ޚަބަރު

އިންގްލެންޑްގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކުރަނީ


އިންގްލެންޑްގެ ކަޅު ނަސްލުގެ ކުޅުންތެރިންނަށް ސޯޝަލް މީޑިޔާގައި ނަސްލީ ގޮތުން ދިމާކުރަން ފަށައިފިއެވެ.

ނަސްލީ ގޮތުން ކުޅުންތެރިންނާއި ދިމާކުރަން ފަށާފައިވަނީ ނިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ޕެނަލްޓީއަށް ގޮސްގެން އިންގްލެންޑް ބަލިވުންނެވެ. ޕެނަލްޓީގައި އިންގްލެންޑްގެ ރަޝްފޯޑް، ސަންޗޯ އަދި ބޫކޯ ސާކާ ޖެހި ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އިންގެލެންޑުން އެންމެ ފަހުން ޖެހި ޕެނަލްޓީ ޖަހާފައިވަނީ އާސެނަލަށް ކުޅެމުންދާ ޒުވާން ކުޅުންތެރިޔާ ސާކާއެވެ. ސާކާ ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ މަތަކުރުމުން އިޓަލީއަށް ޔޫރީގެ ޗެންޕިއަންކަން ލިބުނެވެ.

އިނގިރޭސިވިލާތުގެ ޕޮލިހުންވަނީ ޝޯޝަލް މީޑިޔާގައި ނަސްލީގޮތުން ދިމާކުރާ ފަރާތްތަށް ހޯދާ އެމައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އިންގެލެންޑް ސަރުކާރުގެ ބައެއް އިސްވެރިންވެސްވަނީ ކުޅުންތެރިންނަށް ބޭއަދަބީ ބަހުން މީޑީޔާގައި ވާހަކަދައްކާފައެވެ. މިއާއެކު އިންގްލެންޑްގެ ސަރުކާރުން ޝޯޝަލް މީޑިޔާގައި ނަސްލީގޮތުން ކުޅުންތެރިންނާ ދިމާކުރި ފަރާތްތަކުގެ މަޢުލުމާތު ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނީ ޔޫރޯގައި އިންގްލެންޑް ޓީމްގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ފައިނަލް މެޗްގެ ޕްރެޝަރާއެކުވެސް ކުޅުންތެރިން ޕެނަލްޓީ ޖަހަންދިއުމުން އުވާފާކަށެވެ. އަދި މިހާލަތުގައި ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކުރުމުގެ ބަދަލްގައި އެކުޅުންތެރިނަށް ބޭނުންވަނީ ސަޕޯޓަރުންގެ ހިއްވަރުކަމަށްވެސް ކެޕްޓަން ކޭން ބުންޏެވެ. އަދި ކުޅުންތެރިންނަށް ސޯޝަލް މީޑިޔާގައި ދިމާކުރާ ފަރާތްތަކަކީ އިންގްލެންޑްގެ ސަޕޯޓަރުން ނޫންކަމަށްވެސް ކޭން ފާހަގަކޮށްފައިވެއެވެ.