ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކީ ކުރިއަށްގެންދިއުމަށް އާބާދީ ކުދި ރަށްރަށުގެ މީހުން އާބާދީ ބޮޑެތި ރަށްރަށަށް ހިޖުރަކުރަންޖެހޭކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ހއ. ދިއްދޫގައި ރޭ އޮތް ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ތަޢުލީމީ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެއަތޮޅު ދިއްދޫގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، އައިހެވަން މަޝްރޫއު އަކީ މިސަރުކާރުން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުކަމުގައެވެ. އަދި މިމަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި އެސަރަހައްދުގައި އެންމެ ކުޑަވެގެން 14000 މީހުންގެ އާބާދީއެއް އޮންނަން ޖެހޭނެކަމަށް އައިހެވަންގެ ފީސިބިލިޓީ ހެދި ފަރާތުން ބުނެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިފަދަ ބޮޑު އާބާދީއެއް އައިހެވަން މަޝްރޫއަށް ބޭނުންވަނީ ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ކަންކަން ކުރުމަށް ކަމަށާއި މިމަޝްރޫޢުގައި ހަމައެކަނި ހިމެނެނީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ނޫންކަމަށާއި އޭގެއިތުރުން ތެޔޮ ރައްކާކުރާ އަދި ތެޔޮ ސާފުކުރާ ކާރުޚާނާތައްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެލްޖީއޭގެ ރައީސްގެ މަޤާމްވެސް ފުރުއްވާ، ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މިކަހަލަ ބޮޑެތި މަޝްރޫއުތައް ރާއްޖެއާ ދިމާލަށް ގެންނަން މަސައްކަތްކުރާއިރު ކުދި އާބާދީތައް، ބޮޑެތި އާބާދީ ހުރި ތަންތަނަށް ހިޖުރަކުރަންޖެހޭ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ ތަރައްގީވެފައި ހުރި ޤައުމުތަކުގެ ލިސްޓަށް މީގެ 20 އަހަރު ފަހުން އެރުމަށް މަސައްކަތް ކުރާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބޮޑެތި އާބާދީތައް ހުރި ތަންތަނަށް ކުދި އާބާދީތައް ހިޖުރަކުރުން ކަމަށެވެ. އަދި މި ސަރުކާރުން އެއްފަސްކުރުމުގެ ސިޔާސަތު ގެންގުޅުއްވާކަމަށާއި ނަމަވެސް އެއީ މަޖުބޫރުކޮށްގެން ކުރާ ކަމެއްނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ޖަލްސާ" ގައި އެއަތޮޅުގެ ތައުލީމީ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކާއި އެއަތޮޅުގެ ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ހިންގުންތެރި ރަށު ކައުންސިލަށާއި، މުޅި އަތޮޅުގެ ކްލަބް ޖަމްއިއްޔާތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކްލަބް ޖަމްއިއްޔާއަށްވެސް ވަނީ އެވޯޑް ދީފައެވެ.މީގެއިތުރުން އެންމެ ކާމިޔާބު އެދުރުންގެ އެވޯޑާއި އަދިވެސް އެކި ދާއިރާތަކުން އައަތޮޅުން ފާހަގަކުރެވޭ ފަރާތްތަކަށް މި ހަފްލާގައިވަނީ އެވޯޑް ދީފައެވެ.