ޚަބަރު

ހުކުރު ދުވަހު ކޯވިޑް ވެކްސިން ފުރިހަމަކުރީ 674 މީހުން


ރާއްޖޭގައި ކޯވިޑު ވެކްސިންގެ 2 ވަނަ ޑޯޒް، އިތުރު 674 އަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 255،954 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 674 މީހުންނަކީ އަތޮޅުތަކުން ވެކްސިންޖެހި މީހުންނެވެ. އަދި ހުކުރު ދުވަހު މާލެ ސަރަޙައްދުގައި ވެކްސިން ޖަހާދީފައެއް ނުވެއެވެ. މިއާއެކު ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދުވަނީ 255،954 އަށް އަރާފައެވެ.

ހުކުުރު ދުވަހު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 25 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 320،482 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ސިނޯފާމް ވެކްސިންގެ އިތުރުން، ކޯވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭއިން އަލުން ވަނީ ފަށާފައެވެ. އަދި ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮވިޝީލްޑް އެއްވަނަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެެ. އެހެންނަމަވެސް ޢީދު ބަންދާ ދިމާކޮށް މާލެ ސަރަޙައްދުގައި ވެކްސިން ދިނުން ވަނީ ހުއްޓާލާފައެވެ. އަދި ޢީދު ބަންދަށްފަހު ވެކްސިން ޕްރޮގްރާމް އަލުން ކުރިއަށް ގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.