ބަރަހަނާ ފިލްމު ހަދާ މައްސަލައިގައި މުމްބާއި ކްރައިމް ބްރާންޗުން ހައްޔަރުކޮށްފައިވާ ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދްރާއަށް މި މައްސަލައިން ސަލާމަތްވާނެ ކަމުގައި ކޮޅުމަތި އަވަހަކަށް ފެންނާނެހެނެއް ހިޔެއްނުވެއެވެ.
މި މައްސަލައާއި ރާޖް ތަޙްޤީޤަށް އެއްބާރުލުން ނުދޭކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. އެހެންކަމަމުން އެނާގެ އަމިއްލަ ކުންފުނި ވިއާން އިންސްޓްރީގެ 4 މުވައްޒަފަކު ރާޖާއި ދެކޮޅަށް ހެކިބަސްދޭން ތައްޔާރަށް ތިބިކަމަށްވެސް ވެއެވެ.
މުމްބާއި ކްރައިމް ބްރާންޗާއި ޙަވާލީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ވިއާން އިންޑަސްޓްރީގެ ބައެއް މުވަޒަފުން މިހާރުވެސް ތިބީ ރާޖް އާއި ދެކޮޅަށް ހެކިބަސްދޭން ތައްޔާރަށެވެ. ބަރަހަނާ ފިލްމު އުފައްދައި އެ ވިއްކައިގެން ވިއާން އިންޑަސްޓްރީއަށް ފައިދާ ލިބިފައިވާކަމަށްވެސް ފުލުހުން ވަނީ ކޯޓުގައި މީގެކުރިން ބުނެފައެވެ.
މަނީ ލޯންޑްރިންނާއި ފޮރިން އެކްސޭންޗޭންޖް ޤަވާއިދުތަކަށް ތަބާނުވި މައްސަލައިގައިވެސް ރާޖް އާއި ދެކޮޅަށް މައްސަލަ ރަޖިސްޓްރީކުރަން ހުށަހަޅާނެކަމަށް ޚަބަރުތައް ބުނެއެވެ.
ރާޖްގެ އަންހެނުން އަދި ބަޠަލާ ޝިލްޕާ ޝެޓިގެ އެއްވެސް ރޯލެއް މި މައްސަލަތަކުގައި ވޭތޯވެސް ފުލުހުން އަންނަނީ ތަޙްޤީޤުކުރަމުންނެވެ. މި ތަޙްޤީޤުގައި ހުކުރު ދުވަހު 6 ގަޑިއިރުވަންދެން ޝިލްޕާއާއި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އޭނާގެ އެއްވެސް އަތެއް މިކަމުގައި ނުވާނެކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅުން ހުރި 10 މީހަކާއިއެކު ރާޖް ހައްޔަރުކުރީ މިމަހުގެ 19 ވަނަދުވަހުއެވެ. އަދި މި އެންމެން މިމަހުގެ 27ގެ ނިޔަލަށް ތިބޭނީ ފުލުހުންގެ ބަންދުގައެވެ.