ރިޕޯޓް

ޙައްޖުގެ ތާރީހުން ބައެއް ހަނދާންތަކާއި ހިތާމަވެރި ހާދިސާތައް


އިސްލާމްކަމުގެ ފަސްވަނަ ރުކުން ޙައްޖުވުމަށް އަހަރަކު އެތައް ހާސް މީހުން ސަޢުދީ ޢަރަބިއްޔާގެ މައްކާއަށް ދަތުރުކުރެއެވެ. ޙައްޖު މޫސުމުގައި ގާތްގަނޑަކަށް ތިން މިލިޔަނެއްހާ މީހުން މައްކާއަށް ޖަމާވެއެވެ. ހުރިހާ ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކޮށް އެ އެންމެންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް ޙައްޖުގެ އަޅުކަމުގެ ތެރޭގައި ނުރައްކާތެރި ހާދިސާތައް ހިނގައި ޢާންމުންނާއި ހައްޖާޖީންގެ ފުރާނައަށް ގެއްލުންވި އެކި ހާދިސާތައް ތާރީހުގެ ތެރޭގައި ހިނގާފައިވެއެވެ. އެގޮތުން ތޮށްޖެހުމުގެ ހާދިސާތަކާއި ހަމަނުޖެހުންތަކާއި އެކްސިޑެންޓުތަކާއި ބަލިމަޑުކަން ފެތުރުންފަދަ އެތައް ހާދިސާތަކެއް ހިނގާފައިވެއެވެ.

ތޮށްޖެހުމުގެ ގިނަ ހާދިސާތަކެއް

ޙައްޖު މޫސުމުގައި އެންމެ ގިނައިން ހިނގާ އެއް ހާދިސާއަކީ ތޮށްޖެހި ފިތި ބާރުވުމުގެ ސަބަބުން މީހުން މަރުވުމުގެ ހާދިސާތަކެވެ . އެފަދަ ހާދިސާތަކުގައި އެތައް ސަތޭކަ މީހުން މަރުވެފައިވެއެވެ.

ތޮށްޖެހުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކުގެ ތެރޭގައި 1990ވަނަ އަހަރުގެ ޙައްޖު މޫސުމުގައި މައްކާއިން މިނާއާއި އަރަފާތަށް ފައިމަގުގައި ދަތުރުކުރުމަށް އޮންނަ އަލް މައާއިސިމް ޓަނަލްގައި ތޮށްޖެހުމުގެ ސަބަބުން ހިނގި ހާދިސާ ފާހަގަކޮށްލެވެއެވެ. އެ ހާދިސާގައި 1،426 މީހުން މަރުވެފައިވެއެވެ.

1994ވަނަ އަހަރު ހިނގި ހާދިސާއެއްގައިވެސް ޖަމްރާއަށް ހިލައުކުމުގެ ތެރޭގައި 270 މީހުން މަރުވެފައިވެއެވެ. އަދި 1998ވަނަ އަހަރު ޖަމްރާތު ބުރިޖުގައި ބާރުބޮޑުވެ 118 މީހުން މަރުވެ އިތުރު 180 މީހުން ޒަޚަމްވިއެވެ.

އޭގެ ފަހުން 2001ވަނަ އަހަރުވެސް ޖަމްރާއަށް ހިލައުކުމުގެ ތެރޭގައި 35 މީހުން މަރުވިއެވެ. 2003ވަނަ އަހަރު ހިލައުކުމުގެ ތެރޭގައި 14 މީހުން މަރުވެފައިވެއެވެ. ޖެހިގެން އައި އަހަރުވެސް އެފަދަ ހާދިޘާއެއް ހިނގާފައިވެއެވެ. އެގޮތުން އެ އަހަރު މިނާގައި 251 މީހުން މަރުވެ 244 ޒަޚަމްވިއެވެ.

