އިންޑިއާގެ މަޝްހޫރު ވަކީލު ސީ ޝަންކަރަން ނައިރުގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޯޕިކް ވާހަކަ ކާމިޔާބު ޕްރޮޑިއުސަރ/ޑައިރެކްޓަރ ކަރަން ޖޯހަރް ދާދިފަހުންވަނީ އިޢުލާންކޮށްފައެވެ. ސީ ޝަންކަރަކީ އިންޑިއާ އިނގިރޭސީންގެ އަތް ދަށުގައި އޮތް ދުވަސްވަރު މިނިވަންކަމަށް މުހިއްމު މަސައްކަތްތަކެއް ކޮށްދން ޤާނޫނީ ވަކީލެކެވެ.
މި ފިލްމަށް ވަރަށް އަވަހަށް ކާސްޓުން ނަގާނެކަމަށް އޭރު ކަރަން ވަނީ ބުނެފައެވެ. މިއާއެކު އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ފިލްމާއި ބެހޭގޮތުން ކަރަން އަދި ފިލްމުގެ ޑައިރެކްޓަރ ކަރަން ތިޔާގީ އަންނަނީ ބޮލީވުޑް ތަރި އަކްޝޭ ކުމާރާއި ވާހަކަ ދައްކަމުންނެވެ.
މި ޙަބަރާއެކު އަކްޝޭއަކީ ޕްރޮޑަކްޝްން ޓީމުގެ ފުރަތަމަ ޗޮއިސް ކަމަށާއި އަދި އަކްޝޭ ކުމާރުގެ ފިލްމެއްގައި ހުންނަންޖެހޭ ހުރިހާ ކަމެއް މި ފިލްމުގައި ހުންނާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
އަކްޝޭވެސް ވަނީ ފިލްމުގެ ސްކްރިޕްޓާއި ވަރަށް ގަޔާވެފައިކަމަށާއި ނަމަވެސް ހަމައެކަނި މައްސަލައަކީ ވަގުތުގެ މައްސަލަ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. ކުރިއަށްއޮތް އަހަރަށް އެއްކޮށް ޝެޑިއުލްތައް ހުރި އަކްޝޭ އަންނަނީ މި ފިލްމަށް ދޭނެ ރަގަޅު ވަގުތެއް ހޯދަމުން ކަމަށްވެސް ޓީމުން ބުނެއެވެ.
ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ ޝަންކަރަންގެ މުނި ކާފަ ދަރިފުޅު ރަގޫ ޕަލަޓާއި އޭނާގެ އަންހެހުން ޕުޝްޕާ ޕަލަޓް ލިޔެފައިވާ ފޮތް " ދަ ކޭސް ދެޓް ޝުކް ދަ އެމްޕަޔަރ" ގެ ބައެއް ޙާދިސާތައް މޮޑިފައިކޮށްގެން ހަދާ ފިލްމެކެވެ.
ފިލްމުގައި ދައްކުވައިދޭނީ ޖަލިއާންވާލާ ބާގް މަސަކަރގެ ނަމުން ނަންދީފައިވާ އެއްވުމުގެ ޙަޤީޤަތް ހާމަކޮށްދިނުމަށްޓަކައި އިނގިރޭސީންނާއި ދެކޮޅަށް ޝަންކަރު ކޯޓުގައި ކުރި ވަކާލަތެވެ.