އައު ލީގު ފޯމެޓާއެކު 2000ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގައި ފުޓުބޯޅައަށް އޮތް ފޯރި އަލުން އަނބުރާ އަންނާނެކަމަށް ޤަބޫލުކުރާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. މުޅި ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން 2023/24ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން އައު ފޯމެޓަކަށް ކުރިޔަށްގެންދަން އެފްއޭއެމުންދަނީ މަސައްކަތް ކުރަމުންނެވެ.
2000ގެ ކުރީކޮޅު ރާއްޖޭގައި ފުޓުބޯޅައިގެ ފޯރި ގަދަވިނަމަވެސް، ފަހުން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާއެކު ފުޓުބޯޅައިގެ ފޯރި ވަރަށް ބޮޑަށް ކުޑަވެގެންދިޔައެވެ. ވެލެންސިޔާ، ނިއު ރޭޑިއަންޓް ފަދަ ޓީމުތައް ޤައުމީ ދަނޑުތަކުގައި ކުޅޭ ދުވަސްތަކުގައި ޓިކެޓު ގަތުމަށް މީހުން ހުންނަ ފޯރިއާއި ދަނޑަށް ދިޔުމަށް އެ އޮންނަ ޝައުޤުވެރިކަން ފަހުން އައިސް ދިވެހީންގެ ނެތެވެ. މިކަމާ މެދު އެކި މީހުން ދެކޭ ގޮތް ތަފާތެވެ. ބައެއް ފަރާތްތަކުން ބުނަނީ ރާއްޖޭގެ ފުޓުބޯޅައިގެ ފޯރި ކުޑަވީ ބޭރު ދުނިޔޭގެ ފުޓުބޯޅަ މެޗްތަށް ފެންނަން ފެށުމުންކަށެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި ސިޔާސީ މަޝްރަހު ހަލަބޮލިވުމުގެ ސަބަބުން ހަމަނުޖެހުން އިތުރުވީއެވެ. ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމުން މިކަމަށް ޙައްލެއް ހޯދަން އަނެއްކާވެސް މިވަނީ މަސައްކަތްތައް ފަށާފައެވެ.
ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިބަދަލުތަކާއެކު މުޅި ރާއްޖޭގެ ފުޓުބޯޅައަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރެވޭކަމަށެޗެ. އަދި ކުރިން ފުޓުބޯޅައަށް އޮތް ފޯރި ފެނިގެންދިއުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގައި އަތޮޅު މުބާރާތްތަކުން ފާހަގަކޮށްލެވުނު ގިނަ ކުޅުންތެރިންނަށް ފުރުޞަތު ލިބޭކަން ފާހަގަކުރައްވަމުން ބައްސާމް ވިދާޅުވީ މިއީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަޤްބަލަށް ވިސްނާއިރު ވަރަށް މުހިންމުކަމެއްކަމަށެވެ. ބައްސާމް ވިދާޅުވީ މިހާރު ކުޅިވަރަކީ ހަމައެކަނި ބަޔަކު މަޖާކޮށްލަން ކުރާކަމެއް ނޫންކަމަށާއި މިއީ ވަރަށް ގިނަ ބަޔަކަ އާމްދަނީ ހޯދުމަށްވެސް ކުރާކަމެއްކަމަށެވެ. މިއާއެކު ކުރިން އަތޮޅު މުބާރާތްތަކުގައި އޮތް ފޯރި ފެނިގެންދިއުމާއި އެއް ރަށުން އަނެއް ރަށަށް މެޗްތަށް ބަލަން ރަށުގެ ރައްޔިތުން ގޮސް އެ ނަގާ ފޯރި މިހާރުވެސް ނަގާތަން ފެނުމަކީ މި އައު ފުޓުބޯޅަ ފޯމެޓުގެ ސަބަބުން ވާނެކަމެއްކަމަށް އުއްމީދުކުރާކަމަށް ބައްސާމް ހާމަކުރެއްވިއެވެ.
"މީގެ ކުރިން އެބަހުރި އެއް ރަށުން އަނެއްރަށަށް ވަރަށް ފޯރީގައި މެޗްތަށް ބަލަން ގޮސްފަ. މެޗްތަށް ފޯރިގަދަ ވެގެންގޮސް މެޗްތަށް ބަލަން ބައެއް ރަށްރަށުން އެބަހުރި އޮފީސްތަކާއި ސްކޫލް ބަންދުކޮށްފައި އަމިއްލަ ރަށު ޓީމްއަށް ސަޕޯޓްކުރަން ޖެހިގެން އޮތް ރަށަށް ގޮސްފަ. މި ފޯރި ދިވެހި ފުޓުބޯޅައިން އެބަޖެހޭ ފެންނަން މިހާރު. މި އައު ފޯމެޓާއެކު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ މުސްތަޤްބަލުގައި އަތޮޅު ތެރޭގެ ޓީމުތަކުންވެސް ޑޮމިނޭޓްކޮށްފާނެ. މިއާއެކު ސަޕޯޓަރުންގެ ބައިވެރިވުން ވަރަށް ބޮޑަށް ފުޓުބޯޅައިގެ ތެރެއިން ފެނިގެން ދާނެ. މިކަން މީގެ ކުރިންވަނީ އަތޮޅު ފުޓުބޯޅަ މުބާރާތްތަކުން ފެނިގެން ގޮސްފައިވޭ" ބައްސާމް ވިދާޅުވިއެވެ.
އައު ފޯމެޓްގެ ފުރަތަމަ ޒޯނުގައި ހިމެނެނީ ހއ، ހދ، ށ، ނ އަދި ރ.އަތޮޅެވެ. ދެވަނަ ޒޯނުގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. އޭގެ އިތުރުން ތިންވަނަ ޒޯނުގައި ހިމެނެނީ ތ، ލ، ގއ، ގދ އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއެވެ. އަދި ހަތަރުވަނަ ޒޯނުގައި ހިމެނެނީ ވިލިމާލެ، މާލެ އަދި ހުޅުމާލެއެވެ. ކޮންމެ ޒޯނެއްގައިވެސް ލީގެއް ކުޅުމަށް ނިންމާފައިވާއިރު 4 ޒޯނުގައި ބާއްވާނީ 4 ލީގެވެ. އަދި ކޮންމެ ލީގެއްގައި 3 ޑިވިޝަން ކުޅޭއިރު، މާލެ ސަރަޙައްދުގެ ޒޯނުތައް ފިޔަވައި އެހެން ޒޯނުތަކުގައި ކުޅޭނީ އޯޕަން ޑިވިޝަނެވެ.