މުނިފޫހިފިލުވުން

ރިތޭޝް ދޭޝްމުކް ފުރަތަމަ ފަހަރަށް ނެޓްފްލިކްސްއަށް


ކޯވިޑްގެ ބަލިމަޑުކަމާއިއެކު ހިންދީ ސިނަމާގެ ގިނަ ފިލްމުތަކެއް ވަނީ ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކުރަން މަޖްބޫރުވެފައެވެ. މިގޮތުން މިހާރުވެސް ގިނަ ފިލްމުތަކެއް އޯޓީޓީގައި ވަނީ ރިލީޒްކޮށްފައެވެ.

ރިތޭޝް ދޭޝްމުކާއި ތަމަންނާ ބާޓިއާ ފެންނަ ފިލްމު "ޕްލޭން އޭ ޕްލޭން ބީ" އަށްވެސް މި ވަނީ މިހާލު ޖެހިފައެވެ. މި ފިލްމުގެ ޓީމުން މިހާރު އަންނަނީ ސިނަމާތަކުގެ ބަދަލުގައި މި ފިލްމު ނެޓްފިލްސްގައި ދޫކޮށްލުމަށް ތައްޔާރުވަމުންނެވެ.

މި ފިލްމު ޑައިރެކްޓްކުރާނީ ކާތިކް އާރްޔަން އާއި އަލާޔާ އެފް އާއިއެކު ފިލްމު "ފްރެޑީ" ގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ޑައިރެކްޓަރ ޝަޝަންކް ގޯޝްއެވެ.

ޝަޝަންކު މީގެކުރިން ވަނީ "ވީރޭ ދެ ވެޑިންގ" އަދި "ޚޫބުސޫރަތު" ވެސް ޑައިރެކްޓްކޮށްފައެވެ.
މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ "ވަންސް އަޕޮއޮން އިން މުމްބާއީ" ، "ޑާރޓީ ޕިކްޗަރ" "ކިކް" އަދި "ގައްބަރު އިޒް ބެކް" ފަދަ ކާމިޔާބު ބޮޑެތި ފިލްމުތަކުގެ ލިޔުންތެރިޔާ ރަޖަތް އަރޯރާއެވެ. ވާހަކަ ލިޔުމުގެ އިތުރުން މީ އޭނާގެ ފުރަތަމަ ޕްރޮޑިސްކުރާ ފިލްމުވެސް މެއެވެ.

ފިލްމުގެ ނެޓްފްލިކްސް އިން ވަރަށް އަވަހަށް ޕްރިމިއަރ ކުރަންވެސް ވަނީ ހަމަޖެހިފައެވެ. އަދި ފިލްމުގެ ޝޫޓިންތައްވެސް މިހާރު ވަނީ ނިންމާލާފައެވެ.

މިއީ ތަމަންނާއާއި ރިތޭޝް ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނަ ފިލްމުވެސްމެއެވެ.