2005ވަނަ އަހަރުވެސް ތޮށްޖެހުމުގެ ސަބަބުން 3 މީހުން މަރުވެފައިވެއެވެ. 2006ވަނަ އަހަރު ޖަމްރާއަށް ހިލަ އުކުމުގެ ތެރޭގައިވެސް އެފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި 363 މީހުން މަރުވެ 289 މީހުން ޒަޚަމްވިއެވެ. އެ ހާދިސާ ހިނގީ ގިނަ ޢަދަދެއްގެ ޙައްޖާޖީން އެއްވަގުތެއްގައި ޖަމަރާތު ބުރިޖު ސަރަޙައްދަށް ބަހުގައި އައުމުންނެވެ.

އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ އެއް ހާދިސާ ހިނގާފައިވަނީ 2015ވަނަ އަހަރެވެ. ދެ މަގަކުން އައި އެތައް ބައިވަރު ޙައްޖާޖީން އެ މަގަކަށް ވަނުމުން ހިނގި ތޮއްޖެހުމުގައި މަދުވެގެން 2،236 ޙައްޖާޖީން ވަނީ މަރުވެފައިވެއެވެ.

ޙައްޖުގެ ހަދިޔާ

އާއިލީ މީހުން ޙައްޖަށް ގޮސް އެނބުރި އަންނަ އިރު އަބަދުވެސް ކޮންމެވެސް ހަދިޔާއަކަށް އިންތިޒާރުކުރެވެއެވެ. ކޮންމެ ޤައުމަކުން އެތައް ބައިވަރު ބަޔަކު ޙައްޖަށް ދާއިރު ކޮންމެ އަހަރުވެސް އެންމެ ގިނަ މީހުން ގެނަމުން އައީ ރަނާއި ރިއްސެވެ.

އެހެންނަމަވެސް އޭރު ޙައްޖުވެރިން އަންނަމުން ގެނައި މި ހަދިޔާއަކީ އެތައް ބަޔަކު އަދިވެސް ހަނދާން ހުންނާނެ އެއްޗެކެވެ. އެތެރެއަށް ފޮޓޯތަކެއް ލައްވާ މި ކެމެރާއަކީ އެންމެ އޭރު އުފާވި ހަދިޔާއެވެ. ސަބަބަކީ މައްކާގެ ބިމަށް ނޭރޭ މީހުންނަން އެ ބިމުގެ ބައެއް މަންޒަރުތައް ބަލާލަން ލިބޭ އެއްޗަކަށްވުމެވެ. މި ކެމެރާގެ އިތުރުން މި ރަން ކުލައިގެ ފެން ހަމަކީވެސް ގިނަ ބަޔަކު ހަނދާން ހުންނަ ޙައްޖު ހަދިޔާއެކެވެ.

މީގެއިތުރުން އޭރުގެ ގެނައި މި ކެސެޓް ރޯލަތަކީވެސް ވަރަށް މުހިއްމު ހަދިޔާއެކެވެ. ރީތިކޮށް ތަޖްވީދަށް ކިޔަވާފައިވާ ޤާރީންގެ އަޑުން ރެކޯޑްކޮށްފައިވާ މި ކެސްޓް ރޯލް ސެޓުން ޤުރުއާން އަހާލުމަކީ ލިބޭ ހިތްހަމަޖެހުމެކެވެ.

އަލިފާނުގެ ހާދިސާތަކާއި އެކްސިޑެންޓުތައް

1975ވަނަ އަހަރު މިނާގައި ޙައްޖާޖީންނަށް ޖަހާފައިވާ ފޭލިގެތަކުން ފޭލިގެއެއްގައި ހުރި ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. މި ހާދިސާ 200 ޙައްޖާޖީންވަނީ މަރުވެފައެވެ.

މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް 1997ވަނަ އަހަރުވެސް މިނާ ފޭލިގެތަކުގައިވަނީ ހިނގާފައެވެ. މި ފަހަރުގެ ހާދިސާގައި ކުރީ ފަހަރަށްވުރެ މަރުވި މީހުންނާއި ޒަހަމްވި މީހުން ގިނައެވެ. އެފަހަރު 343 މީހުން މަރުވެ 1،500 މީހުން ޒަޚަމްވެފައިވެއެވެ. އެއަހަރުގެ ހާދިސާއަށްފަހު ސައުދީ ސަރުކާރުން މުހިއްމު ނިންމުމެއް ނިންމިއެވެ. މިނާގައި ހަދާފައި ހުންނަ އެތައް ސަތޭކަ ފޭލިގެތަކަށް ބަދަލު ގެނައެވެ. މިގޮތުން އޭގެ ފަހުން ފޭލިގެތައް ބިނާކުރީ އަލިފާން ނުހިފާ ޒާތުގެ ސަތަރި ބޭނުންކޮށްގެންނެވެ.

2002ވަނަ އަހަރު ޔޫއޭއީއިން އައި ޙައްޖާޖީންތަކެއް ސަޢުދީ ޢަރަބިއްޔާގެ އަލްއިޙްސާ ޕުރޮވިންސުގައި ބަހުގައި ދަތުރުކޮށްފައި ދަނިކޮށް ޓުރަކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 40 މީހުންވަނީ މަރުވެފައެވެ.

2011ވަނަ އަހަރު ޙައްޖާޖީން ގޮވައިގެން ދަތުރުކުރި އުޅަނދެއްގެ އެއްބައިން ދުން އަރާކަން ފާހަގަވުމުން އެ އުޅަނދު މަގުމައްޗަށް ހުއްޓިއެވެ. އަދި އުޅަނދުގެ އެތެރޭގައި ތިބި މީހުން ނެރެމުންދަނިކޮށް ސަލާމަތް ނުކުރެވި ބަހުގެ ތެރޭގައި 2 މީހުން ތިއްބާ ބަސްވަނީ ގޮވާފައެވެ. މި ހާދިޘާ މަރުވެފައިވާ ދެ މީހުންނަކީ ދެމަފިރިންނެވެ.

ހަމަނުޖެހުންތަކާއި ތަޅައިފޮޅުން

ހިޖްރައިން 692ވަނަ އަހަރު އުމައްޔަދުންގެ ވެރިއެއްކަމަށްވާ ހައްޖާޖު އިބްނު ޔޫސުފްވަނީ މައްކާއަށް ޙަމަލާ ދީފައެވެ. ކެޓަޕުލްޓު ބޭނުންކޮށްގެން މައްކާއަށް ދެމުންދިޔަ ޙަމަލާތައް ޙައްޖުގެ އަޅުކަން ފެށިގެން ކުރިއަށް ދިޔައިރުވެސް ދިޔައީ ދެމުންނެވެ. އެ ހާދިސާގައި މާތްވެގެންވާ ގެފުޅަށް ގެއްލުންތަކެއް ލިބުނެވެ. އެއަށްފަހު ގެފުޅުވަނީ އަލުން މަރާމާތުކޮށް އިމާރާތްކޮށްފައެވެ.

ހިޖްރައިން 930ވަނަ އަހަރު ޙައްޖުގެ ފުރަތަމަ ދުވަހު ޤަރުމަތިއަނުންގެ އިސްވެރިޔާ އަބޫ ޠާހިރު އަލްޖަންނަބީ ވަނީ މައްކާއަށް ޙަމަލާދީ ގިނަ ޢަދަދެއްގެ ޙައްޖުވެރިން ރަހުމުކުޑަ ގޮތަކަށް މަރައިފައެވެ. އެ ހާދިސާގައި 30،000އަށްވުރެ ގިނަ ޙައްޖުވެރިން މަރުވެފައިވެއެވެ. ބައެއް ޙައްޖާޖީންގެ ހަށިތައް މަގުތަކަށް އުކާލައި އަނެއް ބައި ހަށިތައް ޒަމްޒަމް ވަޅަށްވެސް އަޅާފައިވެއެވެ. އެފަހަރަ މާތްވެގެންވާ ކައުބާ ލޫޓުވައި އެ ސަރަޙައްދުގައި ހުރި ގެތަކުން ވައްކަންކޮށް އަޅުން އަތުލާފައިވެއެވެ. އަދި ހަޖަރުލްއަސްވަދު ވަގަށް ނަގައި އެ ގައު 21 އަހަރުވަންދެން އަބޫ ޠާހިރު އަލްޖަންނަބީގެ ބެލުމުގެ ދަށުގައި ގެންގުޅުނެވެ.

ހިޖްރައިން 1502ވަނަ އަހަރު މައްކާގައި ޙައްޖުވުމަށްފަހު އަނބުރާ ދިޔަ ޙާއްޖާޖީންތަކެއް ދަތުރުކުރަމުންދިޔަ ބޯޓެއްވަނީ ޕޯޗުގީޒުންގެ ވަސްކޯ ޑަ ގާމާގެ އަމުރަށް ރޯކޮށްލައިފައެވެ. އެ ހާދިސާގައި 300އަށްވުރެ ގިނަ ޙައްޖުވެރިން މަރުވިއެވެ.

ހިޖްރައިން 1695ވަނަ އަހަރު އިނގިރޭސިވިލާތުގެ މަޝްހޫރު ކަނޑުފޭރޭ މީހެއްކަމަށްވާ ހެންރީ އޭވަރީ ވަނީ ޙައްޖުވެރިން ގޮވައިގެން ދަތުރުކުރި އުޅަނދެއް އަތުލައިގެންފައެވެ. އެ އުޅަނދުގައި ތިބި މީހުންނާމެދު އެ މީހުން ޢަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށެވެ. އެ އުޅަނދުގައި ތިބި މީހުން ރޭޕުކޮށް މަރައި އެކިކަހަލަ އަނިޔާ ދީފައިވެއެވެ. އަނިޔާ ލިބެމުންދިޔަ ބައެއް މީހުން އެ މީހުންގެ ކިބައިން ސަލާމަތްވުމަށް ކަނޑަށް ފުއްމާލާފައިވެސްވެއެވެ.

1757ވަނަ އަހަރުގައި ޙައްޖުގެ އަޅުކަމަށްފަހު މައްކާއިން ދިމިޝްކަށް ގާފިލާއެއް އަނބުރާ ދިޔުމުން ބަދަވީންގެ ބަޔަކުވަނީ އެ ގާފިލާއަށް ޙަމަލާ ދީފައެވެ. އެ ޙަމަލާގައި 20،000 ޙައްޖާޖީން މަރުވެފައިވާކަމަށް ބެލެވެއެވެ.

1970ވަނަ އަހަރު ހައްދުފަހަނައަޅާފައިވާ މީހެއްކަމަށްވާ ޖުހައިމަން އަލްއުތައިބީއާއި އޭނާއަށް ތާއީދުކުރާ މީހުންވަނީ މައްކާގެ ފުލުހުންނާއި ސިފައިންގެ މައްޗަށް އަތްގަދަކޮށް އެމީހުންގެ ބާރުގެ ދަށަށް މަސްޖިދުލް ޙަރަމް ގެންގޮސްފައެވެ. މިސްކިތް އަނެއްކާ އަތުލުމަށް ސަޢުދީ ޢަރަބިއްޔާގެ އިތުރު އަސްކަރީ ޔުނިޓުތަކާއި ފަރަންސޭސިވިލާތާއި ޕާކިސްތާނުގެ ސިފައިން މަސައްކަތްކޮށް އެ ޙަމަލާވަނީ ނިމުމަކަށް ގެނެސްފައެވެ.

1987ވަނަ އަހަރު މައްކާގައި ހަޅުތާލުކުރި އީރާނުގެ ބަޔަކާ ސަޢުދީ ޢަރަބިއްޔާގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި 400އަށްވުރެ ގިނަ ޙައްޖުވެރިން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވިއެވެ. އޭގެ ދެ އަހަރުފަހުން ދެ ބޮން ގޮއްވައިލުމުގެ ސަބަބުން ހައްޖުވެރިއަކު މަރުވެ 16 މީހުން ޒަޚަމްވިއެވެ.

