މުބާރާތްތައް ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދިނުމާއެކު އެތުލެޓިކްސް ދެ މުބާރާތެއް މިއަހަރު ބޭއްވުމަށް ނިންމާފައިވާކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ބުނެފިއެވެ.
ކޯވިޑް-19އާ ގުޅިގެން މިއަަހަރު އެއްވެސް މުބާރާތެއް ބޭއްވިފައިނުވާއިރު، މިދިޔަ އަހަރުވެސް އެ އެސޯސިއޭޝަނަށް ބޭއްވިފައިވަނީ ވަރަށް މަދު މުބާރާތެކެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ ކޯވިޑް-19އިން އަރައިގަނެގެން މުބާރާތްތައް ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދިނުމާއެކު މުޅި ކަލަންޑަރަށް ބޮޑު ބަދަލެއް ގެންގަންޖެހޭކަމަށާއި އެންމެ އިސްކަމެއް ދޭނީ ޖޫނިއަރ ޗެންޕިއަންޝިޕާއި ޤައުމީ މުބާރާތް ބޭއްވުމަށްކަމަށެވެ. މިދިޔަ އަހަރު ޖޫނިއަރ ޗެންޕިއަންޝިޕް ބޭއްވުމަށް މަސައްކަތްކޮށް، މުބާރާތް ބާއްވަން ނިންމާފައިވާ އައްޑޫ ސިޓީއަށް މުބާރާތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނުވެސް ގެންދިޔަފަހުން، އައްޑޫ ސިޓީގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ. އަދި އެއަށްފަހު އައްޑޫ ސިޓީގެ ޙާލަތު ރަނގަޅުނުވާތީ މުބާރާތް ބޭއްވޭ ގޮތްވަނީ ނުވެފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިދާޅުވީ މިހާރު މާލޭ ސަރަޙައްދުގެ ކޭސްތައް ދަށްވުމާއި ގުޅިގެން ދީފައިވާ ލުއިތަކާއެކު ޚާއްސަ ގައިޑްލައިނެއްގެ ދަށުން ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށްގެންދާކަމަށާއި އުއްމީދަކީ ޢީދު ޗުއްޓީއަށްފަހު މުބާރާތްތައް ބޭއްވުމަށްވެސް ހުއްދަ ލިބިގެންދިޔުންކަމަށެވެ. މާލެ ސަރަޙައްދުގެ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން މީގެ މަހެއްހާ ދުވަސްކުރިން އެޗްޕީއޭއިންވަނީ ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަށްވެސް ބަންދުކޮށްފައެވެ. ނަމަވެސް ކޯވިޑް-19ގެ ކޭސްތަށް ދަށްވުމާއި ގުޅިގެން މިހާރު އެޗްޕީއޭއިންވަނީ ކުޅިވަރު ކުޅޭތަންތަން ހުޅުވާލާފައެވެ. ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އަދި ހުއްދަ ދީފައެއް ނުވެއެވެ.
ޖޫނިއަރ ޗެންޕިއަންޝިޕް އައްޑޫގައި ބޭއްވުމަށް ކުރިން މަސައްކަތްކޮށް ނުބޭއްވުނު ނަމަވެސް އަދިވެސް މަސައްކަތް ކުރާނީ އައްޑޫ ސީޓީގައި ޖޫނިއަރ ޗެންޕިއަންޝިޕް ބޭއްވުމަށްކަމަށް މުންތަގިމް ވިދާޅުވިއެވެ. އެގޮތުން މިހާރު ކަލަންޑަރުގައިވާ މުބާރާތްތަކުގެ ތެރެއިން ޖޫނިއަރ ޗެންޕިއަންޝިޕް ކުރިއަށްގެންދާނީ އޮކްޓޯބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީގައިކަމަށާއި ޤައުމީ މުބާރާތް މާލޭގައި ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް މުންތަގިމް ވިދާޅުވިއެވެ. ޖޫނިއަރ ޗެންޕިއަންޝިޕް އެހެން ތަނަކަށް ބަދަލުކުރާނީ އައްޑޫ ސޓީގައި މުބާރާތް ނުބޭއްވޭ ހާލަތަށް ގޮސްފިކަމަށްވާނަމައެވެ.
މީގެ އިތުރުން، އޭރު ޖޫނިއަރ ޗެންޕިއަންޝިޕް މުބާރާތުގައި 4 ކުލަބާއި 14 ސްކޫލްއަކުން ބައިވެރިވެފައިވާކަން މުންތަގިމް ހާމަކުރެއްވިއެވެ. އެއީ އައްޑޫ ސިޓީގެ ސްކޫލްތަކާއި ފުވައްމުލަކުގެ ސްކޫލްތަކުގެ އިތުރުން ގދ.އަތޮޅު އަދި ލ.އަތޮޅުގެ ސްކޫލްތަކެވެ. މުބާރާތް ކުރިއަށްދާނީ 13، 15، 17 އަދި 19 އަހަރުން ދަށަށެވެ.
ކުރިއަށް މިއޮތް ޢީދު ބަންދަށްފަހު އައްޑޫ ސިޓީ ކައުންސިލްއާއި މަޝްވަރާކޮށްގެން މުބާރާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެކަމަށްވެސް މުންތަގިން ވިދާޅުވިއެވެ.
މާލޭގައި އެތްލެޓިކްސްގެ މުބާރާތްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއާއިއެކު އެސޯސިއޭޝަނުން ހިއްސާކޮށްފައިވާ ގައިޑްލައިނަކީ ވަރލްޑް އެތުލެޓިކްސް ފެޑެރޭޝަންއާއި ގުޅިގެން ހަދާފައިވާ ގައިޑްލައިނެއްކަމަށާއި އެޗްޕީއޭއިން މުބާރާތްތައް ބޭއްވުމަށް ހުއްދަ ދިނުމާއެކު އަލުން ގައިޑްލައިން ރިވިއުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މުންތަގިން ވިދާޅުވިއެވެ.