ޚަބަރު

ސާފް ޗެންޕިއަންޝިޕްގައި ވާދަނުކުރަން ބުޓާނުން ނިންމައިފި


ރާއްޖޭގައި ބާއްވާ ސާފް ޗެންޕިއަންޝިޕްގައި ވާދަ ނުކުރަން ބުޓާނުން ނިންމައިފިއެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން މަސައްކަތް ކުރި ސާފް ޗެމްޕިއަންޝިޕް ކޯވިޑާއި ގުޅިގެން މިއަހަރަށް ލަސްކުރުމަށްފަހު މިއަހަރުވެސް ކޯވިޑްގެ ސަބަބުން ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ބޭއްވޭ ގޮތްވަނީ ނުވެފައެވެ. އެހެންކަމުން ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުން ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ބިޑަށް ހުޅުވާލިއެވެ. ނޭޕާލް އާއި ވާދަކޮށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބިޑް ކާމިޔާބުކުރި ބައްދަލުވުމުގައި ބުޓާނުންވަނީ މިއަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިވުމާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ދުވަސްކޮޅެއް ދިނުމަށް އެދިފައެވެ. މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޯވިޑްގެ ހާލަތު މިވަގުތު އެންމެ ރަނގަޅީ ރާއްޖޭގައެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރުމަށް ބުޓާނުން ނިންމާފައިވަނީ އެގައުމުގައި ކޯވިޑުގެ ހާލަތު އޮތް ގޮތުން، ކޮންމެހެން މަޖުބޫރު ކަމެއް ދިމާވެގެން ނޫނީ، އެގައުމުގެ ރައްޔިތުން ދަތުރުކުރުމުގެ ހުއްދަ ނެތުމުންނެވެ. ބުޓާނުން ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރުމަށް ނިންމާފައިވާއިރު، ފީފާގެ ސަސްޕެންޝަނެއްގައި މިވަގުތު އޮތުމުގެ ސަބަބުން ޕާކިސްތާނަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތުވަނީ ގެއްލިފައެވެ.

2008ވަނަ އަހަރު ރާއްޖެ އާއި ސްރީލަންކާ ގުޅިގެންވަނީ ސާފް ޗެންޕިއަންޝިޕް ބާއްވާފައެވެ. އެފަހަރު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލީ އިންޑިޔާ ބަލިކޮށްގެންނެވެ. 2018ވަނަ އަހަރުވެސް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ އިންޑިޔާ ބަލިކޮށްގެންނެވެ. މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި 5 ގައުމު ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުން ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ލީގް ބުރުގެ ގުރުއަތުލުމާއި މުބާރާތުގެ ތާވަލް ހަދާނީ ފީފާ ރޭންކިންގައި ގައުމުތައް ރޭންކު ކުރެވިފައިވާ ގޮތަށް ބަލައިގެންނެވެ.