ޚަބަރު

އޮލިންޕިކްސްގެ ކުޅިވަރުތައް ޕީއެސްއެމުން ގެނެސްދެނީ


ޓޮކްޔޯ އޮލިންޕިކްސްގެ ކުޅިވަރުތައް ޕީއެސްއެމުން ގެނެސްދިނުމަށް ނިންމައިފިއެވެ.

ޕީއެސްއެމު ނިއުސްސަށް މަޢުލޫމާތު ދެއްވަމުން ޕީއެސްއެމުގެ ކޮންޓެންޓު ހެޑު އިބްރާހީމު ރަޝީދު ވިދާޅުވީ ބެލުންތެރިންނަށް ޓޮކްޔޯ އޮލިންޕިކްސްގެ ކުޅިވަރުތައް ގެނެސްދިނުމަށް ކުންފުނިން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާއި މެޗުތަކުގެ އިތުރުން ޓޮކްޔޯ އޮލިންޕިކްސްގެ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތުތައް ޕީއެސްއެމުގެ ޗެނަލުތަކުން ގެނެސްދޭނެކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ޝަޢުޤުވެރިކަން ހުންނާނެ ކުޅިވަރުތައް ދެނެގަނެވިފައިވާކަމަށާއި ޓޮކްޔޯ އޮލިންޕިކްސަށް ޚާއްޞަކޮށްގެން 4 ޕުރޮގްރާމުވެސް ގެނެސްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޢަމާޒަކީ ވީހާވެސް ގިނަ މެޗުތައް ވަޤުތުން ބެލުންތެރިންނަށް ގެނެސްދިނުންކަމަށާއި ބައެއް ކުޅިވަރުތަކުގެ ރެކޯޑިންވެސް ގެނެސްދޭނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

''ޓޮކްޔޯ އޮލިންޕިކްސް ބެލުންތެރިންނަށް ގެނެސްދިނުމަށް ވާންޖެހޭ ހުރިހާ އިދާރީ ކަމެއްވަނީ މިހާރު ނިމިފައި. ރާއްޖެއިން ބައިވެރިވާ ކުޅިވަރުތަކުގެ އިތުރުން ދިވެހިންގެ މެދުގައި މަޤްބޫލު ކުޅިވަރުތައްވެސް ޕީއެސްއެމުން ގެނެސްދޭނެ'' އިބްރާހީމު ރަޝީދު ވިދާޅުވިއެވެ.

ޓޮކްޔޯ އޮލިންޕިކްސްގެ ތިން ކުޅިވަރެއްގައި ދިވެހިރާއްޖެއިން ބައިވެރިވާނެއެވެ. އެއީ އެތުލެޓިކްސާއި ފެތުމާއި ބެޓުމިންޓަނެވެ. ޕީއެސްއެމުންވަނީ ޓޮކްޔޯ އޮލިންޕިކްސްގެ ކުޅިވަރުތައް ގެނެސްދިނުމަށް ޔެސް ޓީވީ ޚާއްޞަކޮށްފައެވެ.

ޓޮކްޔޯ އޮލިންޕިކްސް އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިންޓަނޭޝަލް އޮލިންޕިކްސް ކޮމިޓީން ނިންމީ މި އަހަރުގެ ޖުލައި މަހުގެ 23ން އޮގަސްޓު މަހުގެ 8ވަނަ ދުވަހަށް ޓޮކްޔޯ އޮލިންޕިކްސް ބޭއްވުމަށްށެވެ. ނަމަވެސް ކުޅިވަރުތައް ބެލުމަށް އެއްވެސް ކުޅިބެލުންތެރިޔަކަށް ފުރުޞަތެއް ނުލިބޭނެއެވެ.

ޓޮކްޔޯ އޮލިންޕިކްސްގައި 33 ކުޅިވަރަކުން 339 އިވެންޓުގައި ވާދަކުރާނެއެވެ. އެ އިވެންޓުތަކުގައި 11،000އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެއެވެ.