އޭއެފްސީ ކަޕްގައި އިންޑިއާއަށް ނިސްބަތްވާ ދެ ޓީމުންވެސް ގަލޮޅު ދަނޑުގެ ހާލަތާއި ބެހޭގޮތުން ޝަކުވާކޮށްފިއެވެ.
އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގައި މިއަދު ހަވީރު އޭޓީކޭ މޯހަން ބަގާނުން ވަނީ ބެންގަލޫރު އެފްސީ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.
މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ބެންގަލޫރު އެފްސީގެ ކޯޗު ޕެޒޯލީ ބުނީ މޯހަން ބަގާން މެޗު ކާމިޔާބުކުރި ނަމަވެސް، ބެންގަލޫރަށްވެސް ނަތީޖާ ބަދަލުކޮށްލުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާކަމަށެވެ.
"މެޗުން ބަލިވުމުގައި ލިބުނު ފުރުސަތުގެ ބޭނުން ނުހިފުން ފާހަގަކޮށްލެވޭ. މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ، ހަމައެކަނި ބެންގަލޫރުގެ ކުޅުންތެރިންނަށް ނުކުރެވުނުކަމަކީ ނިންމާނުލެވުން"، ފެޒޯލާ ބުންޏެވެ.
ގިނަ ފައުލްތަކަކާއި ގިނަ ރީނދޫ ކާޑު ފެނިގެންދިޔަ މިމެޗުގެ ދެވަނަ ހާފުގައި މޯހަން ބަގާނުން ދެވަނަ ލަނޑު ޖެހުމާއެކު ބެންގަލޫރަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުކަމަށާއި މެޗުން މޮޅުވުމަށް އިތުރު ހިތްވަރެއް ލާން ޖެހުނުކަމަށް ފެޒޯލާ ބުންޏެވެ. މިމެޗުން ބަލިވުމާއި ގުޅިގެން މިހާރު ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރުން ވަރަށް މުހިންމުކަމަށާއި ނަމަވެސް ބެންގަލޫރުން ވިސްނާނީ ކުރިއަށްއޮތް މެޗަށްކަމަށް ވެސް ބެންގަލޫރު އެފްސީގެ ކޯޗު ޕެޒޯލީ ބުންޏެވެ.
މިމެޗަށް ނުކުތްއިރުވެސް އޭޓީކޭ މޯހަން ބަގާނުން ވަނީ އިންޑިއަން ލީގުގައި ބެންގަލޫރު ބަލިކޮށްފައެވެ. މެޗަށްފަހު ވާހަކަދައްކަމުން މޯހަން ބަގާންގެ ކޯޗު ސްޕެއިންގެ އެންޓޯނިއޯ ލޮޕޭޒް ހަބާސް ބުނީ މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވުމުން، މުބާރާތުގައި ކުރިއަށް ދިޔުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާކަމަށެވެ.
މެޗު ނުކުޅެ ގިނަ ދުވަސްވުމުން، ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވީކަމަށާއި މެޗުގައި ބޭނުންވި ގޮތަށް ނުކުޅެވުނުކަމަށެވެ. އަދި ދަނޑުގެ ވިނަގަނޑު މާބޮޑަށް ހިކިފައިއޮތުމުން ބޭނުންވި ގޮތަށް ނުކުޅެވުނުކަމަށާއި ހަވީރުގަޑީގައި ވާ ހޫނުގެ ސަބަބުން ވެސް ކުޅުންތެރިންނަށް ރަނގަޅު މެޗެއް ކުޅުމަށް އުނދަގޫވިކަމަށް މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް ބުންޏެވެ.
މީގެ އިތުރުން، އޭނާ ބުނީ އަބަދުވެސް ބެންގަލޫރު ޓީމަކީ އުނދަގޫ ޓީމެއްކަމަށާއި މެޗުން މޮޅުވެވުނީ ވަރަށް ހިތްވަރުކޮށްގެންކަމަށެވެ. އަދި މެޗުން މޮޅުވެވުނީ ލިބުނު ފުރުސަރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިގެންކަމަށް ވެސް ހަބާސް ހާމަކުރިއެވެ.
މިމެޗުން މޮޅުވުމުން މޯހަން ބަގާނުންވަނީ އެންމެ ފަހުން މިދެ ޓީމު ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ.