ޚަބަރު

ޕްލޭ އޯފްއަށް ތައްޔާރުވުމަށް އީގަލްސް ފަރިތަކުރުންތަށް ފަށަނީ


އޭއެފްސީ ކަޕްގެ ޕްލޭ އޯފްއަށް ތައްޔާރުވުމަށް ކުލަބް އީގަލްސް މިއަންނަ ބުދަ ދުވަހު ފަރިތަކުރުންތަށް ފެށުމަށް ހަމަޖެހިފައިވާކަމަށް އެކުލަބުން ބުނެފިއެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ކުޅޭ ގޮތަށް އޭއެފްސީއިންވަނީ ނިންމާފައެވެ. އޭއެފްސީ ކަޕްގެ ޕްލޭ އޯފްގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި އިންޑިޔާގެ ބެންގަލޫރު އެފްސީ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 15ވަނަ ދުވަހު އެވެ. މި މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ޑީ އިން ފުރުސަތު ލިބިގެންދާނެއެވެ.

މެޗަށް ތައްޔާރުވުމަށް މިއަންނަ ބުދަ ދުވަހު ކުލަބު އީގަލްސްއިން ފަރިތަކުރުންތަށް ފެށުމަށް ހަމަޖެހިފައިވާއިރު، ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ މިއީ ކުލަބު އީގަލްސްއަށް ވަރަށް މުހިންމު މެޗެއްކަމަށާއި މިމެޗަށް ތައްޔާރުވުމަށް ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ޓީމު ބަދަލުތަކެއް ގެނައުމަށްފަހު ޓީމު ވަރަށް ރަނގަޅަށް ތައްޔާރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެކަމަށް ޝާޒްލީ ބުންޏެވެ.

މިމެޗު މާލޭގައި ކުޅުމުގެ ފުރުސަތު ލިބުމާއެކު ހޯމް އެޓްވާންޓޭޖްއިން ލިބެން ހުރި ހުރިހާ ފައިދާއެއްވެސް ނަގާނެކަމަށް ޝާޒްލީ ވިދާޅުވިއެވެ. މިމެޗަށް ނުކުންނައިރު ބެންގަލޫރު ފޭވަރިޓުންނަށް ވީނަމަވެސް، އެޓީމަށްވެސް މާލޭގައި މެޗު ކުޅެން އުނދަގޫވާނެކަމަށާއި މެޗުން މޮޅުވުމަށް އެޓީމުގެ ބަލިފައިތަށް ބަލާ އެއަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށްވެސް ކުލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުންޏެވެ. އަދި މިމެޗުން މޮޅުވެގެން ގުރޫޕް ސްޓޭޖަށް ވަނުމުގެ ފުރުސަތު އޮތުމާއެކު ކުލަބު އީގަލްސްގެ ކޮންމެ ކުޅުންތެރިއެއްވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ. ކުލަބް އީގަލްސްއިން ބުނީ މިމެޗަށް ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އޭއެފްސީން ނެރުނު ބަޔާނުގައި ވާގޮތުން މިއަންނަ މަހުގެ 15ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ޕްލޭއޯފްގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗެވެ. އަދި ގުރޫޕް ސްޓޭޖްގެ މެޗްތަށް ކުޅުމަށް ތާވަލްކޮށްފައިވަނީ މިއަންނަ މަހުގެ 18، 21 އަދި 24ގައެވެ. ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕުގައި މިވަގުތު އޮތީ ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއެވެ. މި ގުރޫޕްގެ ފަހު ޖާގަ ލިބިގެންދާނީ ޕްލޭއޯފްގައި ކުލަބް އީގަލްސްއާއި ބެންގަލޫރު އެފްސީ ވާދަކޮށް މޮޅުވާ ޓީމަކަށެވެ.