ޚަބަރު

ހޭންޑުބޯލުގެ 2 މުބާރާތް ބޭއްވުމަށް މަސައްކަތްކުރަނީ


ކޯވިޑް-19ގެ ޙާލަތު ރަނގަޅުނަމަ ޤައުމީ މުބާރާތާއި އެސޯސިޔޭޝަން ކަޕު ބޭއްވުމަށް މަސައްކަތްކުރާނެކަމަށް ހޭންޑުބޯލް މޯލްޑިވްސުން ބުނެފިއެވެ.

2019ވަނަ އަަހަރު އެސޯސިޔޭޝަނުން ޢާންމުކޮށް ބާއްވާ ގިނަ މުބާރާތްތައް ބޭއްވި ނަމަވެސް މިދިޔަ އަހަރު ބާއްވާފައިވަނީ ހޭންޑުބޯލުގެ އޮފީސް މުބާރާތް އެކަންޏެވެ. އަދި މިދިޔަ އަހަރު މާލެ ސަރަޙައްދު ފުރަބަންދުކުރުމުން އިންޓަ ސުކޫލު މުބާރާތްވެސްވަނީ ފަސްކުރަން ޖެހިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ބައެއް އަތޮޅުތަކުގައި ހޭންޑުބޯލް ޓުރައިނިން ޕުރޮގްރާމުތައް ބާއްވާފައިވެއެވެ.

ހޭންޑުބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު އިސްމާއީލު ވިދާޅުވީ އެޗްޕީއޭއިން މިހާރު ދީފައިވާ ލުއިތަކާއެކު ޓީމުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ފުރުޞަތު ފަހިވެފައިވާކަމަށެވެ. އަދި ޢީދު ބަންދަށްފަހު ޤައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ފެށުމުގެ މަސައްކަތްވެސް ކުރާނެކަމަށް ޢަޙްމަދު ވިދާޅުވިއެވެ. އޭގެ އިތުރުން މުބާރާތްތައް ބޭއްވުމަށް އެޗުޕީއޭއިން އަދި ޙުއްދަ ނުދިން ނަމަވެސް ވާން ޖެހޭ ތައްޔާރީތައް އެސޯސިޔޭޝަނުންވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން އެންމެ އިސްކަމެއް ދޭނީ ޤައުމީ ހޭންޑުބޯލު މުބާރާތަށްކަމަށާއި ވަޤުތު ތަންދޭނަމަ އެސޯސިޔޭޝަން ކަޕުވެސް ބާއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤައުމީ ހޭންޑުބޯލު މުބާރާތުގެ ފިރިހެން ޑިވިޝަން ބާއްވާނީ ދެ ބަޔަކަށް ބަހާލައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުބާރާތްތައް ކުރިޔަށްގެންދާނީ ޓީމުތަކުގެ ޚިޔާލާ މަޝްވަރާގެ މަތިންކަމަށާއި ފަރިތަކުރުންތައް ބޭއްވުމަށް ޓީމުތަކަށް މަދުވެގެން 45 ދުވަސް ދޭނެކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.