ކުޅިވަރު

މާޒިޔާ ކަޓުވާލުމަށްފަހު މޯހަން ބަގާން ގްރޫޕްގެ އެއްވަނަގައި ހަމަޖެހިލައިފި


ދެ މެޗުން ބަލިވެ މާޒިޔާ އޭ.އެފް.ސީ ކަޕްގެ ގުރޫޕް ސްޓޭޖުން ކަޓައިފިއެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގައި މާޒިޔާ އެޓީމް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. އެއާއެކު މި ގުރޫޕްގައި ބާކީ އެއް މެޗް އޮއްވައި މާޒިޔާއަށް މިވަނީ މުބާރާތް ނިމިފައެވެ. ނަމަވެސް މިމެޗުން މޮޅުވި އިންޑިޔާގެ މޯހަން ބަގާންއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތުވަނީ އިތުރަށް ފަހިވެފައިއެވެ.

މިމެޗަށް ނިކުތްއިރު މެޗްގެ މުހިންމުކަން ބޮޑުވެފައިވަނީ މާޒިޔާއަށެވެ. އެއީ ގުރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ބަޝުންދުރާ އަތުން ބަލިވެފައިވުމާއި ގުޅިގެންނެވެ. އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއިން ވަނީ އެގައުމުގެ ބެންގަލޫރު އެފްސީ ފުރަތަމަ މެޗްގައި ބަލިކޮށްފައެވެ.

މެޗް ފެށިގެން ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔައެވެ. ކޮންމެ ޓީމަކުންވެސް މަސައްކަތް ކުރަމުންދިޔައީ އަވަހަށް ގޯލެއް ޖެހުމަށެވެ. އެގޮތުން މެޗްގެ 4ވަނަ މިނެޓްގައި މޯހަން ބަގާންގެ ކްރިޝްނާ ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ކްރިޝްނާ އޮފް ސައިޑްގައި ހުރުމުން ރެފްރީވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ.

މާޒިޔާއިން ވެސް ނުރައްކާތެރި ދެތިން ހަމަލާއެއް މެޗުގެ ވަރަށް ކުރީކޮޅުގައި އުފެއްދިއެވެ. އަދި ބައެއް ބޯޅަތައް މޯހަން ބަގާންގެ ކީޕަރު އަމްރިންދަރު ސިންގް ވަނީ ދިފާއުކޮށްފައެވެ. ދެ ޓީމުންވެސް އުފައްދަމުންދިޔަ ހަމަލާތަކުގައި ދެ ޓީމްގެ އަރިމަތި ވަރަށް ބޮޑަށް ބޭނުން ކުރާތަން ފެނިގެންދިޔައެވެ. ހާއްސަކޮށް އަރިމައްޗަށް ލައިގެން އޭރިޔާގެ ތެރެއަށް ހުރަސް ކުރުމަށް އޭޓީކޭއިން މަސައްކަތް ކުރިއެވެ.

މެޗްގައި އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުން ވެސް ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔަކަން ފާހަގަކޮށްލެވުނެވެ. މޯހަން ބަގާންއިން ކުރިއަށް ބޯޅަ ޖަހައިގެން ކުޅެމުންދިޔަކަންވެސް ފާހަގަކޮށްލެވުނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މާޒިޔާއިންނެވެ. މިލަނޑު މެޗުގެ ފަންސަވީސް ވަނަ މިނެޓުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޯނޭ ނަގައިދިން ރީތި ހުރަހަކުން ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު އައިސަމް އިބްރާހިމެވެ. ފުރަތަމަ ހާފް މާޒިޔާ ނިންމާލީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި މާޒިޔާއަށް ވަނީ ގޯލް ޖަހާނެ ރަނުގެ ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

ނަތީޖާއަކަށްވީ ދެވަނަ ހާފްގެ ތިންވަނަ މިނެޓުގެ ތެރޭގައި މޯހަން ބަގާންއަށް ލިބުނު ފުރުސަތުގެ ބޭނުންހިފާ މެޗުގެ ނަތީޖާ ހަމަހަމަކޮށްލުމެވެ. އަދި އޭގެ ފަހުން މާޒިޔާ މޮޅަށް ކުޅުނުނަމަވެސް ކުޑިއިރުކޮޅެއްގެ ތެރޭގައި ކްރިޝްނާ ވަނީ މޯހަން ބަގާންއަށް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެޓީމުކޮޅަށް އަނބުރާލާފައެވެ. އޭޓީކޭ މޯހަން ބަގާންގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރ މަންވީރެވެ.

މިނަތީޖާ އާއެކު މާޒިޔާ ގްރޫޕްގެ އެންމެ ފުލުގައި އޮތް އިރު މޯހަން ބަގާން އޮތީ ތާވަލްގެ އެންމެ ކުރީގައި ހަ ޕޮއިންޓާއެކުއެވެ. އަދި ފަހު މެޗުގައި ގްރޫޕްގެ ދެވަނައިގައި އޮތް ބަޝުންދުރަ ކިންގްސް އަތުން ޕޮއިންޓެއް ހޯދައިގެންވެސް މޯހަން ބަގާންއަށް މެޗުގެ ދެވަނަ ބުރު ޔަގީން ކުރެވޭނެއެވެ.