ޚަބަރު

ފުރަތަމަ ގޯލާއި ހިސާބުން މާޒިޔާއަށް އުނދަގޫތަކެއް ކުރިމަތިވި: ވިޑަކޮވިޗް


ބަޝުންދުރާއިން ޖެހި ފުރަތަމަ ގޯލްއާއި ހިސާބުން މާޒިޔާގެ ކުޅުމަށް ވަރަށް ބޮޑަށް އަަސުރު ކުރިކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ޑީގައި ރޭ މާޒިޔާ އާއި ބްންގްލަދޭޝްގެ ޗެންޕިއަން ބަޝުންދުރާ ކިންގްސް ބައްދަލުކުރި މެޗް ބަޝުންދުރާ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. މެޗްގެ ކުރިން މާޒިޔާގެ ކޯޗްވަނީ މިއީ މި ގުރޫޕްގައި އެންމެ އުދަގޫ މެޗްއެއްއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މެޗްގެ ކުރިން ބަޝުންދުރާގެ ކޯޗް އޮސްކާވަނީ މާޒިޔާގެ ކުރި ކިތަންމެ މޮޅަސް ފަހަތް ވަރުގަދަ ނޫންކަމަށް ސިފަކޮށްފައެވެ.

ލީގް އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ސީދާ ދެވަނަ ބުރަށް ދަތުރުކުރާއިރުގައި، ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކުރުމަށް މާޒިޔާއިން ކުރިއަށް އޮތް ދެ މެޗުވެސް ކާމިޔާބުކު ކުރަންޖެހެއެވެ. އަދި މިހާރު މާޒިޔާއަށްވަނީ އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ގެއްލިފައެވެ. މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ ފުރަތަމަ ގޯލް ވަނުމާއެކު މާޒިޔާގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އަސަރު ކުރިކަމަށާއި ބައިކޮޅަށް ވަތް ފުރަތަމަ ގޯލްގައި އެއްވެސް ކުޅުންތެރިއެއްގެ މިސްޓޭކްއެއް ނެތްކަމަށެވެ.

ފުރަތަމަ ގޯލްގެ ކުރިން މާޒިޔާއިން ރަނގަޅަށް ކުޅުނުކަމަށާއި ނަމަވެސް ފުރަތަމަ ގޯލްއާއެކު މެޗްގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލްވެގެންދިޔަކަމަށެވެ. މިމެޗްއަށް ނިކުތްއިރުގައި މާޒިޔާއިން ވާދަވެރި މެޗްއެއް ނުކުޅޭތާވެސް ވަރަށް ގިނަ މަސްތަކެއް ވެއްޖެއެވެ. ނަމަވެސް ބަޝުންދުރާއިން ވަރަށް ފަހުންވެސް އެގައުމްގެ ލީގްގައި ވާދަވެރި މެޗްތަކެއް ކުޅެފައެވެ. ގިނަ ފައުލްތަކަކާއި ގިނަ ރީންދޫ ކާޑްއެއް ފެނިގެންދިޔަ މިމެޗްގައި މާޒިޔާއަށް ފުރަތަމަ ހާފްގައި އެޓީމްއިން ބޭނުންވާ ގޮތަށް ނުކުޅެވުނު ނަމަވެސް، މެޗްގެ ދެވަނަ ހާފްގައި މާޒިޔާއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ދެ ގޯލްގެ ލީޑްއެއް ބަޝުންދުރާއިން ނަގާފައިވުމުން، މާޒިޔާއަށް ފަހަތުން އަރާ މެޗްއިން މޮޅުވުމަށް އުދަގޫތަކެއް ދިމާވިކަމަށްވެސް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންނެވެ.

މާޒިޔާ ރޭގެ މެޗްއަށް ނިކުތްއިރުގައިވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް އެޓީމްއަށް ދިމާވެފައެވެ. ރާއްޖޭގެ ނިއުއާއެކު ކާމިޔާބު ދުވަސްތަކެއް ހޯދާފައިވާ ބަޝުންދުރާ ކިންގްސްގެ ކޯޗް އޮސްޖާ ބުރޫޒަންބުނީ މެޗްއަށް ނިކުތީ، މޮޅު ކުޅުމެއްދައްކަން ނޫންކަމަށާއި ބޭނުންވީ މެޗުން ތިން ޕޮއިންޓްކަމަށެވެ. މެޗުން ތިން ޕޮއިންޓް ލިބުމުން ވަރަށް ހިންހަމަޖެހޭކަމަށްވެސް އޮސްކާ ބުންޏެވެ. ބަޝުންދުރާއިންވަނީ ރޭގެ މެޗްގައި އެޓީމްގެ ބިދޭސީ ފޯވާޑުންގެ ބޭނުންވަރަށް ރަނގަޅަށް ހިފާފައެވެ. އޮސްކާބުނީ މާޒިޔާއިން ކުރިއަރައިގެން ކުޅޭއިރު، އެޓީމްގެ ފަހަތުން ޖާގަ ލިބޭކަން އެގުމާއެކު އެއަށް ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށެވެ. އަދި މެޗްގައި އޭގެ ބޭނުން ވަރަށް ރަގަނޅަށް ހިފުނުކަމަށްވެސް ސްޕެއިންގެ އޮސްކާ ބުރުޒޮން ބުންޏެވެ. އަދި މެޗްގައި ނަތީޖާ ނެރުވުނީ މެޗް ފެށިގެން މެޗް ނިމެންދެން ބަޝުންދުރާގެ ގޭންމް ޕްލޭއާއި އެއްގޮތަށް މަސައްކަތް ކުރުންކަމަށްވެސް އޮސްކާ ބުންޏެވެ.

މި ގުރޫޕްގެ ފުރަތަމަ މެޗްގައި އިއްޔަ ހަވީރުވަނީ ބެންގަލޫރުގެ މަައްޗަށް އޭޓީކޭ މޯހަން ބަގާން ކުރި ހޯދާފައެވެ. މިއާއެކު އޭޓީކޭއަށާއި ބަޝުންދުރާއަށް އަމިއްލަ ބާރުގައި ގުރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އޭއެފްސީ ކަޕްގެ ދެވަނަ ބުރުން ފުރުސަތު ލިބޭނީ ގްރޫޕްގެ އެއް ވަނަ ހޯދާ ޓީމަށް އެކަންޏެވެ. މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭނީ އޭޓީކޭ މޯހަން ބަގާންއާއި ދެކޮޅަށެވެ.