދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީން މިހާރު އެކުލަވާލާފައިވާ ޝެޑިއުލްގައިވާ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރަމުން ގެންދާނީ ޓަވަރުތަކުގެ ތަރުތީބުންނެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރަން ހަމަޖެހިފައިވާގޮތް

- H9 ( 14 ޖުލައި އިން 15 ޖުލައި )
- H13 ( 17 ޖުލައި އިން 18 ޖުލައި )
- H16 ( 24 ޖުލައި )
- H15 ( 25 ޖުލައި )
- H4 ( 27 ޖުލައި )
- H10 ( 28 ޖުލައި )
- H12 ( 29 ޖުލައި )
- H5 ( 31 ޖުލައި )
- H11 ( 02 އޮގަސްޓް )
- H14 ( 04 އޮގަސްޓް )
- H6 ( 05 އޮގަސްޓް )
- H8 ( 07 އޮގަސްޓް )
- H2 ( 10 އޮގަސްޓް )
- H7 ( 12 އޮގަސްޓް )
- H1 ( 14 އޮގަސްޓް )
- H0 ( 15 އޮގަސްޓް )

އެޗްޑީސީން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރަން ތާވަލުކުރާނީ އެއްބަސްވުންތައް ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމުތައް ފުރިހަމަކޮށް ހުށައަޅާފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އެހެންކަމުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމާއި، ފްލެޓްގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގައި ޒިންމާ އަދާކުރާނެ ފަރާތެއް ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަކޮށް ވީ އެންމެ އަވަހަކަށް ހުށައެޅުމަށް އެޗްޑީސީން އެދެއެވެ.

އެޗްޑީސީން ބުނީ އަންނަ ބުދަދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށި ނަމަވެސް އަދިވެސް ތަނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ނިމިފައިނުވާކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދައްކަން ފަށާ މުއްދަތު " ގްރޭސް ފީރިއެޑް" ގެ 3 މަސްދުވަސް ގުނަ ފަށާނީ ކަރަންޓާއި ފެނުގެ ހިދުމަތް ދެވުމުންކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި ކަރަންޓްގެ ހިދުމަތް އެއްކޮށް ފުރިހަމަ ނުވަނީސް ޓަވަރުތަކުގެ ލިފްޓުތައް ބޭނުންކުރުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާނެތީ ފްލެޓް ބޭނުންކުރަން ހުޅުވާލާނީ ކަރަންޓް ދީ ނިމުމުންކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ވެރި ފަރާތަށް ތަޅުދަނޑި ޙަވާލުކުރުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.