ކުޅިވަރު

ޓީމުގެ އެންމެ ބޮޑު ހިތްވަރަކީ ބައިކޮޅަށް ގޯލެއް ވަދެފައި ނެތުން - އޮސްކާ


މިސީޒަންގައި މިހާތަނަށް ބަޝުންދުރާއިން އެއް މެޗް ފިޔަވައި އެހެން ހުރިހާ މެޗެއް ކާމިޔާބުކޮށްފައި އޮތުމާއެކު މާދަމާ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން އަތުން ވެސް ބަލިވާން ބޭނުން ނުވާކަމަށް ބަންގްލަދޭޝްގެ ބަޝުންދުރާ ކިންސްގެ ސްޕެއިން ކޯޗް އޮސްކާ ބުރޫޒޮން ބުނެފިއެވެ. މިމެޗަށް ނިކުންނައިރު، އޭއެފްސީ ކަޕްގެ 2ވަނަ ބުރަށް ދިއުމަށް ދެ ޓީމަށްވެސް ފުރުސަތު އެބައޮތެވެ. މޯހަން ބަގާންއަށް މެޗެއް އެއްވަރުކޮށްލައިގެން ދެވޭއިރު، ބަޝުންދުރާއިން ޖެހެނީ މެޗުން 3 ޕޮއިންޓް ހޯދާށެވެ. މާދަމާ ހަވީރު އިންޑިޔާގެ މޯހަން ބަގާންއާއި ދެކޮޅަށް ކުޅެންޖެހޭނީ ވަރަށް ވިސްނައިގެންކަމަށާއި މެޗްގައި ބަޝުންދުރާއަށް ވެސް ފުރުސަތު ލިބޭއިރު، ވިހާވެސް އަވަހަކަށް އެފުރުސަތުގެ ބޭނުން ހިފަންޖެހޭކަމަށް ބަންގްލަދޭޝްގެ ބަޝުންދުރާ ކިންސްގެ ސްޕެއިން ކޯޗް އޮސްކާ ބުރޫޒޮން ބުޏްނެވެ. އަދި މިއީ ވަރަށް ދިގު 90 މިނެޓަށްވާނެކަމެވެ.

އޮސްކާ ބުނީ މިސީޒަނަކީ ބަޝުންދުރާއަށް ވަރަށް ހާއްސަ ސީޒަނެއްކަމަށާއި މިސީޒަންގައި ބަޝުންދުރާއިން މިހާތަނަށް ބަލިވެފައިވަނީ އެންމެ މެޗަކުން ކަމަށެވެ. އެއާއެކު ކުޅުންތެރިންނަށް ވަރަށް ބޮޑު ހިއްވަރެއް ލިބިފައިވާކަމަށެވެ. އަދި ހާއްސަކޮށް މާލޭގައި މިކުޅޭ އޭއެފްސީ ކަޕްގައި ބައިކޮޅަށް މިހާތަނަށް ގޯލެއް ވަދެފައި ނެތުމުން، މިމެޗްގައި ވެސް ބައިކޮޅަށް ގޯލެއް ނުވަދެ މެޗް ކާމިޔާބުކުރަން ބޭނުންވާކަމަށް އޮސްކާ ބުންޏެވެ. މިމުބާރާތުގައި ބަޝުންދުރާގެ ޑިފެންސް ވަރަށް ވަރުގަދަކަމަށާއި ބަޝުންދުރާ ޓީމަކީ ބަލިކުރަން އެހާ ފަސޭހަ ޓީމެއް ނޫންކަމަށް އޮސްކާ ބުންޏެވެ. އަދި މިސީޒަންގައި ބަންގްލަދޭޝް ލީގުގައި މިހާތަނަށް އެއްވެސް މެޗެއްގައި ބަޝުންދުރާއިން ގޯލެއް ނުޖަހައި މެޗް ނިންމާލާފައި ނުވާކަންވެސް އޮސްކާ ފާހަގަކޮށްފައިވެއެވެ. ބަޝުންދުރާއިން ވަނީ މީގެ މަސް ދުވަސް ކުރިން އިދިކޮޅަށް ކުޅޭ ހުރިހާ ޓީމެއްގެ ކުޅުން ދިރާސާކޮށްފަކަމަށާއި ހާއްސަކޮށް މޯހަން ބަގާންގެ ބަލިފައިތައް އެނގޭކަމަށް ވެސް ބަޝުންދުރާ ކިންގްސްގެ ކޯޗް އޮސްކާ ބުންޏެވެ.

"މެޗްގެ ކުރިންނެއް ނޫން. ވަރަށް ކުރިން ފެށިގެން އަހަރުން މިއަންނަނީ އޭޓީކޭގެ ކުޅުން ދިރާސާ ކުރަމުން. މިދެ ކުލަބަކީވެސް ވަރަށް ދިގު މާޒީއެއް އޮތް ކުލަބެއް. ދެ ކުލަބުންވެސް މޮޅުވާން މަސައްކަތް ކުރަނީ. އޭޓީކޭއަކީ ޑިފެންސް ކުރާއިރު، ވަރަސް ބޮޑަށް ވިސްނައިގެން ޑިފެންސް ކުރާ ޓީމެއް. އަދި މެޗް އެއްވަރުކޮށްލައިގެން އެޓީމަށް ފުރުސަތު އޮތްނަމަވެސް އަހަރުން ކުޅޭނީ ބޮޑަށް ކުރިއަށް ޖެހިގެން. އަހަންނަށް އެޓީމުގެ ކުޅުންތެރިންވެސް އެގޭ އަދި ހާއްސަކޮށް އެޓީމުގެ ކޯޗްވެސް އަހަންނަށް އެ ގޭ. އޭނާއަށްވެސް އަހަރެން އެ ގޭނެ ވަރަށް ރަނގަޅަށް. އެއް ކުލަބަށް ދެވަނަ ބުރުން ފުރުސަތު ލިބޭއިރު، އެކުލަބަށް ވާން ބޭނުންވަނީ ބަޝުންދުރާއިން." ބަޝުންދުރާގެ ކޯޗް އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ އޭނާއަށް ކޮންމެ މެޗަކީވެސް ފައިނަލް މެޗެއްކަމަށާއި މި ގުރޫޕްގައި މިހާތަނަށް އޭނާގެ ކުލަބުން ކުޅެފައިވަނީ ވެސް ދެ ފައިނަލް މެޗު ކަމަށެވެ. އަދި މާދަމާގެ މެޗަކީ ފައިނަލް މެޗަކަށް ވުރެއް މުހިންމު މެޗެކަމަށެވެ. އެއީ މެޗުން މޮޅުވެގެން ނޫން ގޮތަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ނެތުމުން ކަމަށްވެސް އޮސްކާ ބުންޏެވެ.