ޚަބަރު

މެޗުން މޮޅު ނުވީ ލިބުނު ފުރުޞަތުގެ ބޭނުން ނުކުރެވުމުން: ޝާޒްލީ


ބެންގަލޫރު މެޗުން ބަލިވީ ގޯލު ޖަހަން ލިބުނު ފުރުޞަތުގެ ބޭނުން ނުހިފުމުންކަމަށް ކުލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ޕްލޭ އޯފްގައި އީގަލްސްއާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރި މެޗު ބެންގަލޫރު ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗުން މޮޅުވުމުން ބެންގަލޫރުވަނީ އޭއެފްސީ ކަޕްގެ ގުރޫޕް ޑީއިން ޖާގަ ހޯދާފައެވެ.

މިމެޗުގައި ކުލަބް އީގަލްސްއަށް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ވަރަށް މަދުންނެވެ. މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ މެޗުގައި ކުލަބް އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށާއި މެޗުގައި މަދުވީ ހަމައެކަނި ލަނޑެއްކަމަށެވެ. ގޯލެއް ޖެހުމަށް އީގަލްސްއަށް އެންމެ ހުސް ފުރުސަތެއް ލިބިގެން ގޮސްފައިވަނީ ފޯވާޑް އަލީ ފާސިރަށެވެ. ކުލަބް އީގަލްސް މި މެޗަށް ނިކުމެފައިވަނީ އެއްވެސް ބިދޭސީ ކުޅުންތެރިއެއް ނުލާއެވެ.

އީގަލްސްގެ ކޯޗް ޝާޒްލީ ބުނީ މެޗުގައި ބެންގަލޫރު ޓީމުން ތަފާތު ދެއްކީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންކަމަށާއި އެ ކުޅުންތެރިންތަށްވަނީ މެޗްގައި ވަރަށް މޮޅަށް ކުޅެފައިކަމަށެވެ. ނަމަވެސް ކުލަބް އީގަލްސްއަށް ލިބުނު މަދު ފުރުސަތު ތަކުގެ ތެރެއިން އެއް ބޯޅަވެސް ގޯލަށް ވައްދާލެވުނުނަމަ، މެޗުގެ އޮއިވަރު ބަދަލްވީސްކަމަށް ކޯޗް ޝާޒްލީ ބުންޏެވެ.

ބެންގަލޫރު ޓީމުގެ ކޯޗް ޖަރުމަނުގެ މާކޯ ޕެޒޯލީ ބުނީ މެޗްގައި ކުލަބް އީގަލްސްއަށް ވުރެއް މޮޅަށް ބެންގަލޫރު ޓީމުން ކުޅުނުކަމަށާއި މެޗުގައި ގިނަ ހަމަލާތަށްވެސް އުފައްދާފައިވަނީ ބެންގަލޫރުއިން ކަމަށެވެ. މެޗުގައި ލިބުނު ފުރުޞަތަށް ބަލާއިރު ބެންގަލޫރުއަށް އިތުރު ލަނޑެއް ޖެހުނީސްކަމަށް ކޯޗް ޕެޒޯލީ ބުންޏެވެ. މިއީ ބެންގަލޫރުގެ އެންމެ މޮޅު ކުޅުންނޫންކަމަށާއި ނަމަވެސް މެޗުން މޮޅު ވެވުމުން އުފާވާކަމަށެވެ. ރޭގެ މެޗުގައި ފެނިގެންދިޔައީ ބެންގަލޫރުގެ ކުޅުން ނޫންކަމަށާއި މަތިން ބޯޅަ ކުޅުމަކީ އޭނާ އެހާ ގަޔާވާކަމެއް ނޫންކަމަށްވެސް ބެންގަލޫރު ޓީމްގެ ކޯޗް ޕެޒޯލާ ބުންޏެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގުރޫޕްގެ މެޗްތައް މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުދަ ދުވަހު ހަވީރުއެވެ. މި ގްރޫޕްގައި ބެންގަލޫރުގެ އިތުރުން އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ސުޕަ ލީގުގައި ކުޅޭ އޭޓީކޭ މޯހަން ބަގާންއެވެ.