ބަސްތަކުގައި ކުރި ތަކްލީފު ދަތުރުތައް

އަރަފާތު ދުވަހާއި އަރަފާތުން މުޒަދަލީފާއަށް ދާ މަގުމަތިން ބައެއް ފަހަރަށް މީހުންނަށް ވުރެ ގިނައިން ބަސްތައް ފެންނާނެއެވެ. އޭރު ހުންނަނީ އެސީ ބަސްތަކެއް ނޫނެނެވެ. އަދި މިހާރު މިހުންން ބޮޑެތި ބަސްތަކެއްވެސް ނޫނެވެ. މަދު ބަޔަކު އެރުމުން ބަސްތަ ފުރެއެވެ. ދެން ބާކީ ތިބި މީހުން ދަތުރުކުރާނީ ބަސްތަކުގެ މަތީގައި ފޮށި އުފުލަން ހުންނަ ޖާގައިގައި ތިބެގެންނެވެ. މިތަނަށްވެސް އެތައް ބަޔަކު އަރާނެއެވެ.

ނަމަވެސް މީހާރު ހުންނަނީ ބޮޑެތި އޭސީ ބަސްތަކެވެ. އެއްފަހަރާއި އެތައް ބަޔަކަށް މި ބަސްތަކުގައި ދަތުރުކުރެވެއެވެ. ތަކްލީފެއް އުފުލަން ނުޖެހިއެވެ.

ޙައްޖާ ގުޅުންހުރި މަތިންދާބޯޓު އެކްސިޑެންޓުތައް

1973ވަނަ އަހަރު ހައްޖުގެ އަޅުކަން ޢަދާކުރުމަށްފަހު އަނބުރާ ދިޔަ މީހުން އުފުލި ރޯޔަލް ޖޯޑޭނިއަންގެ ބޮއިން 707 މަތިންދާބޯޓުވަނީ ނައިޖީރިއާއަށް ވެއްޓިފައެވެ. އެ ހާދިސާގައި 176 ޙައްޖުވެރިން މަރުވެފައިވެއެވެ. އެއާ ޖެހިގެން އައި އަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ދަތުރުކުރި ޙައްޖުވެރިން އުފުލި މާޓިންއެއާގެ ފުލައިޓު ވަނީ ސްރީލަންކާ ކައިރިއަށް ވެއްޓިފައެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެންވަނީ މަރުވެފައެވެ. އެއީ އިންޑޮނޭޝިޔާގެ 182 ޙައްޖުވެރިންނާއި 9 ފަޅުވެރިންނެވެ.

1978ވަނަ އަހަރު އައިސްލެންޑިކް އެއާލައިންސްގެ ފުލައިޓެއްވެސްވަނީ ކޮލޮމްބޯ ސަރަޙައްދަށް ވެއްޓިފައެވެ. އެ ހާދިސާގައި ޙައްޖުގެ އަޅުކަން ނިންމައިލުމަށްފަހު އިންޑޮނޭޝިޔާއަށް އަނބުރާ ދިޔުމަށް ދަތުރުކުރަމުންދިޔަ 175 ޙައްޖުވެރިންވަނީ މަރުވެފައެވެ.

1979ވަނަ އަހަރުވެސް އެފަދަ ހާދިސާއެއް ހިނގާފައިވެއެވެ. ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ފުލައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ޖިއްދާ އިންޓަނޭޝަނަލް އެއާޕޯޓުން ބޯޓު ނައްޓާލިތާ ކުޑަ އިރުކޮޅެއް ތެރޭ އެ ބޯޓުވަނީ ވެއްޓިފައެވެ. އެ ހާދިސާގައި 156 މީހުން މަރުވިއެވެ.

1980ވަނަ އަހަރު ސައުދީއާ ފުލައިޓެއް ރިޔާދު އެއާޕޯޓުން އެ ބޯޓު ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި އެ ބޯޓުގެ ކާގޯ ކޮމްޕާޓުމަންޓުގައި ރޯވިއެވެ. އެ ބޯޓުވަނީ ކުއްލި ޙާލަތުގައި ޖައްސާފައެވެ. ނަމަވެސް ބޯޓު ޖެއްސި ފަހުން އެ ބޯޓުގައި ތިބި 287 ފަސިންޖަރުންނާއި 14 ފަޅުވެރިންވަނީ މަރުވެފައެވެ.

