މުނިފޫހިފިލުވުން

"ހައުސް އޮފް ޑްރެގަން" ގެ ޝޫޓިންތައް އަނެއްކާވެސް ފަށައިފި


އެޗްބީއޯގެ ކާމިޔާބު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޮންސް" ޕްރިކުއަލް "ހައުސް އޮފް ޑްރެގަން" ގެ ޝޫޓިންތައް އަނެއްކާވެސް ފަށައިފިއެވެ. ކުރިން ޝޫޓްކުރަމުންދިޔަ ފިލްމުގެ މަަސައްޖަތް ހުއްޓާލީ ފިލްމު ކުރޫގެ މެމްބަރަކު ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ.

މި ސީރީޒްގެގެ ޝޫޓިންތައް މިހާރު ކުރިއަށްދަނީ އިނގިރޭސިވިލާތުގައެވެ. މި ސީރީޒް ރިލީޒްކުރުމަށް އަދި ތާވަލުކޮށްފައިވަނީ އަންނަ އަހަރުއެވެ. އެޗްބީއޯ އިން އިޢުލާންކޮށްފައި ހުރި "ގޭމް އޮފް ތްރޮންސް" ގެ ގިނަ ސިލްސިލާތަކުގެ ތެރެއިން ޝޫޓިންތައް މިހާރު ކުރިއަށްދާ ހަމައެކަނި ސީރީޒަކީ "ހައުސް އޮފް ޑްރެގަން" އެވެ.

މި ސިލްސިލާގައި ޕްރިންސަސް ރައެންރާ ތާގޭރިއަންގެ ރޯލުން ފެނިގެންދާނީ އެމާ ޑިއާސީއެވެ. ޕްރިންސް ޑައިމަން ތާގޭރިއަންގެ ރޯލުން މެޓް ސްމިތް ފެންނައިރު، އޮލިވިއާ ކޫކް ފެންނާނީ އެލިސެންޓް ހައިޓަވަރ ގެ ރޯލުންނެވެ. މީގެ އިތުރުން ރައިސް އިފާންސް ފެންނާނީ އޮޓޯ ހައިޓަވަރ ރޯލުންނެވެ. އަދި ދަ ސީ ސްނޭކްގެ ރޯލުން ފެނިގެންދާނީ ސްޓީވް ޓޮއުސިއަންޓެވެ.

"ހައުސް އޮފް ޑްރެގަން" ގެ އިތުރުން ނެޓްފްލިކްސް ޝޯ "ބްރިޖެޓަން" ގެ ޝޫޓިންތައްވެސް ވެސް ވަނީ ކްރޫ މެމްބަރަކު ޕޮޒިޓިވްވެ މެދުކަނޑާލަން ޖެހިފައެވެ. މީގެއިތުރުން ޓޮމް ކްރޫޒްގެ ކުރިއަށް އޮތް ފިލްމު "މިޝަން އިމްޕޮޒިބްލް 7" ގެ ޝޫޓިންތައްވެސް ވަނީ ކޯވިޑް ބަލިމަޑުކަމާއި ހެދި ލަސްކުރަން ޖެހިފައެވެ.

"ހައުސް އޮފް ދަ ޑްރެގަން" ގައި ފެނިގެން ދާނީ "ގޭމް އޮފް ތްރޮންސް" ގައި ފެނިގެންދާ މަންޒަރުތައް އަދި ވާހަކަތަކުގެ 300 އަހަރު ކުރީގައި ހިނގާފައިވާ ކަންކަމެވެ. އަދި މި ސީރީޒަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯޖް މާޓިންގެ ޚިޔާލީ ވާހަކައެއް ކަމަށްވާ "ފަޔަރ އެންޑް ބްލަޑް" ގެ މައްޗަށް އުފައްދާ ސީރީޒެކެވެ. މި ސިލްސިލާގެ ބައެއް އެޕިސޯޑުތައް ޑައިރެކްޓުކޮށްފައި ވަނީ މިގުއަލް ސެޕޮޗްނިކް އެވެ.

2011 ވަނަ އަހަރު ގެނެސްދޭން ފެށި "ގޭމް އޮފް ތްރޮންސް" ސީރީޒަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ގިނަ ބަޔަކު ބެލި ސީރީޒެވެ. މިއީ ޖޯޖް އާރްއާރް މާޓިންގެ ފެންޓަސީ ނޮވެލް "އަ ސޯންގް އޮފް އައިސް އެންޑް ފަޔަރ" ގެ މައްޗަށް ގެނެސްދޭން ފެށި ސީރީޒްއެކެވެ.