ޚަބަރު

ރާއްޖޭގެ އެތުލީޓުން އޮލިމްޕިކްސްއަށް ފުރައިފި


ޖަޕާންގައި މިއަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ އެތްލީޓުން ޓޯކިޔޯއަށް މިއަދު ފުރައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވެފައިވަނީ ތިން ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް އާއި، ބެޑްމިންޓަން އާއި ސްވިމިންގްއެވެ. ރާއްޖެއިން އޮލިމްޕިކްސްގައި ބައިވެރިވާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ)އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ތިން ކުޅިވަރެއްގައި ވާދަކުރާއިރު ސްވިމިންގައި ވާދަކުރާ މުބާލް އައްޒާމް އިބްރާހިމް ވާދަކުރާނީ 100 މީޓަރު ފްރީ ސްޓައިލްގައެވެ. މުބާލް ބައިނަލްއަގްވާމީ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، 15 ގައުމީ ރެކޯޑެއްވަނީ މުގުރާލާފައެވެ.

އައިޝަތު ސާޖިނާ ވާދަކުރާނީ 200 މީޓަރު ބްރެސްޓް ސްޓްރޯކްގައެވެ. ސާޖިނާވަނީ ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތަކުން 2 ސިލްވަރ މެޑަލް އާއި 1 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

ބެޑްމިންޓަންއިން މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ލައްވާލާފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. ނަބާ ހިމެނޭ ގްރޫޕް ޖީގައި އޮތީ ސިންގަލްސް ކެޓަގަރީން ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯ އާއި ދުނިޔޭގެ ރޭންކިން 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއިއެވެ. ސިންގަލްސް ބައިން ނަބާގެ ރޭންކިން އަކީ ދުނިޔޭގެ 252އެވެ. ބެޑްމިންޓަންގެ ކޮންމެ ގްރޫޕަކުން އެއްވަނަ އަނެއް ބުރަށް ހޮވޭނެއެވެ. ނަބާވަނީ ރާއްޖެއަށް 2 ގޯލްޑް މެޑަލްއާއި 4 ސިލްވަރ އަދި 8 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައިވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ. މިފަހަރުގެ އޮލިންޕިކްސްގައި ސާއިދު ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރުގައެވެ. ސާއިދުވަނީ މިހާތަނަށް ރާއްޖެއަށް 3 ގޯލްޑް މެޑަލް އާއި 2 ސިލްވަރ މެޑަލްއާއި 4 ބްރޯންޒް މެޑަލް ހޯދާދީފައެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު)އެވެ. އޭނާއަށް މި ފުރުސަތު ދިނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ. އޭނާއަށް މި ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ވުމުންނެވެ.