ޚަބަރު

ޗައިނާއިން ރާއްޖެއަށް މިފަހަރު އައްޔަންކުރީ އަންހެން ސަފީރެއް


ޗައިނާއިން ރާއްޖެއަށް ކަނޑައަޅާ އައު ސަފީރުކަމުގެ މަޤާމަށް ވަންގް ލިޝިންގ އައްޔަންކޮށްފިއެވެ.

މިފަހަރު ޗައިނާއިން ރާއްޖެއަށް ކަނޑައެޅި ސަފީރަކީ އަންހެން ބޭފުޅެކެވެ. އައު ސަފީރު ވަންގް ލިޝިންގ ރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އެކަމަނާ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން މަރްޙަބާ ވިދާޅުވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޖާވީދް ފައިޞަލާއި ޗީފް އޮފް ޕްރޮޓޮކޯލް އަޙްމަދު މުޖްތަބާއެވެ.

ސަފީރު ވަންގް ލިޝިންގ ވަނީ އެކަމަނާ ސަފީރުކަމަށް އައްޔަންކުރެއްވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ދިވެހި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ޗައިނާއާއި ރާއްޖޭގެ ރަޙުމަތްތެރިކަމުގެ ގުޅުން އައު އުސްމިންތަކަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެނެމެފަހުން ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖަންގް ލީ ޖޮންގްގެ މަޤާމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެކެވެ. ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ރާއްޖެއިން އަބަދުވެސް ފާހަގަކުރެއެވެ.

ކޯވިޑްގެ ޙާލަތާ ގުޅިގެން ޗައިނާއިންވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދީފައެވެ.