ޚަބަރު

އޮލިމްޕިކްސްގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ: ސާއިދު


ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރަށް ކޮލިފައިވުމަށް ދުވި، ދުވުމުގެ 4ވަނައަށް ދިޔަނަމަވެސް ހިތްހަމަޖެހޭ ކަމަށް ހަސަން ސާއިދު ބުނެފިއެވެ.

އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ހީޓުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހަތަރުވަނައަށް ދިޔައިރު އޭނާ ރޭސް ނިންމީ 10.70 ސިކުންތެވެ. މި ހީޓުގެ 1ވަނައަށް ދިޔައީ 10.32 ސިކުންތުން ރޭސް ނިންމި ޒިމްބާބްވޭގެ މަކޫސާ އެންގޯނީއެވެ. 2ވަނައަށް ދިޔަ ޓޯގޯގެ ފަބްރީސް ޑަބްލާ ރޭސް ނިންމީ 10.57 ސިކުންތެވެ. 3ވަނައަށް ދިޔަ ނިކަރާގުއާގެ އެލިއަތު ރޮމޭރޯ ރޭސް ނިންމީ 10.62 އިންނެވެ.

ސާއިދު ބުނީ މިފަހަރުގެ އޮލިމްޕިކްސްގެ ދުވުމަށް ކުރެވުނު މަސައްކަތާއި އަޅާ ބަލާއިރު ލިބުނު ނަތީޖާއާ މެދު ހިތްހަމަޖެހޭކަމަށާއި ނަމަވެސް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށެވެ. ސާއިދުބުނީ އޮލިމްޕިކްސްއަށް ތައްޔާރުވުމަށް ރަނގަޅަށް ތަމްރީން ކުރެވުނީ މަހެއްހާ ދުވަހުކަމަށާއި އިންޑިޔާގައި ކުރެވުނު ތަމްރީންތައް ފިޔަވާ ރަނގަޅު ތަމްރީންތަކެއް މިފަހަރު ނުކުރެވުނު ކަމަށެވެ. މާލޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވެ ބައްޔަށް ޕޮޒިޓިވްވާ އަދަދު މައްޗަށް ދިއުމާއި ގުޅިގެން އެޗްޕީއޭއިންވަނީ ކުޅިވަރު ކުޅޭ ތަންތަނާއި ކުޅިވަރު މުބާރާތްތައްވެސް ހުއްޓާލުމަށް އަންގާފައެވެ. އަދި މިއާއެކު ގައުމީ ޓީމްތަކުގެ ފަރިތަކުރުންތަކަށް ވަރަށް ބޮޑަށް ބުރުއެރިއެވެ. ސާއިދުބުނީ ކޮންމެ ފަހަރަކު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު، ހުއްޓާލަން ޖެހުމުން، އަލުން ހުރިހާކަމެއްވެސް ފަށަން ޖެހުނުކަމަށާއި އެންމެ މަދުވެގެން 3 މަސް ދުވަސް ފަރިތަކުރުންތަކަށް ލިބުނުނަމަ، ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށެވެ.

2016ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ހީޓުގެ އެއްވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ސާއިދު ފުރުސަތު ހޯދިއެވެ. އެފަހަރު ސާއިދުގެ ވަގުތަކީ 10.43 ސިކުންތެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި އުއްމީދުކުރިވަރުގެ ކާމިޔާބެއް ނުލިބުނު ނަމަވެސް ސާއިދުވަނީ މިހާތަނަށް މުހިންމު ދެ ގޭމްސްއަކުން ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދާދީފައެވެ. އެއީ 2015ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމާއި، 2019ގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމެވެ. މީގެ އިތުރުން ސާއިދު ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިންވެސް ރަން މެޑަލް ހޯދާފައެވެ.