ޚަބަރު

މޯހަން ބަގާންއަކީ އިންޑިޔާ ޓީމެއް ވިޔަސް، ބެންގަލޫރުން ދުލެއް ނުދޭނަން: ފިޒޯލީ


އިންޑިޔާގެ ޓީމަކާއި ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް ބެންގަލޫރުން ނިކުންނާނީ މެޗުން މޮޅުވާން ކަމަށް ބެންގަލޫރު ޓީމުގެ ކޯޗު ޖަރުމަނުގެ މާކޯ ޕެޒޯލީ ބުނެފިއެވެ.

އެންމެ ފަހުން މިދިޔަ ސީޒަންގައި އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ބެންގަލޫރުވަނީ ބަލިވެފައެވެ. އެއީ ފުރަތަމަ މެޗްގައި 1 ލަނޑު 0 ލަނޑުން އަދި ދެވަނަ މެޗުގައި 2 ލަނޑު 0 ލަނޑުންނެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބެންގަލޫރު ޓީމުގެ ކޯޗު ޕެޒޯލީ ބުނީ މިއީ އައު ސީޒަނެއްކަމަށާއި މި ސީޒަނުގައި ބެންގަލޫރުންވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށެވެ. ކާމިޔާބު ހޯދުމަށް މޯހަންބަގާންއިން ވަރަށް ގިނަ ފައިސާ ޚަރަދުކޮށްފައިވާ ކަމަށާއި އަދި އެޓީމަކީ ވަރަށް ގިނައިން ދިގު ބޯޅަ ކުޅޭ އަދި ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުޅޭ ޓީމެއްކަމަށެވެ. ޕެޒޯލީ ބުނީ މިކަމަށް ބެންގަލޫރު ޓީމުން ހައްލެއް ހޯދުމަށް މަސައްކަތްކޮށް، މެޗުން މޮޅުވުމަށް ބޭނުންވާކަމަށެވެ. އަދި އެންމެ މަދުވެގެން މެޗުން ބަލިނުވެ ނިންމާލުމަކީވެސް ވިސްނާނެކަމެއް ކަމަށް ފެޒޯލީ ބުންޏެވެ.

މީގެ ދެ ދުވަސް ކުރިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި ދެކޮޅަށް ކުޅެ މެޗުން މޮޅުވުމުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާކަމަށާއި މިމެޗްގެ ސަބަބުން ފައިދާހުރި ކަންތައްތަކެއް ވެގެންގޮސްފައިވާ ކަމަށެވެ. އަދި އެމެޗަށްފަހު ރެސްޓް ކުރަން ދެ ދުވަސް ލިބިފައިވާކަމަށާއި މި ދެދުވަސްތެރޭގައި ކުޅުންތެރިން ކުރިއަށް އޮތް މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ބެންގަލޫރު ޓީމްގެ ކޯޗް މާކޯ ޕެޒޯލީ ބުންޏެވެ. ފެޒޯލީ ބުނީ މިއީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗަށްވުމުން، މެޗްގެ މުހިންމުކަން ވަރަށް ބޮޑުކަމަށާއި މޯހަންބަގާންއާއި ދެކޮޅަށް ނިކުންނައިރު ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށެވެ.

"މިމެޗްވަނީ ވަރަށް ވާދަވެރި އަދި ވަރަށް އެގްރެސިވް ގޭމަކަށް. އޭޓީކޭގެ ސްޓައިލްގައި ދިގު ބޯޅަތައް ކުޅޭއިރު، ބެންގަލޫރުން ވަރަށް ވިސްނަންޖެހޭނެ. އެޓީމަށް ގެނައި ފްރާންސްގެ ކުޅުންތެރިއަކީ މިހާތަނަށް އިންޑިޔާގެ ލީގްގައި އެންމެ އަގު ބޮޑުކޮށް ގެނައި ބިދޭސީ ކުޅުންތެރިޔާ. އެހެން ވީމަ މޯހަންބަގާންއިން އެހާ ގިނަ ފައިސާ ޚަރަދު ކުރަނީ ސަމާސާއަކަށް ނޫން. އެޓީމުން ބޭނުންވަނީ ސީދާ ޗެމްޕިއަންކަން. ނަމަވެސް ބެންގަލޫރު ޓީމުންވެސްވަނީ ވަރަށް ބޮޑަށް މުބާރާތަށް ތައްޔާރުވެފަ. ޚާއްސަކޮށް ފުރަތަމަ މެޗުން މޯހަން ބަގާން ބަލިކުރުމުގައި ރަނގަޅު ފުރުސަތެއް އެބައޮތް." ބެންގަލޫރު ޓީމްގެ ކޯޗް ފެޒޯލީ ބުންޏެވެ.

މި ގުރޫފްގައި ކުޅޭ ތިން މެޗަކީވެސް ވަރަށް ވަރުގަދަ 3 މެޗު ކަމަށާއި ނަމަވެސް ބެންގަލޫރުން އެންމެ ފުރަތަމަ ވިސްނާނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާން ބަލިކުރަންކަމަށްވެސް ފެޒޯލީ ބުންޏެވެ. ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗުތައް މާލޭގައި ކުޅޭއިރު، ފުރަތަމަ މެޗުގައި މާދަމާ އިންޑިޔާގެ ދެ ޓީމުކަމަށްވާ އޭޓީކޭ މޯހަން ބަގާންއާއި ބެންގަލޫރު އެފްސީގެ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެއެވެ.