މުނިފޫހިފިލުވުން

"ތަދަމް'" ގެ ހިންދީ ރީމޭކުން އަދިތްޔާ ރޯއީ


ކާމިޔާބު ފިލްމު "ކަބީރު ސިންގް" އަށްފަހު ޕްރޮޑިއުސަރ ޑިއޯ ބޫޝަން ކުމާރާއި މުރާދު ކެތާނީ ވަނީ ގިނަ ބޮޑެތި ޕްރްޖެކްޓްތަކެއް އިޢުލާނު ކޮށްފައެވެ. ކާތިކް އާރްޔަން ލީޑްރޯލުން ފެންނާނެ "ބޫލް ބުލައްޔާ 2" އަދި ސަންދީޕް ވަންގާ ޑައިރެކްޓްކޮށް ރަންބީރު ކަޕޫރު ލީޑްރޯލުން ފެނިގެންދާނެ "އެނިމަލް" އަކީވެސް މި ޓީމުން އިޢުލާން ކޮށްފައިވާ ދެ ފިލްމެވެ.

މި ދެ ޕްރޮޑިއުސަރުން މިހާރު ތައްޔާރުވަމުންދަނީ ތަމަޅަ ހިޓް ފިލްމު "ތަދަމް" ގެ ހިންދީ ރީމޭކްގެ މަސައްކަތަށެވެ. ފިލްމުގެ ލީޑްރޯލަށް އަދިތްޔާ ރޯއީ ކަޕޫރު ހަމަޖައްސާފައިވާ ކަމަށްވެސް ބޮލީވުޑް ޚަބަރުތައް ބުނެއެވެ. މި ފިލްމުގެ ލީޑްރޯލުން ސިދާތް މަލޯތްރާ ފެންނާނެކަމަށް މީގެކުރިންވެސް އަޑުތައްވަނީ ފެތުރިފައެވެ.
މި އެކްޝަން ތްރިލަރއިން އަދިތްޔާ ފެންނާނީ ޑަބަލް ރޯލުން ކަމަށާއި މި ދެ ރޯލުވެސްގައިވެސް އަދިތްޔާ ފެންނާނީ ވަރަށް ތަފާތުކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.

ނަމެއް އަދި ފައިނަލްނުވާ މި ފިލްމު ޑައިރެކްޓް ކުރަނީ ވަރުދަން ކެޓްކާރް އެވެ. ފިލްމުގެ މަސައްކަތް ފަށަން އަދި ތާވަލުކޮށްފައިއޮތީ އަންނަ ސެޕްޓެމްބަރުގައެވެ.

2019 ވަނަ އަހަރު ދެއްކި ތަމަޅަ ހިޓް ފިލްމު "ތަދަމް" ރިލީޒްކުރިއްސުރެ ފިލްމުގެ ހިންދީ ރީމޭކެއް ހަދަން ބޭނުންވެފައިހުރިކަމަށް މުރާދު ބުނެއެވެ. އަދި އޮރޖިނަލް ފިލްމުވެސް ޑައިރެކްޓްކޮށްފައިވާ ވަރުދަން އާއެކީ މަސައްކަތް ކުރަންވެސް ބޭނުންވެފައިތިބަކަމަށް ޕްރޮޑިއުސަރުން ބުނެއެވެ.

ފިލްމު ޕްރޮޑިއުސް ކުރަނީ ބޫޝަން ކުމާރުގެ ޓީ ސީރީޒް އަދި މުރާދު ކޭތާނީގެ ޗައިން 1 ސްޓޫޑިއޯސް އިންނެވެ.