ޚަބަރު

އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ރޮނާލްޑޯ ނުހިމެނޭ


ޔޫރޯގެ އެންމެ ގިނަ ލަނޑު ޖެހި ޕޯޗުގަލްގެ ކެޕުޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލާ ޔޫއެފްއާއި ޔޫރޯގެ އެންމެ މޮޅު 11 ކުޅުންތެރިން އިޢުލާންކޮށްފިއެވެ.

ޔޫއެފްއާއިން އިއުލާންކޮށްފައިވާ އެންމެ މޮޅު 11 ކުޅުންތެރިންގެ ލިސްޓުގައި ޔޫރޯެ ފައިނަލްގައި ކުޅެފައިވާ 7 ކުޅުންތެރިން ހިމެނެއެވެ. އެއީ އިންގްލެންޑްގެ 3 ކުޅުންތެރިންނާއި ޗެންޕިއަން އިޓަލީގެ 4 ކުޅުންތެރިންނެނެވެ.

އެ ގޮތުން ކީޕަރަކަށް ނަގާފައިވަނީ ފައިނަލް މެޗްގައި ދެ ޕެނަލްޓީ ދިފާއުކުރި އަދި ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިގެ މަގާމް ހޯދި އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާއެވެ. ފައިނަލް މެޗްގައި ޖޭޑަން ސަންޗޯ އާއި ބުކާޔޯ ސާކާގެ ޕަނަލްޓީ މަތަކުރި ޑޮނަރޫމާވަނީ މިފަހަރުގެ މުބާރާތުގައި ތިން މެޗްގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލާފައެވެ ޑޮނަރޫމާއަށް ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައިވާއިރު، މިއީ މިމަގާމް ލިބުނު ދެވަނަ ކީޕަރަށެވެ. މިމަގާމް އެންމެ ފުރަތަމަ ހޯދާފައިވަނީ 1992 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޑެންމާކްގެ ކީޕަރ ޕީޓަރ ޝުމައިކަލްއެވެ.

މިޓީމްގެ ޑިފެންޑަރުންގެ ގޮތުގައި ޖާގަ ހޯދާފައިވަނީ އިޓަލީގެ ލެއޮނާޑޯ ބޮނޫޗީ، ލެއޮނާޑޯ ސްޕިނަޒޯލާ އަދި އިންގްލެންޑްގެ ހެރީ މެގުއާގެ އިތުރުން ކައިލް ވޯކާއެވެ. މީޓީމްގައި އިންގްލެންގެ ހެރީ މެގުއާ ހިމަނާފައިވާއިރު އަނިޔާގެ ސަބަބުން އޭނާއަށްވަނީ ގުރޫޕް ސްޓޭޖްގައި ކްރޮއޭޝިއާ، ސްކޮޓްލެންޑް މެޗް ގެއްލިފައެވެ. އިޓަލީގެ ބޮނޫޗީވަނީ ފައިނަލް މެޗްގައި ފަހަތުން އަރާ އިޓަލީ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މިޓީމްގައި ހިނެމޭ އިޓަލީގެ ލެއޮނާޑޯ ސްޕިނަޒޯލާވަނީ އިޓަލީ ޓީމްގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ކުއަޓަރ ފައިނަލް މެޗްގައި އިޓަލީން ބެލްޖިއަމްގެ މައްޗަށް ކުރި ހޯދި މެޗްގައި ސްޕިނަޒޯލާއަށްވަނީ އަނިޔާވެ މުބާރާތް ނިމިފައެވެ.

މިޓީމްގެ މިޑްފީލްޑަރުންގެ ގޮތުގައި ޖާގަ ހޯދާފައިވަނީ އިޓަލީގެ ޖޯޖީނިއޯ، ޑެންމާކްގެ ޕިއޭ-އެމީލް ހޮއިބިއާ އަދި ސްޕެއިންގެ އުމުރުން 18އަހަރުގެ ޕެޑްރީއެވެ. ޖޯޖީނިއޯއާއި ޕިއޭ-އެމީލް ހޮއިބިއާވަނީ މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ދައްކާފައެވެ. ބާސެލޯނާގެ ޕެޑްރީއަކީ ޔޫރޫ ފުޓްބޯޅަ މުބާރާތުގައި ސްޕެއިންއަށް ކުޅެދީފައިވާ އެންމެ ހަގު ކުޅުންތެރިޔާއެވެ.

ޔޫއެފްއާއި ނެރިފައިވާ އެންމެ މޮޅު 11 ކުޅުންތެރިންގެ ލިސްޓުން ފޯވާޑުންގެ ގޮތުގައި ޖާގަ ހޯދާފައިވަނީ އިޓަލީގެ ފެޑެރީކޯ ކިއޭސާ، ބެލްޖިއަމްގެ ރޮމަލޫ ލުކާކޫ އަދި އިގްލެންޑްގެ ރަހީމް ސްޓާލިންގެވެ. ކިއޭސާގެ ފަރާތުން މިމުބާރާތުގައި ދެ ގޯލް ޖަހާފައިވާއިރު، އެންމެ ފަހާގަކޮށްލެވުނީ ސެމީ ފައިނަލްގައި ސްޕެއިން ކޮޅަށް ޖެހި ގޯލެވެ. ބެލްޖިއަމްގެ ލުކާލޫވަނީ މުބާރާތުގައި 4 ގޯލް ޖަހާފައެވެ. އަދި އިންގްލެންޑް ފައިނަލާ ހިސާބަށް ދިއުމުގައި ސްޓާލިންގްގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.