މި މަހުގެ 30 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުން އައި ފިލްމު "މިމީ" ލީކު ކޮށްލައިފިއެވެ. މި ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ ހަމައެކަނި ނެޓްފިލްކްސާއި ޖިއޯ ސިނަމާގައެވެ.
ކްރިތީ ސެނޮން ސޯލޯ ލީޑްރޯލުން ފެނިގެންދާ ފިލްމު "މިމީ" ލީކްކޮށްލާފައި މިވަނީ ނެޓްފްލިކްސްއިން ފިލްމު ދައްކަން އެންމެ 4 ދުވަހަށް ވެފައި ވަނިކޮށެވެ. މި ފިލްމުގެ ޕައިރޭޓެޑް ވާރޝަން ޓެލެގްރާމުގައި ލީކުކޮށްލާފައިވަނީ އިއްޔެއެވެ.
ފިލުމުތަކުގެ ޕައިރޭޓެޑް ވާރޝަން އާއްމުކޮށް ލީކުކުރަމުން އަންނަނީ ޓެލެގްރާމުގައެވެ. އެހެންނަނަމަވެސް ފިލްމު ރިލީޒްކުރާ މުއްދަތު މިހާ ކައިރިވެފައިވަނިކޮށް ފިލްމު ލީކުކޮށްލުމަކީ އާއްމުކަމެއް ނޫނެވެ. ޕްރޮޑަކްޝަން ޓީމުން މިހާރުދަނީ މި މައްސަލަ ޙައްލުކުރެވޭތޯ މަސައްކަތް ކުރަމުންކަމަށް އެޓީމުން ބުނެއެވެ.
"މިމީ" އަކީ 2011 ގައި ރިލީޒްކޮށް ނެޝަނަލް އެވޯޑް ވެސް ހޯދި މަރާޓީ ފިލްމު "މަލާ އާއީ ވަޗީ" ގެ ރީމޭކެކެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ކްރިތީ ކުޅުނު "ރާބްތާ" އާއި "ލުކާ ޗުއްޕީ" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިންނެވެ.
މިހާތަނަށް ކްރިތީ ކުޅެފައިވާ އެންމެ ތަފާތު ފިލްމަށް މި ފިލްމު ވާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި އޭނާވެސް ބުނެއެވެ. މި ފިލްމުގައި ކްރިތީ އަދާކުރާ ރޯލަށް ފިޓްވުމަށް އެނާވަނީ 15 ކިލޯ ބަރުވެސްވެފައެވެ.
މި ފިލްމުގް ޕްލޮޓް ބިނާކޮށްފައިވަނީ މިހާރު އިންޑިއާގައި އާޢްމުވަމުން އަންނަ އިޖްތިމާއި މައްސަލައަކަށެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ދަރިން ނުލިބޭ އަންހެނުންނަށް ދަރިން ހޯދާދިނުމަށް ސަރޮގޭޓް މަންމައިންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ މައްޗަށެވެ. އާމްދަނީ ހޯދުމަށް މީ އިންޑިއާގައި މިހާރު އާއްމުވާން ފަށާފައިވާ ވިޔަފާރިއެކެވެ.
"ލުކާ ޗުއްޕީ" ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކްރިތީގެ އިތުރުން ޕަންކަޖް ތުރިޕަތީ، ސާއީ ތަމްހާކަރް، މަނޯޖް ޕަހްވާ އަދި ސުޕްރިޔާ ޕަތަކް ވެސް ފެންނާނެއެވެ.
ކްރިތީގެ ކުރިއަށް ހުރި ފިލްލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އާއި ޕްރަބާސްގެ "އާދިޕުރުޝް" ގެ އިތުރުން ރާޖްކުމާރު ރާއޯއާ އެކު ކުޅެފައިވާ ދިނޭޝްގެ "ހަމް ދޯ ހަމާރޭ ދޯ" ހިމެނެ އެވެ.