ޚަބަރު

މާޒިން އާއި ފާތުން ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ގޭމްސްއަށް


ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ޕެރަލިމްޕިކް އެތުލީޓުން ކަމަށްވާ، މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހިމަށް ދީފިއެވެ.

ޖަޕާންގައި މިމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަ ކުރުމަށް ނިންމާފައިވާއިރު، މާޒިން އާއި ފާތުން ވެގެންދާނީ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ދެ އެތުލީޓުންނަށެވެ.

މިމަހުގެ 24އިން އަންމަ މަހުގެ 5 އާއި ހަމައަށް ޖަޕާންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕެރަލިމްޕިކް ގޭމްސްގައި މާޒިން ވާދަކުރާ 100 މީޓަރު ސްޕްރިންޓްގައި މާޒިންގެ ގައިޑް ރަނާއެއްގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖޭގެ ފްރީ ސްޓައިލްގެ ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރެވެ. އަދި ފާތުންގެ 100 މީޓަރު ސްޕްރިންޓްގަ، ގައިޑް ރަނާއެއްގެ ގޮތުގައި މަސައްކަތް ކުރާނީ ރަބާ އިސްމާއީލް އާސިފެވެ.

ޕެރަލިމްޕިކަކީ އޮލިމްޕިކްސް ނިމުމާއެކު، އޮލިމްޕިކްސް ހޯސްޓް ކުރާ ގައުމުގައި ކޮންމެ ފަހަރަކުވެސް ކުރިއަށްގެންދާ ގޭމްސްއެކެވެ. 2019ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މާޒިންވަނީ ރާއްޖެއަށް ލޯ މެޑަލްއެއް ހޯދާދީފައެވެ.