ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މައިކްރޯސޮފްޓް 365 ގެ ޚިދުމަތް ފޯރުކޮށްދިނުމަށް މައިކްރޯސޮފްޓް އާއިއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމަކީ ދައުލަތުގެ އިދާރާތައް އެއް ޕްލެޓްފޯމަކުން މަސައްކަތް ކުރުމަށް ޤާއިމްކުރެވުނު އެއްބަސްވުމެކެވެ.
ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ 20،000 މުވައްޒަފުންނަށް މައިކްރޯސޮފްޓް 365 ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމްކުރި މިއެއްބަސްވުމަކީ 3 އަހަރު ދުވަހުގެ މުއްދަތަށް ޤާއިމްކުރި އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ފަރާތުން ސޮއިކުރެއްވި މިނިސްޓަރ އާމިނަތު ޝައުނާއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ދެއްކެވި ވާހަކަފުޅުގައިވަނީ މިޚިދުމަތް ސަރުކާރުގެ އިދާރާތަކާއި ހަމައަށް ފޯރުކޮށްދިނުމުގައި ސަރުކާރާއިއެކު މަސައްކަތްކުރެއްވި މައިކްރޯސޮފްޓްގެ އޭޝިއާ ޕެސިފިކް، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޓީމަށް މިނިސްޓަރ ޝައުނާ ވަނީ ވަރަށް ބޮޑު ޝުކުރެއް އަދާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ޕްލެޓްފޯމަކަށް އިދާރީ ހިންގުންތައް ބަދަލުކުރުމަކީ އެއިން އެތައް ފައިދާއެއް ލިބޭނެކަމެކެވެ. ޚާއްސަގޮތެއްގައި ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވެފައި މައިކްރޯސޮފްޓް ކްލައުޑްގެ އެހީގައި ރަށްތަކުގެ އިދާރީ ހިންގުން ގުޅާލެވި ސަރުކާރުގެ މުވައްޒަފުންނަށް ގުޅިގެން މަސައްކަތްކުރެވޭނެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެއެވެ.
އަދި ދައުލަތުގެ އިދާރާތަކުގައި ޚިދުމަތްކުރައްވާ މުވައްޒަފުންގެ މަސައްކަތް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެހީގައި އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ނޭޝަނަލް ރެސިލިއެންސީ އެންޑް ރިކަވަރީ ޕްލޭންގެ ދަށުން މަސައްކަތްތައް ޑީސެންޓްރަލައިޒް ކުރެވި އެއިން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަދަލަކާއިއެކު ސައިކަލު، ކާރު އަދި ފެރީ ދަރުތުތައް މަދުވެ، މާހައުލީ ނިޒާމަށް ގެއްލުންވާ ކަރބަންޑައިއޮކްސައިޑް ފަދަ ގޭސްތައް މާހައުލަށް ބޭރުވާ މިންވަރު ކުޑަވެގެންދާނެކަމަށްވެސް މިނސްޓަރ ވިދާޅުވިއެވެ.
"ދައުލަތުގެ އިދާރާތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ މިއަދު ވަރަށް މުހިއްމު. ޑިޖިޓަލް ޓްރާންސްފޮމޭޝަން އަކީ ހަމައެކަނި އައު ޓެކްނޯލޮޖީތައް ބޭނުންކުރުން އެކަންޏެއް ނޫން. ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އިދާރާތަކުގެ ސްޓްރަކްޗަރ، ހިންގުން އަދި މަސައްކަތް ކުރާ އިދާރާއެއްގެ ސަގާފަތާއި އެތަނެއްގައި މަސައްކަތް ކުރާ ބައެއްގެ ވިސްނުންވެސް ބަދަކުރަންޖެހޭނެ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މިނިސްޓްރީގެ އުއްމީދަކީ މައިކްރޯސޮފްޓް 365 ގެ އެހީގައި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ފަސޭހަކަމާއިއެކު މަސައްކަތް މެނޭޖްކުރެވި، މަސައްކަތްކުރާ ޓީމާއި ބައްދަލުކުރެވި، ހަވާލުކުރެވޭ ޓަރގެޓްތައް ފުރިހަމަކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.