މަތިންދާބޯޓަކާއި ގުޅުންހުރި އެފަދަ ހާދިސާއެއް ދެން ހިނގާފައިވަނީ 1991ވަނަ އަހަރެވެ. ޗާޓަރުކޮށްފައިވާ ފުލައިޓެއްކަމަށްވާ ނައިޖީރިޔާ އެއާވޭސްގެ ފުލައިޓެއް ނައިޖީރިޔާއަށް ދިޔުމަށް ކިންގު އަބްދުލްޢަޒީޒް އެއާޕޯޓުން ދަތުރު ފެށިތާ އިރުކޮޅެއްގެ ތެރޭގައި ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ބޯޓުވަނީ ވެއްޓިފައެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 247 ޙައްޖުވެރިންނާއި 14 ފަޅުވެރިން މަރުވިއެވެ.

އިމާރާތްކުރުމުގެ މައްސަލަތައް

2006ވަނަ އަހަރުގެ ޙައްޖު މޫސުމުގައި މަސްޖިދުލް ހަރަ މާ ކައިރި ސަރަޙައްދެއްގައި ހުންނަ އަލްޣާޒާ ހހޮތާ އިމާރާތްވަނީ ވެއްޓިފައެވެ. ރެސްޓޯރަންޓަކާއި ފިހާރައަކާއި ހޮޓަލެއް ހުންނަ އެ އިމާރާތުގައި ޙައްޖާޖީން ތިއްބެވެ. އެ ހާދިޘާ ހިނގި ވަގުތު އިމާރާތުގައި ތިބީ ކިތައް މީހުންކަމެއް ނޭނގެއެވެ. ނަމަވެސް އެ ހާދިޘާގައި 76 މީހުން މަރުވެ 64 މީހުން ޒަޚަމްވެފައިވެއެވެ.

2015ވަނަ އަހަރު މަސްޖިދުލް ހަރާމުގެ ބައެއް މަސައްކަތްތައް ކުރުމަށް އެތަނުގައި އެ ސަރަޙައްދުގައި ހުރި އުސް ކެރޭނެއްވަނީ ހައްޖު ދުވަހުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެއްޓިފައެވެ. އެ ހާދިޘާގައި 118 މީހުން މަރުވެ 394 މީހުން ޒަޚަމްވިއެވެ.

އަދަދުތަކަށް އައި ބަދަލުތައް

މިިދިޔަ ބައިގަރުނަށް ބަލާއިރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖާޖީންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އައީ އިތުރުވަމުންނެވެ. މިއަދަދު ސައުދީ ސަރުކާރުން އިތުރުކުރަމުން އަންނަނީ ހަރަމާއި އެނޫންވެސް ސަރަހައްދުތައްވެސް ބޮޑުކުރުމާއި އެކުއެވެ. ނަމްބަރު އިތުރުކުރުމާއި އެކު މިނާގެ ފޭލިގެތަކާއި އަރަފާތު ދުވަހު އަރަފާތުގައި އަޅާ ޓެންޓްތަކުގެ އަދަދުވެސް ގިނަކޮށް ދޭ ހިދުމަތްތައްވެސް ފުޅާކުރިއެވެ.

ހިޖްރައިން 1390 ވަނަ އަހަރު މިއަދަދު ހުރީ 1.07 މިލިއަންގައެވެ. އޭގެ ދިހަ އަހަރު ފަހުން މިއަދަދު ދެ ގުނައަށް އިތުރުކޮށް އެއަހަރު 2.07 މިލިއަން މީހުން ޙައްޖުގައި ބައިވެރިވިއެވެ. ހިޖްރައިން 1433، 2012 ވަނަ އަހަރު މިއަދަދު 3.1 މިލިއަނަށް އިތުރުވިއެވެ. އެއަށްފަހު އަނެއްކާވެސް 2 މިލިއަނުން ދަށަށް ތިރިކުރިއެވެ. ފަހުގެ ތާރީހެއްގައި އެންމެ މަދު އަދަދަކަށް ޙައްޖުވެރިން ޙައްޖުގައި ބައިވެރިވީ 2020 ވަނަ އަހަރުއެވެ. އެއަހަރުގެ އަދަދަކީ 1000 އެވެ.

