މުނިފޫހިފިލުވުން

"ސުޕަރ ޑާންސް" އިން ވަކިވުމުން ޝިލްޕާއަށް 2 ކްރޯޑް ރުޕީސްގެ ގެއްލުމެއް


ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ މިދިޔަ މަހު 19 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމުގައި ރާޖްގެ އަންހެނުން އަދި މަޝްހޫރު ބަޠަލާ ޝިލްޕާ ޝެޓީގެ އެއްވެސް އަތެއްވޭތޯ މުމްބާއި ފުލުހުންގެ ކްރައިމް ބްރާންޗުން ވަނީ ދެ ފަހަރެއްގެ މަތިން ޝިލްޕާއާއިވެސް ގިނަ ސުވާލުތަކެއް ކޮށްފައެވެ. ނަމަވެސް ޝިލްޕާއާއި ދެކޮޅަށް މިހާތަނަށް އެއްވެސް ހެކެއް އަދި ހޯދިފައެއް ނުވެއެވެ.

ރާޖް ހައްޔަރުކުރި ފަހުން ޝިލްޕާ ވަނީ މިޑިއާތަކާއި ދުރަށްގޮސް އޭނާގެ ގިނަ މަސައްކަތްތަކެއްވެސް މަޑުޖައްސާލާފައެވެ. މިގޮތުން އޭނާ ޖަޖުކަން ކުރަމުންދިޔަ ޑާންސް ރިއަލިޓީ ޝޯ "ސުޕަރ ޑާންސް" ޗެޕްޓަރ 4 ގެ ޝޫޓިންތަކުގައި ބައިވެރިވުންވެސް ޝިލްޕާވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މި ޝޯގައި ޝިލްޕާއަކީ އެންމެ ބޮޑު މުސާރަ ލިބޭ ޖަޖްކަމަށްވާއިރު ޝޯއަށް ނާދެވުމުގެ ސަބަބުން ޝިލްޕާއަށް ގާތްގަޑަކަށް 2 ކްރޯޑް ރުޕީސްގެ ގެއްލުމެއް ވާނެކަމަށް ޝޯގެ ޓީމުން ބުނެއެވެ. ޝޯގެ ކޮންމެ އެޕިސޯޑަކަށް ގާތްގަޑަކަށް 18 ނުވަތަ 22 ލައްކަ ރުޕީސް ޝިލްޕާއަށް ލިބެއެވެ.

ޝިލްޕާގެ ބަދަލުގައި ޝޯގެ އެއް އެޕިސޯޑުގައި ކަރިޝްމާ ކަޕޫރު ވަނީ ބައިވެރިވެފައެވެ. އަދި އެންމެފަހުން ދެއްކި އެޕިސޯޑުގައި ޝިލްޕާގެ ބަދަލުގައި ބޮލީވުޑްތަރި ރިތޭޝް ދޭޝްމުކާއި އަންހެނުން ޖެނިލިއާ ދޭޝްމުކްވެސް ޚާއްޞަ މެހްމާނުންގެ ގޮތުގައި ވަނީ ބައިވެރިވެފައެވެ.

މި ޝޯއިން ޝިލްޕާ ދެން ނުފެންނާނެކަމަށްވެސް ވަނީ އަޑުތައް އަރާފައެވެ. ނަމަވެސް ސޮނީން މިކަހަލަ އެއްވެސް ނިންމުމެއް އަދި ނުނިންމާކަމަށާއި މަސްދުވަސްތެރޭގައި ޝިލްޕާ އެބުރި ޝޯއަށް އަންނާނެކަމަށްވެސް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.