ޓޯކިޔޯ އޮލިމްޕިކްސްގައި ރިޗާލްސަން ރެކޯޑެއް ހެދިއިރު ބްރެޒިލުން ޖަރުމަން މައްޗަށް ކުރި ހޯދައިފިއެވެ.
ޓޯކިޔޯ އޮލިމްޕިކްސްގެ ފިރިހެން ބައިގެ މެޗްތައް މިއަދު ކުރިއަށް ދިޔައިރު ބްރެޒިލުންވަނީ ޖަރުމަނުގެ މައްޗަށް 4 ލަނޑު 2 ލަނޑުން ކުރި ހޯދާފައެވެ. މެޗުގެ ދެވަނަ ހާފްގައި ޖަރުމަންގެ އާނޯލްޑްއަށްވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެއާއެކު މެޗުގެ ދެވަނަ ހާފުގެ ބޮޑުބައި ޖަރުމަން ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މި މެޗުގައި ހެޓްރިކް ހެދި ރިޗާލްސަން ވެގެންގޮސްފައިވަނީ ޕްރިމިއަރ ލީގަށް ކުޅެމުންދާ ކުޅުންތެރިއަކު އޮލިމްޕިކްސްގައި ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެންތެރިޔާއަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ބްރެޒިލުން ޖެހީ މެޗުގެ 7 ވަނަ މިނެޓްގައެވެ. ފުރަތަމަ ހާފުގެ ތިރީސް މިނެޓުގެ ތެރޭގައި ބުރެޒިލުންވަނީ ހެޓްރިކްއެއް ހަދާފައެވެ. މި ތިން ބްރެޒިލްއަށް ކާމިޔާބުކޮށްދިނީ ރިޗާލްސަންއެވެ. ދެވަނަ ލަނޑު މެޗުގެ 22ވަނަ މިނެޓްގައި އަދި ތިންވަނަ ޖެހީ މެޗުގެ 30ވަނަ މިނެޓްގައެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު ކޮޅުގެ ތެރޭގައި ބްރެޒިލަށް ޕެނަލްޓީއެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމުގެ މެތިއުސް ފޮނުވާލި ބޯޅަވަނީ ޖަރުމަނުގެ ކީޕަރު މުލާ ދިފާޢުކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ޖަރުމަން ޓީމުންވަނީ ކުޅުން ރަނގަޅުކޮށް ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 57ވަނަ މިނެޓުގައި ނަޓީމް އަމީރީވަނީ ގޯލެއް ޖަހާ ޖަރުމަނަށް ސުން ކަނޑުވާލަދީފައެވެ. މެޗްގެ 63ވަނަ މިނެޓްގައި ޖަރުމަންގެ އާނޯލްޑްއަށް ރަތް ކާޑު ދެއްކުމުން، އެޓީމުން ކުރަމުންދިޔަ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިނަމަވެސް، ލަނޑެއް ޖެހުމަށް ޖަރުމަނުން މަސައްކަތް ކުރަމުންދިޔައެވެ.
ޖަރުމަން ޓީމުން ޖެހި ދެވަނަ ލަނޑު އެޓީމުން ޖެހީ މެޗުގެ 84ވަނަ މިނެޓްގައި އޭޗްއެވެ. އެއް ކުޅުންތެރިއަކު މަދުވުމުން، ޖަރުމަން ޓީމްއަށްވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް އުދަގޫވެފައެވެ. މެޗް 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުކޮޅުގެ ތެރޭގައި ބްރެޒިލްއިން ވަނީ އެޓީމްގެ 4ވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ޕައުލީނިއޯއެވެ.