ޚަބަރު

ރޮބެން އަނެއްކާވެސް ކުޅުން ހުއްޓާލައިފި


ނެދަލޭންޑްސްގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އާރްޔެން ރޮބެން ދެވަނަ ފަހަރަށް ކުޅުން ހުއްޓާލައިފިއެވެ.

ރޮބެން ކުޅުން ހުއްޓާލިއިރު އޭނާ މިހާރު ކުޅެމުންދަނީ ނެދަލެންޑްސްގެ ގްރޮނިންގެންއަށެވެ. 96 މެޗް ނެދަލޭންޑްސްގެ ކުޅެދީފައިވާ ރޮބެން އެންމެ ފުރަތަމަ ކުޅުން ހުއްޓާލާފައިވަނީ 2019ވަނަ އަހަރު ޖަރުމަންގެ ބަޔާން މިއުނިކް ދޫކޮށްލުމަށްފަހުއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ރޮބެންވަނީ އޭނާހެ ފުރަތަމަ ކުލަބް ނެދަލޭންޑްސްގެ ގްރޮނިންގެންއަށް ކުޅެން ފަށާފައެވެ.

ދެވަނަ ފަހަރަށް ކުޅުން ހުއްޓާލުމަށްފަހު ރޮބެން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދާއިމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަމަށެވެ. އަދި މިއީ ހަޔާތުގައި ނިންމަން ޖެހުނު އެންމެ އުނދަގޫއެއް ނިންމުންކަމަށާއި ފުޓުބޯޅައިގައި ހޯދުނު ކާމިޔާބީއާއި ފުޓުބޯޅައިގައި ދިމާވީ ހިތްދަތިކަމުގައިވެސް ސްޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަށް ޝުކުރު އަދާކުރާކަމަށް ރޮބެން ބުނެފައިވެއެވެ.

ނެދަލޭންޑްސްއަށް 2018ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕުން ޖާގަ ގެއްލުމުން ކޮލިފައިން މެޗުތަކަށްފަހު 2017ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރޮބެން ޤައުމީ ޓީމުން ރިޓަޔާކުރިއެވެ. އެ ފަހުން އަލުން ޤައުމީ ޓީމާ ގުޅެން އެކި ފަހަރު މަތިން ނުރަސްމީކޮށް ރޮބެންއަށް ހުށަހެޅުން ލިބުނު ނަމަވެސް އޭނާ ނިންމީ އެއްވެސް ހުށަހެޅުމެއް ޤަބޫލުނުކުރާށެވެ. އެއީ އޭރު ފިޓްނަސްގެ ކަންތައްތައް ހުރި ގޮތުންނެވެ.

ރޮބެންވަނީ ނެދަލޭންޑްސްއާއެކު ބައިނަލްއަޤުވާމީ ބޮޑު ހަ މުބާރާތެއްގައި ވާދަކޮށްފައެވެ. އޭނާގެ އެންމެ ޚާއްސަ މުބާރާތަކީ 2010ވަނަ އަހަރު ދެކުނު އެފުރިކާގައި ބޭއްވި ފީފާ ވޯލްޑް ކަޕެވެ. އެފަހަރުގެ ފައިނަލުން ނެދަލޭންޑްސް ފުރުޞަތު ހޯދިއިރު، އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިއަކީ ރޮބެންއެވެ. ފައިނަލުގައި ސްޕެއިން އަތުން 1-0ން ނެދަލެންޑަސް ބަލިވިއިރު، އެ ޓީމު މޮޅު ކޮށްދޭން ރޮބެން ރަނގަޅު ފުރުޞަތުތަކެއް ހޯދިއެވެ.