ޚަބަރު

2 އަހަރުތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އިންޤިލާބީ ކުރިއެރުންތަކެއް


ރާއްޖޭގައި މިހާތަނަށް ވެރިކަންކުރި ބޭފުޅުން މައިގަނޑު ގޮތެއްގައި ވިސްނުން ބަހައްޓަނީ އަބަދުވެސް މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށެވެ. އަތޮޅުތެރޭގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދިޔަނަމަވެސް، މާލެ ސަރަޙައްދުގައި ހިންގާ މަސައްކަތްތަކާއި އަޅައެއް ނުކިޔެއެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަވާލުވެވަޑައިގަތް ހިސާބުން، އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކަށްވީ މާލެއާ އެއް ފެންވަރަށް އަތޮޅުތެރޭގައި ރަށްރަށުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިއުމެވެ. އަދި އެމަސައްކަތުގައި ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

ރާއްޖޭގެ އެންމެ އިތުރުން ތިލަދުއްމައްޗަށް ބަލާލާއިރު، ހދ.ކުޅުދުއްފުށްޓަކީ އެސަރަޙައްދުގެ ގިނަ ރަށްތަކަކުން އެކި ބޭނުންތަކަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެކެވެ. މީގެއިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަޙައްދުތަކުންވެސް އެރަށަކަށް އެކި ބޭނުންތަކަށް މީހުން ދަތުރުކުރެއެވެ. އެއީ އުތުރުގެ އިޤްތިޞާދީ ހަބެވެ. އެހެންކަމުން ކުޅުދުއްފުށްޓަށް އަންނަ ތަރައްޤީއަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް، ޚާއްސަކޮށް އުތުރުގެ ރަށްރަށުގައި އުޅޭ ރައްޔިތުންނަށް އެކަމުގެ ފައިދާކުރާނެ ކަންކަމެވެ.

ކުޅުދުއްފުށްޓަށް އެންމެ ގިނަ ބަޔަކު އަންނަ އެއް ބޭނުމަކީ ސިއްހީ ޙިދުމަތް ހޯދުމެވެ. އެގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އުތުރުގެ ރަށްރަށުގެ އިތުރުން، އެހެން ބައެއް ރަށްރަށުގެ މީހުންވެސް ޚިދުމަތް ހޯދަން ޒިޔާރަތްކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ޒައާމަތުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ލިބުނު ކުރިއެރުންތަކަށް ބަލާލާއިރު، ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 208 އިން 333 އަށް ވަނީ އިތުރުކޮށްފައެވެ. އަދި މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ދިވެހި 5 ޑޮކްޓަރެއް ވަނީ އެހޮސްޕިޓަލުގައި މަސައްކަތްކުރަން ފަށާފައެވެ. އެއީ އެތެރެ ހަށީގެ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި، ކުޑަކުދިންގެ 2 ޑޮކްޓަރުންގެ އިތުރުން އެމަޖެންސީ ވާޑްގައި ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރެކެވެ.

ހޮސްޕިޓަލުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންގެ އަދަދު 9 އިން 19 އަށް އިތުރުކޮށްފައިވާއިރު، ސްޕެޝަލިސްޓުންގެ އަދަދު ވަނީ 18 އިން 27 އަށް މަތިކޮށްފައެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ވަނީ 46 އަށް މިދިޔަ 2 އަހަރުތެރޭގައި އިތުރުކުރެވިފައެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރެވުނު އެހެން ބައެއް މަސައްކަތްތަކުގެ ތެރޭގައި، އައު ލޭބަރ ރޫމެއް ޤާއިމްކުރުން، ސެންޓްރަލް ސްޓެރަލައިޒޭޝަން ސަރވިސަސް ޑިޕާޓްމަންޓް ޤާއިމްކުރުން، އެންއައިސީޔޫ ތަރައްޤީކުރުން، 15 އަހަރަށް ފަހު އިންކިއުބޭޓަރެއް ހޯދިފައިވާއިރު އިތުރު ބޭބީ ވާމާސް އަދި ވެންޓިލޭޓަރާއި ފޮޓޯތެރަޕީ ޔުނިޓްތައް ހޯދުން، އޮކްސިޖަން ޕްލާންޓް، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ހުއްޓާލުމަށް އެހީވެދޭ ކުލިނިކް، އެމްއާރުއައި މެޝިން، ޕީސީއާރު ލެބު ތަރައްޤީކުރުމުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ތަރައްޤީއަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާއިރު، ހޮސްޕިޓަލަށް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން 30 އެނދުގެ ވާޑް އިމާރާތަކާއި، 6 އެނދުގެ އައިސީޔޫއަކާއި، ލެބޯޓްރީ ބޮޑުކުރުމާއި، ހޮސްޕިޓަލް ވޯކްވޭއަކުން ގުޅުވާލުމާއި އަދި އޯޕީޑީ މަރާމާތުކުރުމާއި، ބެކަޕް ޖަނަރޭޓަރެއް ބެހެއްޓުމާއި، ބްލަޑް ބެންކެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2020 ވަނަ އަހަރު 184 ރަށަކުން 101362 މީހަކު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީން ޚިދުމަތް ހޯދާފައެވެ. މީގެތެރެއިން ކުޅުދުއްފުށްޓަށް ނިސްބަތްވަނީ 51382 މީހުންނެވެ. އަދި 23155 މީހުންނަކީ ހދ. އަތޮޅުގެ 12 ރަށަކަށް ނިސްބަތްވާ މީހުންނެވެ.

2020 ވަނަ އަހަރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އައިޕީޑީން 2565 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. އަދި 450 އަށްވުރެ ގިނަ މީހުން ވިއްސާފައިވާއިރު، އޮބްސްޓެޓްރިކް އަދި ގައިނީ ވާޑްގައި 1200 އަށް ވުރެ ގިނަ މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެއެވެ. 8013 މީހަކަށް ޑްރެސިންގ ރޫމްގައި ފަރުވާދިންއިރު، 6955 މީހަކަށް އީއާރުގައި ވަނީ ފަރުވާދީފައެވެ. އަދި 18 މީހަކު ޑަޔަލިސިސިސް ހަދަމުންދާއިރު ޖުމްލަ 1662 ޑަޔަލިސިސިސް ވަނީ ހޮސްޕިޓަލުން ހަދާފައެވެ. އަދި 529 އޮޕަރޭޝަން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކުރެވިފައިވެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެނެސްދެއްވި ތަރައްޤީގެ ފޮނިމީރުކަން ލިބެމުން އަންނައިރު، ސަރުކާރުގެ މަސައްކަތް މިހާހިސާބުން ނިމުނީއެއް ނޫނެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ބޮޑު މަޝްރޫޢެއް ސަރުކާރުން ވަނީ ފަށާފައެވެ. އަދި ވަރަށް އަވަހަށް އެމަސައްކަތް ބީލަމަށް ހުޅުވާލެވޭނޭކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ. ޓަޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީވުމުން، އިތުރު އެއްވެސް ތަނަކަށް ނުގޮސް ބޭނުންވާ ހުރިހާ ސިއްހީ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ކުޅުދުއްފުށިން ލިބިގެންދާނެއެވެ. އަދި ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ކުރިންވެސް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.