ޚަބަރު

ކޯވިޑަށް ޓެސްޓް ކުރުމަށް މިއަދު ނެގީ 5272 ސާމްޕަލް، 108 ޕޮޒިޓިވް


ރާއްޖެއިން މިއަދު އިތުރު 108 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު 77202 އަށް އަރައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައިވެސް އެންމެ ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 108 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 17 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 60 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 28 މީހަކު ޕޮޒިޓިވްވެފައިވާއިރު ސިނާއީ މަސައްކަތް ކުރާ ތަންތަނުން 2 މީހަކާއި ސަފާރީއަކުން އެކަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 77،202 ވަނީ އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓްކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި 2541 މީހުން މިހާރު އަންނަނީ ބަލީގައި ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 14 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 94 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 74429 އަރާފައެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5272 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 220 މީހުން ވަނީ ނިޔާވެފައެވެ.