ޚަބަރު

ހަކަތައިގެ ބޮޑު މަޝްރޫޢުގެ މަސައްކަތް ނިމެންދެން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ


މާލެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ގްރޭޓަރ މާލެ ކަނެކްޝަން ގްރިޑްގެ މަސައްކަތް ކުރަމުންދާތީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މިމަސައްކަތުގެ ދަށުން މިއަދު ކުރިއަށްދަނީ ހުޅުލޭގައި ޤާއިމުކޮށްފައިވާ ސަބް ސްޓޭޝަންތައް އެނަރޖައިޒްކުރުމުގެ މަސައްކަތްކަމުން، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު ބޮޑީ ހުޅުމާލެއިންކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިމަސައްކަތްކުރާ ވަގުތުތަކުގައި ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ. މިމަސައްކަތް ބުދަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

އެހެންކަމުން މިމަސައްކަތް ކުރިއަށްދާ ގަޑިތަކުގައި މިމަހުގެ 22، 23 އަދި 24 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 ޖެހުމާހަމައަށް ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން އެންމެ ފަހުގެ ޓެސްޓިން މަރުޙަލާ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުކަމަށެވެ.

މާލެއާއި ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކިލޯ ވޮޓްގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލަން ކުރިއަށްގެންދާ މިމަޝްރޫޢުއާއެކު މިސަރަޙައްދުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިއާއެކު މިއިން ކޮންމެ ސަރަޙައްދަކުން ކަރަންޓު ކެނޑުނުކަމުގައިވީނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި އަނެއް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ގްރިޑުން ހަކަތަ ފޯރުކޮށްދީ ކަރަންޓުގެ މައްސަލަ ޙައްލުކުރެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 މެގަވޮޓްގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ.

ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.