ޚަބަރު

ސަންޗޯ ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފި


ޖޭޑަން ސަންޗޯ މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފިއެވެ.

ބޮރޫޝިޔާ ޑޯޓުމުންޑުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އިނގިރޭސިވިލާތުގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ ޖޭޑަން ސަންޗޯ މެންޗެސްޓަރއާއެކު މެޑިކަލް ފުރިހަމަކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ކުލަބަށް ސަންޗޯ ބަދަލުވަނީ 85 މިލިޔަން ޔޫރޯގެ އަގަކަށެވެ. ޔުނައިޓެޑަށް އޭނާ ގުޅެނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެ މުއްދަތު އަދި ހަވަނަ އަހަރަކަށްވެސް އިތުރުކުރެވޭނެއެވެ. ސަންޗޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ އެ ކުލަބާ ގުޅޭ ހަތަރުވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށްފަހު އެކުލަބުން އާންމު ކުރި ވީޑިއޯއެއްގައި ސަންޗޯ ބުނީ މިއީ އޭނާގެ ކުލަބުކަމަށާއި މިއީ އޭނާ ހުންނަން ޖެހޭ ކުލަބުކަމަށެވެ. ކުލަބުގެ އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ސަންޗޯބުނީ މިއީ ހުވަފެނެއް ހަޤީޤަތަކަށް ވުންފަދަކަމެއްކަމަށާއި ޕްރިމިއަރ ލީގުގައި އަލުން ކުޅެން މިހާރު މިހިރީ ކެތް މަދުވެފައިކަމަށެވެ. މިވަގުތު މެންޗެސްޓަރ ޔުނައިޓެޑުގައި އޮތީ ވަރަށް ޒުވާން ޓީމެއްކަމަށާއި އެކުގައި މަސައްކަތްކޮށްގެން ކާމިޔާބު ހޯދޭނެކަމަށް ސަންޗޯ ބުންޏެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އޮލޭ ގަނާ ސޯލްޝަޔާ ބުނީ ކުލަބަށް މިވަގުތު ބޭނުންވެފައިވާ ވައްތަރުގެ ކުޅުންތެރިއެއްކަމަށާއި މީގެ ކުރިން ސަންޗޯ ޖަހާފައިވާ ގޯލުތަކާއި އޭނާގެ އެސިސްޓްތަކުގެ ސަބަބުން ޔުނައިޓެޑަށް އޭނާއާއެކު ކާމިޔާބު ހޯދޭނެކަމަށް ޤަބޫލު ކުރާކަމަށްވެސް ކޯޗު ސޯލްޝަޔާ ބުންނެވެ.

ސަންޗޯވަނީ ޑޯޓުމަންޑަށް 137 މެޗުގައި 50 ގޯލު ޖަހައި 64 އެސިސްޓުކޮށްދީފައެވެ. އޭގެ އިތުރުން އޭނާވަނީ ޑޯޓުމަންޑަށް ކުޅުނު 3 އަހަރުގެ ތެރޭގައި 2 ތަށި އެ ކުލަބަށް ހޯދައިދީފައެވެ.