ރާއްޖޭގައި ކޯވިޑު ވެކްސިންގެ 2 ވަނަ ޑޯޒް، އިތުރު 6،700 އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ ދެލައްކަ ސާޅިސް ދެހާހަށްވުރެ މައްޗަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 6،755 މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 3،556 މީހުންނާއި އަތޮޅުތެރެއިން ދެވަނަ ޑޯޒް ޖެހި 3،199 މީހުންނެވެ. މިއާއެކު ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދުވަނީ 242،370 އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 622 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭ ސަރަޙައްދުން ޖެހި 225 މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 397 މީހެކެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 319،378 އަށް އަރާފައެވެ.
މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއިން އަލުން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ، މާރިޗު މަހު ކޮވިޝީލްޑް އެއްވަނަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.