ސްޕެނިޝް ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯއިން މޮޅަކުން ލީގު ފަށައިފިއެވެ.
ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އެތުލެޓިކޯ މޮޅުވީ ސެލްޓަވީގޯއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު އެތުލެޓިކޯގެ އާޖެންޓީނާ ފޯވާޑް އެންޖަލް ކޮރެއާ ކާމިޔާބު ކުރިއިރު ސެލްޓަވީގޯއިން ނަތީޖާ ހަމަހަމަކުރީ އެސްޕަސް ވައްދާލި ޕެނެލްޓީއެވެ. މެޗުން އެތުލެޓިކޯ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮރެއާއެވެ. މެޗުގެ އެންމެ ފަހުވުގުތުތެރޭގައި އެތުލެޓިކޯގެ ހާމަސޯއަށް ރަތްކާޑުދައްކާ ދަނޑުން ފޮނުވާލިއިރު ސެލްޓަ ވީގޯގެ މަލޯއަށް ވަނީ ދެރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ޓްރާންސްފަރ މާކެޓްގައި އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާނެ ކަމަށް ބެލެވުނު ޓްރިޕިއަރ ރޭގެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެތުލެޓިކޯއިން ވަނީ ބޭނުންކޮށްފައެވެ. އަންނަ އާދިއްތަ ދުވަހު ލީގުގައި އެތުލެޓިކޯ ނުކުންނާނީ އަމިއްލަ ދަނޑުގައި އެލްޗޭއާ ދެކޮޅަށެވެ.