ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގެ ތެރެއިން "ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު" ޝޯވއަކީ ގިނަ ބައެއްގެ ތަރުޚީބު ލިބިފައިވާ ޒަމާންވީ ޝޯވއެކެވެ.
އާއްމުން މުނިފޫހިފިލުވައިދިނުމުގެ އިތުރަށް، މި ޝޯވއަކީ ދިވެހި މިއުޒިކީ އާއިލާ އެއްތަން ކުރުވާ ޝޯވއެކެވެ. މިއުޒިކް އާޓިސްޓުންނާއި އެމީހުންގެ ސަޕޯޓަރުންނާއި ފޭނުން އިތުރަށް ގާތްކޮށްދޭ ޝޯވއެކެވެ. މި ޝޯވ ޚާއްސަވެފައި، މަޤުބޫލުވާ ސަބަބަކީވެސް މިއީއެވެ. ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހާއި ގުޅުވައިގެން ގެނެސްދޭ މި ޝޯވ މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ 2019 ވަނަ އަހަރެވެ. ނަމަވެސް 2020 ވަނަ އަހަރު ޝޯވ ބޭއްވޭގޮތް ނުވީ އެދުވަސްވަރު ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެފައި އޮތުމުގެ ސަބަބުންނެވެ.
އެހެންނަމަވެސް މިއަހަރު އަނެއްކާވެސް މިވަނީ މި ޝޯވ ބާއްވާފައެވެ. އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ފާންނާނުންގެ މިއުޒިކީ ޢީދު ޝޯވ އާއްމުންނަށް ހަމައަށް ގެނެސްދީފައިވަނީ ލައިވް ސްޓޭޖް ޝޯވއެއްގެ ބަދަލުގައި، ރިކޯޑެޑް ޝޯވއެއްގެ ގޮތުގައި ޓީވީ މެދުވެރިކޮށެވެ. މިފަހަރުގެ ޝޯވގައި 12 ގްރޫޕަކުން ގާތްގަނޑަކަށް 80 އެއްހާ ދިވެހި ފަންނާނުން ބައިވެރިވެފައިވެއެވެ. ރޭ ޓީ.ވީ.އެމްއިން ގެނެސްދިން މި ޝޯވގައި މި 12 ގްރޫޕެއްގެ ފަރާތުން ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ.
ޒަމާނީ އަދި ސަޤާފީ ރަހަތަކަކާއެކު ގެނެސްދިން މި ޝޯވގައި 90ގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި މަޤުބޫލުވި ބައެއް ލަވަތަކުގެ ކަވަރ ވާޝަންތަކާއި، އެކި މިއުޒިކް ބޭންޑްތަކުގެ އަމިއްލަ ލަވަތައް ގެނެސްދީފައިވެއެވެ. ޝޯވގައި ބައިވެރިވި ބޭންޑްތަކުގެ ތެރޭގައި ދިވެހިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ބައެއް ބޭންޑްތަކާއި، އަރަމުން އަންނަ ބޭންޑްތަކުގެ އިތުރުން، މޯލްޑިވިއަން އައިޑަލްއިން ވިދާލި ބައެއް ފަންނާނުންވެސް ހިމެނެއެވެ. އޭގެތެރޭގައި 2 ސެންސް، ދި އައިލް، ހައުސް އޮފް މިއުޒިކް، ޓަސް، ހަބޭސް ފިއުޜަން، ވައިޓް ސްމޯކް އަދި ޑީޓިއުން ބޭންޑުގެ ތަފާތު ލަވަތަކެއް ޝޯވގައި ގެނެސްދީފައިވެއެވެ.
ބޮޑުބެރުގެ ހަރަކާތްތަކާއި ނުލާ ދިވެހި މިއުޒިކް ޝޯވއެއް ފުރިހަމަނުވާނެކަމަށް ގިނަ ދިވެހިން ޤަބޫލުކުރާއިރު، ރޭގެ ޝޯވގައި ބޮޑުބެރުގެ ހިތްގައިމު ހުށަހެޅުންތަކެއްވެސް ވަނީ ފެނިފައެވެ. އެގޮތުން ހަބޭސް ބޮޑުބެރު ގްރޫޕް، ބިދަބިން ބޮޑުބެރު ގްރޫޕް، ފަތްމިނި ބޮޑުބެރު ގްރޫޕް އަދި ގުރަހަލި ބޮޑުބެރު ގްރޫޕުގެ ވަރަށްވެސް ފޯރިގަދަ ހުށަހެޅުންތަކެއް މިފަހަރުގެ ޝޯވގައި ފެނިގެންދިޔައެވެ. ހަމައެހެންމެ ޅ. ނައިފަރަށް ނިސްބަތްވާ ކަލްޗަރަލް ޕަރފޯމެންސް ގްރޫޕެއްކަމަށްވާ ހިޔަލަ ގްރޫޕުގެ ސަޤާފީ ނެށުމެއްވެސް ރޭގެ ޝޯވއިން ވަނީ ފެނިފައެވެ.
ކޯވިޑްގެ ސަބަބުން ދިވެހި ފަންނާނުންނަށް އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސްއެޅި، ބޮޑެތި ގެއްލުންތަކެއް ލިބި އެކަމުގެ ނުތަނަވަސްކަމުގެ ތެރޭގައި މުޅި ދިވެހި މިއުޒިކް އިންޑަސްޓްރީ އޮތް ދަނޑިވަޅެއްގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދަ އާޓްސް، އެން.ސީ.އޭއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ޝޯވ ވެގެންދިޔައީ ދިވެހި ފަންނާނުންނަށް އަނެއްކާވެސް އިތުރު އުއްމީދަކާއި ދިރުމެއް ލިބިގެންދިޔަ ޝޯވއަކަށެވެ. ސަޕޯޓަރުންނާއި އޮތް ގުޅުން ބަދަހިވެ، ހުނަރުވެރިކަމާއި ފަންނުވެރިކަން އަދި އަމިއްލަ އުފެއްދުންތައް ގެނެސްދިނުމަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތަކަށެވެ.
މި ޝޯވ ކާމިޔާބުކަމާއެކު ގެނެސްދިނުމަށް ދިވެހި ފަންނާނުންގެ ފަރާތުން ދިން އެއްބާލުރުމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިފަދަ ދަނޑިވަޅެއްގައި މި ޝޯ ކާމިޔާބުކަމާއިއެކު ގެނެސްދިނުމަށް މަސައްކަތް ކުރި @NCA_MDVގެ މުވައްޒަފުންނަށާއި، ފަންނުވެރިންނަށާއި، ޕީއެސްއެމްއަށާއި، ބީމްއޮން އަދި ޓައިމް އެކެޑަމީ އޮފް ޕަރފޯމިންގ އާޓްސްއަށް ޝުކުރު ދަންނަވަން.
— Yumna Maumoon ?? ??? (@yumna_maumoon) July 27, 2021
2/2
ރޭގެ ޝޯވއާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ފަންނާނުންނަށް އެމީހުންގެ ހުނަރުތައް ތަރައްޤީކޮށް ކުރިއަށްދެވޭނެ މަގުފަހިކޮށްދީ ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ފަންނާނުންނަށް އިތުރު އާމްދަނީ ހޯދޭނެގޮތްތައް ފަހިކޮށްދެވޭތަން ދެކެން ބޭނުންވާކަމަށެވެ.
Happy to see one of my favourite #BoduBeru Teams @bidhabin at Dhivehi Fannaanunge Miuzikee Eedhu @tvmaldives. Congratulations to all the bands and performers. Look forward to developing local talent and sourcing revenue avenues for them through tourism.@MUMaldives @MoACHmv pic.twitter.com/9qJWxM1wa2
— Abdulla Mausoom (@Mausoom_Maus) July 27, 2021
ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވ އެން.ސީ.އޭއިން މިފަހަރު ބާއްވާފައިވަނީ ޕީ.އެސް.އެމްގެ އިތުރުން ބީމޮން އަދި ޓައިމް އެކެޑަމީ އޮފް ޕަރފޯމިން އާޓްސްއާއި ގުޅިގެންނެވެ. އަންނަ އަހަރު ޙާލަތު ތަން ދޭނަމަ ލައިވް ސްޓޭޖް ޝޯވއެއްގެ ގޮތުގައި ފަންނާނުންގެ މިއުޒިކީ ޢީދު ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.