މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އާ އެކްސްކޯއިން އެޖަމިއްޔާގެ ދަށުން އެކުލަވާލަންޖެހޭ ކޮމިޝަންތައް އެކުލަވާލުމަށް ވަރަށް ބާރު ސްފީޑްގައި މަސައްކަތް ކުރަމުންދާކަމަށް އަލަށް ހަމަޖެއްސި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙުމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އަލަށް އޮފީހާ ހަވާލްވުމަށްފަހު ބޭއްވި އެޖަމިއްޔާ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި އެމްއޯސީގެ ދަށުން އެކުލަވާލަންޖެހޭ ކޮމިޝަންތައް އެކުލަވާލުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރުމަށް ނިންމާފައެވެ. އެމްއޯސީގެ ދަށުން އެކުލަވާލަންޖެހޭ ކޮމިޝަންތަކަކީ އެތިކް ކޮމިޝަން، އޮލިމްޕިކްސް ސްޕޯޓްސް ކޮމިޝަން، ނޮން އޮލިމްޕިކްސް ސްޕޯޓްސް ކޮމިޝަން، ވިމަން ކޮމިޝަން، މީޑިޔާ ކޮމިޝަން، އެންޓި ޑޯޕިން ކޮމިޝަން އަދި އެތުލީޓްސް ކޮމިޝަނެވެ. ތަމޫހު ވިދާޅުވީ މިބައްދަލުވުމުގައިވަނީ އާއެކްސްކޯގައި ހިމެނިވަޑައިގަންނަވާ 13 އެސޯސިއޭޝަނުންވެސް މިދައުރުގައި ކުރާނެ ކަންތައްތަކާ ބެހޭގޮތުން ވާހަދައްކާފަކަމަށެވެ. މިމަހު ފެށުމަށް ހަމަޖެހިފައިވާ ޓޯކިއޯ އޮލިމްޕިކްސަށް ވާންޖެހޭ ތައްޔާތަކާއި ރާއްޖޭގެ އެތުލީޓުންގެ ކަންތައްތައް ކުރުމާއި ބެހޭގޮތުންވެސް ބައްދަލުވުމުގައި ވާހަކަދެކެވުނުނެވެ. ތަމޫހު ވިދާޅުވީ އެމްއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރުވަނީ އެމްއޯސީގެ އޮފީސް ހިންގާނެ ގޮތާއި ބެހޭގޮތުން ބައެއް ގަވާއިދުތައް އެކުލަވާލާފައެވެ. އަދި ޖަމިއްޔާގެ އަސާސީ ގަވާއިދު ބުނާ ގޮތުން ކޮންމެ މަހަކުވެސް އެކްސްކޯ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖަައްސާ، ކޮންމެ މަހަކުވެސް އެބައްދަލުވުން ބޭއްވުމަށް ނިންމާފައެވެ.
ރާއްޖޭގައި 17 އެސޯސިއޭޝަން އޮންނައިރު އޮމިލްޕިކް ކޮމެޓީގެ އެކްސްކޯގައި 13 އެސޯސިއޭޝަން ހިމެނޭއިރު 4 އެސޯސިއޭޝަންގެ އަޑުވެސް މިޖައްމިޔާގެ ބައްދަކުވުންތަކުގައި އިވޭނެ ގޮތަކަށް ކަންކަން ރޭވުމަށްވެސް ސައްތާރު ވާހަދަކައްކާފައިވެއެވެ. އަދި އެމްއޯސީގެ ދެ ނައިބް ރައީސުންގެ މެދުގައިވެސްވަނީ މަސައްކަތްތައް ބަހާލާފައެވެ. އެމްއޯސީގެ ފައިނޭޝަލް ކަންތައްތައް ބަލަހައްޓާނީ އަހުމަދު އިސްމާޢީލްގެ ބެލުމުގެ ދަށުންނެވެ. އިދާރީ ހިންގުން ކުރިއަށްދަނީ ނައިބް ރައީސް މުހައްމަދު ތޮލާލްގެ ބެލުމުގެ ދަށުންނެވެ.
ތަމޫހު ސެކެޓްރީ ޖެނެރަލްއަކަށް އައްޔަންކޮށްފައި ވަނީ ހިންގާ ކޮމެޓީގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ހުސައިން ރަޝީދު (ހުސެން)ވަނީ އޮލިމްޕިކް ކޮމިޓީގެ ފައިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފައެވެ.
މިދިޔަ މަހު ބޭއްވި އެމްއޯސީގެ އިންތިޚާބުގައި އެޖަމިއްޔާގެ ރައީސަކަށް އިންތިޚާބުވެފައިވަނީ ސްވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ)އެވެ. ޗަމްޕީއާ ރައީސްކަމަށް ވާދަކޮށްފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދުއެވެ.