ޚަބަރު

އަކޫ އާއި ފައިސަލްވެސް އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ


ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އާއި ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފައިސަލް ކުލަބް އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ކުރިއަށް އޮތް އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗަށް ކުލަބް އީގަލްސްއިންދަނީ އެޓީމް ވަރަށް ބޮޑަށް ވަރުގަދަ ކުރަމުންނެވެ. މިއަންނަ މަހުގެ 15ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗްގައި ބައްދަލުކުރާނީ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީއެވެ. މިމެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީއިން ޖާގަ ލިބިގެންދާނެއެވެ.

ކުލަބް އީގަލްސްއިން މިމެޗަށް އެޓީމް ވަރުގަދަ ކުރަމުންދާއިރު، ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އާއި ކީޕަރު މުހައްމަދު ފައިސަލް އީގަލްސްގެ ފަރިތަކުރުތަކުގައި ބައިވެރިވާން ފަށާފައެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް އާއި ވެލެންސިޔާއަަށް މިދިޔަ ސީޒަންގައި ކުޅުނު ފޯވާޑް އަލީ ފާސިރު އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މިދިޔަ ސީޒަނުގައި ކުޅުނު އިސްމާއިލް އީސަ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

ކުލަބް އީގަލްސްއިން ބުނީ މިހުރިހާ ކުޅުންތެރިންވެސް ކުލަބް އީގަލްސްއަށް މިގުޅެނީ ކުރިއަށް އޮތް އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗަށް ކަމަށެވެ. އަދި އީގަލްސްއަށް ގުރޫޕް ސްޓޭޖުން ޖާގަ ލިބިއްޖެނަމަ، އެމެޗްތަކުގައިވެސް މިކުޅުންތެރިން ކުޅެދިނުމަށްވަނީ އެއްބަސްވެފައެވެ. މިކުޅުންތެެރިންނަށް މިއަންނަ ސީޒަންގައި އެހެން ކުލަބްތަކަށްވެސް ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.

މިއީ 34 އަހަރުގެ އަކޫ ކުލަބް އީގަލްސްއަށް ކުޅެދޭ ފުރަތަމަ ފަހަރުއެވެ. އަކޫވަނީ ނިމިގެންދިޔަ ސީޒަންގައި ކުލަބް ވެލެންސިޔާގައި މޮޅު ކުޅުމެއްދައްކާފައެވެ. 2018ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފައިސަލް ކުލަބް އީގަލްސްއަށް ކުޅޭ މިއީ ދެވަނަ ފަހަރެވެ. އޭނާވަނީ 2014ވަނަ އަހަރުގެ ސީޒަންގައި ކުލަބް އީގަލްސްއަށް ކުޅެފައެވެ.

ދެކުނު އޭޝިއާއަށް ޚާއްސަ ގުރޫޕްގެ މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިވަގުތު މި ގުރޫޕުގައި އޮތީ ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާއާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއެވެ. ޕްލޭ އޯފް މެޗުން މޮޅުވާ ޓީމަކަށް ގުރޫޕް ސްޓޭޖުން ފުރުޞަތު ލިބިގެންދާނެއެވެ.