އޭއެފްސީ ކަޕްގެ ގޫރޫޕް ޑީގައި ވާދަކުރާ އެއްވެސް ޓީމަކީ ބަލި ޓީމެއް ނޫންކަމަށާއި ނަމަވެސް އޭޓީކޭ މޯހަން ބަގާންއިން ބޭނުންވަނީ އެ ޓީމުގެ ފެންވަރު ދަނޑުމަތީގައި ދައްކާލަންކަމަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ސްޕެއިންގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް ބުނެފިއެވެ.
ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕުގެ މެޗްތަށް މާލޭގައި މިއަދު ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރަނީ އިންޑިއާގެ ދެ ޓީމު އޭޓީކޭ މޯހަން ބަގާންއާއި ބެންގަލޫރު އެފްސީއެވެ. މި މުބާރާތަށް މޯހަން ބަގާންްއިންވަނީ އެޓީމަށް ވަރަށް ރަނގަޅު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފައެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޭޓީކޭ މޯހަން ބަގާންގެ ކޯޗު ހަބާސްބުނީ ބެންގަލޫރު ޓީމަކީ ބަލި ޓީމެއް ނޫންކަމަށާއި އެ ޓީމުންވަނީ އައު ކޯޗުގެ ދަށުން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. ނަމަވެސް މޯހަން ބަގާއިންވެސް އެންމެ ތަންކޮޅެއްވެސް ދޫނުދީ ދަނޑުމަތީގައި މޮޅަށް ކުޅެން ބޭނުންވާކަމަށް ހަބާސް ބުންޏެވެ.
ކޯވިޑް19ގެ ސަބަބުން ގިނަ ޓީމްތަކަށްވަނީ ފަރިތަކުރުންތަކުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ފިޔަވާ އެހެން އެއްވެސް ޓީމަކަށް ވާދަވެރި މެޗެއް ކުޅެވިފައެއް ނުވެއެވެ. ނަމަވެސް މި ގުރޫޕްގެ ކޮންމެ ޓީމަކީ މޮޅޫ ޓީމްއެއްކަމަށާއި އެކަން ދަނޑުމަތީގައި ދެއްކުން މުހިންމުކަމަށް ހަބާސް ބުންޏެވެ.
"މި ގުރޫޕްގެ ކޮންމެ ޓީމްއަކަސްވެސް ހަމަހަމަ ފުރުސަަތު އެބައޮތް. މީގެއިން މުހިންމީ ދަނޑުމަތީގާއި ކުރާ މަސައްކަތް. މެޗްގެ ކުރިން ކޮށްފައިވާ ކަންތަށްތަކަކީ އަހަރެން އެހާ ބޮޑަށް ބަލާކަމެއް ނޫން. މެޗްގެ ނަތީޖާ އެބުރި ދާނެ ކިތަންމެ ކުޑަކަމަކުންވެސް. އެކަންތަށްތަކަށް އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން. މީގަ މުހިންމީ ދަނޑުމަތީގައި ކުރާ މަސައްކަތް. މިމުބާރާތުގައި މޯހަން ބަގާންއިން ރަނގަޅު ނަތިޖާތަކެއް ހޯދަން ބޭނުން. އެއްވެސް މެޗްއަކީ ފަސޭހަ މެޗްއެއް ނޫން. އަދި އެއްވެސް ޓީމްއަކީ ވަކި މޮޅު ޓީމްއެކޭ ބުނެވޭ ވަރުގެ ޓީމްއެއްވެސް ނެތް. ހުރިހާ ޓީމްތަކެއްވެސް ހުރީ ވަރަށް ހަމަހަމަކޮށް." މޯހަން ބަގާންގެ ކޯޗް ހަބާސް ބުންޏެވެ.
މޯހަން ބަގާންގައި އިންޑިއާގެ ޤައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިންވެސް އެބަތިބިއެވެ. އަދި ބެންގަލޫރު އެފްސީގައި އިންޑިޔާގެ ޤައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ފާހަގަކޮށްލެވެއެވެ. ބެންގަލޫރާއި މޯހަން ބަގާން ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.