ކޮވިޑް-19އަށްފަހު މިއަހަރުގެ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންނާއެކު ބާއްވާ ކުލަގަދަ މުބާރާތަކުންކަމަށް ސްވިމިންގެ އެސޯސިއޭޝަން އޮފް މޯލްޑިވްސުން ބުނެފިއެވެ.
ކޮވިޑް-19އާއި ގުޅިގެން ފެތުމުގެ އެއްވެސް މުބާރާތެއް މިއަހަރު ކުރިއަށް ގެންދެވިފައިނުވާއިރު، މިދިޔަ އަހަރުވެސް އެސޯސިއޭޝަންގެ ކަލަންޑަރުގައި ހިމެނެނު ގިނަ ހަރަކާތްތައްވަނީ ކެންސަލް ކުރަން ޖެހިފައެވެ. މިއަހަރު ނިމެން މިހާރު ބާކީ 5 މަސް އޮތްނަމަވެސް، މިއަހަރު ފެތުމުގެ 3 މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާކަމަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބް ރައީސް އިސްމާޢީލް އަލީ ވިދާޅުވިއެވެ.
އިސްމާޢީލް ވިދާޅުވީ ކޮވިޑް-19އާއި ގުޅިގެން މިހާ ގިނަ ދުވަސްފަހުން އެސޯސިއޭޝަނުން މުބާރާތެއް ކުރިއަށްގެންދާއިރު، ވަރަށް ކުލަގަދަ މުބާރާތެއް ބާއްވަން ބޭނުންވާކަމަށެވެ. އެގޮތުން މިއަހަރު އެންމެ ފުރަތަމަ ބާއްވަން ބޭނުންވަނީ ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތެވެ. މިއީ މިދިޔަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމި މުބާރާތެއް ނަމަވެސް، މިދިޔަ އަަހަރު މި މުބާރާތް ކުރިޔަށް ނުގެންދެވުނީ މާލެ ސަރައްޙަދުގެ ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން މުބާރާތްތައް ބޭއްވުމަށް ހުއްދަ ދީފައިނުވުމުގެ އިތުރުން މުބާރާތްތައް ބޭއްވޭފަދަ މާޙައުލެއް ނެތުމުންކަމަށް އިސްމާއީލް ވިދާޅުވިއެވެ.
ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތަކީ 2019ވަނަ އަހަރު އެސޯސިއޭޝަނުން ހިންގާފައިވާ މުބާރާތްތަކުގެ ތެރެއިން ކޮންމެ މުބާރާތަކުންވެސް 1ވަނަ، 2ވަނަ އަދި 3ވަނަ ހޯދާފައިވާ ފެތުންތެރިންގެ މެދުގައި ބާއްވާ މުބާރާތެއްކަމަށް އެސޯސިއޭޝަންގެ ނާއިބް ރައީސް އިސްމާޢީލް އަލީ ވިދާޅުވިއެވެ.
ރާއްޖޭގައި އަލަށް ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތް ބާއްވަން މަސައްކަތް ކުރަމުންދާއިރު، ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ޚާއްސަ މެޗެއް ކުޅެވެއެވެ. ބޭރު ޤައުމުތަކުގެ ބޮޑެތި ލީގުތަކުގައި މިކަން ކުރާއިރު، އެމެރިކާގެ ބާސްކެޓު ބޯޅަ ލީގު ފެށުމުގެ ގޮތުން އޯލް ސްޓަރ ގޭމެއް ކޮންމެ އަހަރަކުވެސް ކުޅެއެވެ.
ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބް ރައީސް އިސްމާޢިލް އަލީ ވިދާޅުވީ 2019ވަނަ އަހަރު ކުރިއަށް ގެންދެވުނު މުބާރާތްތަކުން ވަނަ ހޯދި ކުދިންނަށް އެސޯސިއޭޝަނުން ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުގައި ބައިވެރިވުމަށް ދަޢުވަތު ދޭނެކަމަށާއި އެންމެ މޮޅެތި ފެތުންތެރިން ވާދަކުރާ މުބާރާތް ކުރިއަށްދަނީ 14 އަހަރުން ދަށް އަދި 14 އަހަރުން މައްޗަށް ކަމަށެވެ. މި މުބާރާތުގައި 50 މީޓަރު، 100 މީޓަރު އަދި 200 މިޓަރުގެ އިންވެންޓްތައް ކުރިއަށްދާއިރު، 4 ސްޓްރޯކްގެ އިވެންޓްތައްވެސް ކުރިއަށްދާނެއެވެ. އަދި ޚާއްސަ ކެޓަގަރީއެއްގެ ގޮތުން 800 މީޓަރާއި 400 މީޓަރުގެ ފްރީ ސްޓައިލް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސްވިމިންގެ އެސޯސިއޭޝަނުން ބުންޏެވެ.
އަންހެން އަދި ފިރިހެން ބައި ވަކިން ކުރިއަށްގެންދާ މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ތިބި އެންމެ މޮޅު ފެތުންތެރިންތައް އެއްތަނަކަށް އެއްކޮށް، ފެންވަރު ރަނގަޅު ވާދަވަރި މުބާރާތެއް ބޭއްވުމެވެ. އެންމެ މޮޅު ފެތުންތެރިން ވާދަކުރާ މުބާރާތުގައި ނުކުންނަ ނަތީޖާތައްވެސް ރަނަގަޅުވާނެކަށް އިސްމާޢީލް ވިދާޅުވއެވެ.
މި މުބާރާތް ބާއްވާނީ ހުޅުމާލެ ސްވިމިންގް ޕޫލްގައެވެ. ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ އިތުރުން ނޮވެންބަރު މަހު ޤައުމީ މުބާރާތްވެސް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އަދި މުބާރާތެއް ބެއްވުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔަހާ އަވަހަށް އޯޕަން ވޯޓަރ އިންވިޓޭޝަނަލް ސްވިމިންގް މުބާރާތެއް ބެއްވުމަށް މިހާރު ތައްޔާރުވަމުންދާކަމަށް އެސޯސިއޭޝަންގެ ނާއިބް ރައީސް އިސްމާޢީލް ޢަލީ ވިދާޅުވިއެވެ.