އޭއެފްސީ ކަޕްގެ ކޮލިފައިންގައި ބެންގަލޫރު އެފްސީއާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ނުފެނުނީ އޭނާ ބަލިވެ އުޅޭތީކަމަށް ކުލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.
އޭއެފްސީ ކަޕުގެ ގުރޫޕް ޑީން ޖާގައެއް ހޯދުމަށް ރޭ ކުލަބް އީގަލްސްއާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރި މެޗު ކާމިޔާބުކޮށް ބެންގަލޫރުންވަނީ ގުރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. 1 ލަނޑު 0 ލަނޑުން ބެންގަލޫރު މެޗުން މޮޅުވިއިރު އީގަލްސުންވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މިމެޗަށް ތައްޔާރުވުމަށް ކުލަބު އީގަލްސުން އެ ޓީމު ވަރުގަދަކުރުމުގެ ގޮތުންވަނީ ދަގަނޑޭގެ އިތުރުން ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީއާއި އަލީ ފާސިރު (ސެންޓޭ)، ކީޕަރު މުޙައްމަދު ފައިސަލް، މުޙައްމަދު އާރިފް (ބަކާ) އަދި އިސްމާޢީލް އީސާ (މެސީ) އެ ޓީމަށް ގެނެސްފައެވެ. މެޗަށް ތައްޔާރުވުމަށް ދަގަނޑޭ މީގެ ދުވަސްތަކެއް ކުރިން އީގަލްސްއާއެކު ފަރިތަކުރުންތަށްވެސް ކުރިއެވެ. ނަމަވެސް ރޭގެ މެޗުގައި ދަގަނޑޭ ފެނިގެން ގޮސްފައެއް ނުވެއެވެ. ފުރަތަމަ މެޗަށް ނެރުނު ލިސްޓުގައި ދަގނޑޭގެ ނަން ޖަހާފައިވީނަމަވެސް، ފަހުން ބަދަލު ގެނެސް ނެރުނު ލިސްޓްގައިވަނީ ނަން އުނިކޮށްފައެވެ.
މެޗަފަހު ވާހަކަދައްކަމުން ކުލަބު އީގަލްސްގެ ކޯޗު ޝާޒްލީ ބުނީ ބެންގަލޫރަކީ ވަރުގަދަ ޓީމެއްކަން ކުރިންވެސް އެނގޭކަމަށާއި އެހެންކަމުން އެޓީމާއި ދެކޮޅަށް އީގަލްސްގެ ކުޅުން ރޭވިއިރު ދަގަނޑޭ ވަރަށް މުހިންމު ރޯލެއް އަދާކުރިކަމަށެވެ. އަދި އެންމެ ފަހު ވަގުތު ދަގަނޑޭއަށް މެޗުގައި ބައިވެރި ނުވެވުމުން އުނދަގޫތަކެއް ހުރިކަމަށް ކޯޗު ޝާޒްލީ ބުންޏެވެ.
ދަނގަޑޭއަށް ނުކުޅެވޭނެކަން އެނގުމާއެކުވެސް އީގަލްސްގެ ކުޅުންތެރިން ބޭނުންވީ މެޗުން މޮޅުވެގެން ފައިބާންކަމަށާއި ނަމަވެސް މެޗު ޕްލޭންއާއި އެއްގޮތަށް ކަންތަށްތައް ކުރިއަށް ނުދިއުމުން އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުކަމަށް ކޯޗު ބުންޏެވެ.