މުނިފޫހިފިލުވުން

ރީސްގެ ޕްރޮޑަކްޝަން ހައުސް 900 މިލިއަން ޑޮލަރަށް


ހޮލީވުޑް ބަޠަލާ ރީސް ވިދަރސްޕޫންގެ ޕްރޮޑަކްޝަން ހައުސް ހެލޯ ސަންޝައިން 900 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ. ހޮލީވުޑް ގިނަ ފިލްމުތަކެއް ކުޅެ ކާމިޔާބުކަން ހޯދާފައިވާ ރީސްގެ މި ޕްރޮޑަކްޝަން ހައުސް ގަތީ ބްލެކްސްޓޯން ގްރޫޕްގެ މީޑާއާ ކުންފުނިންނެވެ.

ރީސް ބުނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއް އުފައްދާ އެތަނުގެ މަސައްކަތް މީޑިއާގައި އަންހެނުންނާއި މެދު ތަފާތުކަން ގެންގުޅެ އަންހެނުންނާއި މެދު ދެކޭގޮތް ބަދަލުކުރުމަށްކަމަށެވެ. އަދި އެ މަސައްކަތް މިހާތަނަށް ކޮށްފައިވާކަމަށާއި އޭނާގެ ޕްރޮޑަކްޝަން ހައުސް ގަތް ބްލެކްސްޓޯންއަށް ޕްރޮޑަކްޝަން ހައުސްއިން އަންހެނުންގެ ދިރިއުޅުމާއިބެހޭ މާ ރަގަޅު ވާހަކަތަކެއް ގެނެސްދޭނެކަމަށް އުންމީދުކުރަމުން ކަމަށްވެސް ރީސް ވަނީ ބުނެފައެވެ.

2016 ވަނަ އަހަރު އުފެއްދި މި ޕްރޮޑަކްޝަން ހައުސް ވުޖޫދަށް ގެނައީ ރީސް އަދި ސާރާ ހާޑެން އެކުވެގެންނެވެ. އައު ކުންފުނީގެ ބޯޑުގައި ކުރީގެ ކުންފުނީގެ ސީއީއޯ ބައިވެރިވާނެއެވެ. އަދި ކުންފުނި ހިނގާ ނުހިނގާގޮތްވެސް ސީއީއޯ ބަލާނެއެވެ. ހެލޯ ސަންޝައިންގެ ޙިއްސާ ގަތުމަށް ބްލެކްސްޓޯންއިން ވަނީ 500 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ދައްކާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.