ޙައްޖުގެ މަންޒަރުތައް ލައިވްކޮށް ހުޅަނގުގެ މީޑިއާތަކަށް

ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ އަޅުކަމުގެ މަންޒަރުތައް ދެކުނުގެ މީޑިއާއަކުން ދެއްކުމަށް ފުރަތަމަ ފަހަރަށް ހުއްދަދިނީ 1998 ވަނަ އަހަރުއެވެ. ހިޖްރައިން 1412 ވަނަ މި ފުރުސަތު ލިބުނޫ މަޝްހޫރު ސީއެންއެންއަށެވެ.

ސައުދީން މި ފުރުސަތު ދީފައިވަނީ ސީއެންއެންގައި މަސައްކަތްކުރި މުސްލިމުންގެ ޓީމަކަށެވެ. އެއަހަރުގެ ޙައްޖުގެ ވާހަކަތައް މުޅި ދުނިޔެއަށް ގެނެސްދިނީ ސީއެންއެންގެ ކޮރަސްޕޮންޑަންޓް ރިޒް ހާނާއި ކެމެރާމަން އަދި ޑައިރެކްޓަރ މުހައްމަދު އައްސަދެވެ. ޙައްޖުގެ ވާހަކަތައް ގެނެސްދިނުމަށް މިޓީމުން ވަނީ 6 ދުވަސްވަންދެން މަސައްކަތް ކޮށްފައެވެ މި މަމްޒަރުތައް އެތައް މިލިއަން މީހުން ވަނީ ބަލާފައެވެ.

އޭގެފަހުން ޙައްޖާއި ގުޅޭ އެކި ޑޮކިއުމެންޓްރީއާއި މި ނޫންވެސް ގިނަ އުފެއްދުންތައް ދެކުނުގެ މީޑިއާތަކުން ވަނީ އުފައްދާފައެވެ. އަދި ޙައްޖު ދުވަހުގެ މަންޒަރުތައްވެސް އަންނަނީ ލައިވްކޮށް ދައްކަމުންނެވެ.

ރަށަށް ގެންދަން ޒަމްޒަމް ހޯދާ ކިއުތައް

ހަދިޔާއަށް ގެންނަން ޒަމްޒަމް ފެން މީހާރު ފަސޭހައިން ލިބުނު ނަމަވެސް ކުރިން މިކަން މުޅިން ތަފާތެވެ. ބާޒާރުމަތިން އެމީހަކަށް ޖެހުނު ސައިޒެއްގެ ހަމެއް ގަނެގެން ދިގު ކިއުތަކުގައި ޒަމްޒަމް ފެން ހޯދަން މީހުން ތިބެއެވެ. ބައެއް މީހުން އެއަރަޕޯޓަށް ދާއިރު ގެނައި މުދަލަށް ވުރެ ގިނައީ ޒަމްޒަމް ފެންފުޅިތަކެވެ.

މިފަދަ ބައެއް ސަބަބުތަކަށްޓަކައި ސައުދީ ސަރުކާރުން މިކަން ބަދަލުކުރިއެވެ. މިހާރު މިކިއުގައި ތިބޭކަަށް ނުޖެހެއެވެ. އަދި ފެން ހޯދަން ވިސްނާކަށްވެސް ނުޖެހެއެވެ. ފުރަން އެއަރޕޯޓަށް ދިއުމުން ކޮންމެ ޙާޖީއަކަށް 5 ލީޓަރުގެ ޒަމްޒަމް ފެން ހަމެއް ލިބޭނެއެވެ. އެކަމަކު ގެންދެވޭނީ އެންމެ ހަމަކެވެ.