އޭއެފްސީ ކަޕުގައި ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަށް ރާއްޖޭގައި ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ. މި ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ބަންގްލަދޭޝްއާ ވާދަކޮށެވެ.
މި ގުރޫފުގެ މެޗްތަށް ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުއެވެ. އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ލީގު ޗެމްޕިއަން މާޒިޔާއާއި ކުލަބު އީގަލްސުންވަނީ މިހާރު ފަރިތަކުރުންތަށް ފަށާފައެވެ. ކޯވިޑް-19އާއި ގުޅިގެން އޭއެފްސީން ނިންމާފައިވަނީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި މެޗްތަށް ކުޅުމަށެވެ. އެއީ ކޯވިޑް-19އާއި ގުޅިގެން އެއް ޤައުމުން އަނެއް ޤައުމަށް ޓީމްތަށް ދަތުރުފަތުރު ކުރުމުގައި އުނދަގޫތަކެއް ހުރުމުންނެވެ.
މިއީ ރާއްޖޭގައި ގުރޫޕް ޑީގެ މެޗްތަށް ހޯސްޓް ކުރުމަށް ލިބުނު ތިންވަނަ ފަހަރުއެވެ.
އެންމެ ފަހުން ރާއްޖޭގައި މި ގުރޫޕްގެ މެޗްތަށް ބާއްވަން މަސައްކަތްކޮށްފައިވީ ނަމަވެސް މެޗްތަށް ކުޅެވޭގޮތް ނުވީ ޕްލޭއޯފް މެޗަށް ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީން އެޗްޕީއޭ އަދި އޭއެފްސީގެ ގައިޑްލައިނާއި ޚިލާފުވުމުންނެވެ. އޭރު މާލޭ ސަރައްޙައްދުގެ ކޯވިޑް-19ގެ ކޭސްތަށް ހުރި ގޮތުން ހޮޓަލުން ބޭރަށް ޓީމު ދިޔުން އޮތީ މަނާކޮށްފައެވެ. ނަމަވެސް ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ވަނީ ހޮޓަލުން ބޭރަށް ނުކުމެ މަގުމަތީގައި އުޅެފައެވެ.
އެންމެ ފަހު ވަގުތު ރާއްޖެއިން އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚައްސަ ގުރޫޕުގެ މެޗްތަށް ބޭއްވުމަށް ބިޑް ކުރީ މި ގުރޫޕްގެ މެޗްތަށް ހޯސްޓް ކުރާނެ ޤައުމެއް ނުވެއްޖެނަމަ، މި ގުރޫޕްގެ ހުރިހާ މެޗެއް ކެންސަލް ކުރުމުގެ ބިރު އޮތުމާއި ގުޅިގެންނެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މެޗްތަށް ހޯސްޓް ކުރާނެ ޤައުމެއް ނުވެގެން މެޗްތަށް ކެންސަލް ކުރަން ޖެހިއްޖެނަމަ، އޭގެ ގެއްލުން ރާއްޖޭގެ ޓީމްތަކަށް ވަރަށް ބޮޑަށް ކުރާނެކަމަށާއި މާޒިޔާއާއި އީގަލްސްއިންވަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށެވެ. ޚާއްސަކޮށް މާޒިޔާއިންވަނީ މުބާރާތަތަށް ވަރަށް ބޮޑު ޚަރަދެއްވެސް ކޮށްފައެވެ.
އޭއެފްސީން ނެރުނު ބަޔާނުގައިވާގޮތުން މިއަންނަ މަހުގެ 15ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ޕްލޭއޯފްގައި ރާއްޖޭގެ ކުލަބު އީގަލްސްއާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗެވެ. އަދި ގުރޫޕް ސްޓޭޖްގެ މެޗްތަށް ކުޅުމަށް ތާވަލްކޮށްފައިވަނީ މިއަންނަ މަހުގެ 18، 21 އަދި 24ގައެވެ. ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕްގައި މިވަގުތު އޮތީ ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއެވެ.
މި ގުރޫޕްގެ ފަހު ޖާގަ ލިބިގެންދާނީ ޕްލޭއޯފްގައި ކުލަބް އީގަލްސްއާއި ބެންގަލޫރު އެފްސީ ވާދަކޮށް މޮޅުވާ ޓީމަކަށެވެ.