މެޗް އެއްވަރުކޮށްލައިގެން ދެވަނަ ބުރަށް ދެވެން އޮތްނަމަވެސް، ބޭނުންވަނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ މައްޗަށް ކުރި ހޯދަންކަމަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހާބާސް ބުނެފިއެވެ. މިމެޗަށް ނިކުންނައިރު ބަންގްލަދޭޝްގެ ބަޝުންދުރާއަށް ވުރެއް އޭއެފްސީ ކަޕްގެ 2ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑީ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއެވެ. އެއީ މި ގުރޫޕްގައި ކޮންމެ ޓީމެއްވެސް ދެ މެޗް ކުޅެފައިވާއިރު، ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ މޯހަން ބަގާންއަށް ލިބޭތީއެވެ. ބަޝުންދުރާއަށް ދެ މެޗުން ލިބިފައި ވަނީ 4 ޕޮއިންޓެވެ. މޯހަން ބަގާން އާއި ބަޝުންދުރާ ބައްދަލުކުރާ މެޗް އެއްވަރުކޮށްލައިގެން ވެސް ގުރޫޕް ޑީގެ އެއްވަނަ މޯހަން ބަގާންއަށް ލިބޭނެއެވެ. ނަމަވެސް ބަޝުންދުރާއިން މޯހަން ބަގާންގެ މައްޗަށް ކުރި ހޯދައިފިނަމަ، އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގެ ފަހު މެޗްތަކުގެ ކުރިން މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޭޓީކޭގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހާބާސް ބުނީ މެޗުން ވެދާނެ ގޮތެއް ބަލަން ބޭނުންނުވާކަމަށާއި ބޭނުންވަނީ މެޗުން މޮޅުވެގެން މެޗު ނިންމާލަންކަމަށެވެ. ދެ ޓީމްގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން މީގެ ކުރިން މެޗްތަކުގައި މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާކަމަށާއި ހަބާސް ބުނީ މިމެޗްގައި ވެސް ބިދޭސީ ކުޅުންތެރިންގެ ތަފާތު ފެނިގެންދާނެކަމަށެވެ. މިއީ މި ގުރޫޕްގެ އެންމެ ވާދަވެރި މެޗަށްވާއިރު، ހަބާސް ގަބޫލް ކުރާ ގޮތުގައި މެޗުން މޮޅުވުމަށް އެންމެ ކުދިކުދި ކަންތައްތައް ވެސް ރަނގަޅަށް ކުރަންޖެހޭކަމަށާއި ކޮށްލެވޭ ކުޑަ ކުޑަ ކަމަކުންވެސް މެޗްގެ ނަތީޖާ ބަދަލްވެދާނެކަމަށެވެ.
ހަބާސް ބުނީ ބަޝުންދުރާއާއި ދެކޮޅަށް ނިކުންނައިރު ޑިފެންސަށް ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށާއި ބޭނުންވަނީ މެޗުގައި އެޓޭކް ކުރިނަމަވެސް، ބައިކޮޅަށް ގޯލެއް ވަނަ ނުދީން ނިންމާލުންކަމަށެވެ. ހާއްސަކޮށް ބަޝުންދުރާގެ ފޯވާޑްލައިން ހުއްޓުވުމަށް ހާއްސަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ހަބާސް ބުންޏެވެ.
"އެންމެ ފަހުން އެޓީމް ބެންގަލޫރު އާއި ދެކޮޅަށް ކުޅުނު މެޗްގައި ވަރަށް ގިނަ ފައުލް، ކޯނަރުތައް، އަދި ހިލޭ ޖެހުންތަކެއް ވެސް ފެނިގެންދިޔަ. މެޗްގައި އެންމެ މުހިންމުކަމަކީ ބައިކޮޅަށް ގޯލެއް ވަނަނުދީ ކުޅުން. މިއީ ވަރަށް ސިންޕަލްކަމެއް. އަހަންނަށް އިނގޭ މިއީ ވަރަށް އުނދަގޫވާނެ މެޗްއެއްކަން. އެހެންވެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ބޮޑަށް ސަމާލުވެގެން. މެޗް ކޮންމެ ގޮތަކަށް ވެސް ހިގައިދާނެ، އެހެންވީމަ، ބަޝުންދުރާއަށް އަހަރުމެން ވަރަށް ބޮޑަށް ރެސްޕެކްޓް ކުރަން. އަދި މެޗް ކޮންޓްރޯލް ކުރުންވެސް ވަރަށް މުހިންމު." މޯހަން ބަގާންގެ ކޯޗު ހާބާސް ބުންޏެވެ.
މިއީ ބަންގްލަދޭޝް އާއި އިންޑިޔާގެ ފުޓްބޯޅައިގެ ކުރިމަތި ލުމެއްކަމަށް ވެސް ހަބާސްވަނީ ސިފަކޮށްފައެވެ.