ރާއްޖެއިން އިތުރު 110 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، މިބަލިޖެހުނު މީހުންގެ ޢަދަދު 80،300 އަށްވުރެ މައްޗަށް އަރައިފިއެވެ.
އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 110 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 27 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 76 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 3 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 80،328 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުންނާއި ރިސޯޓުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1682 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 114 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 78408 އަށް އަރާފައެވެ.
24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6736 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 225 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 206 ދިވެހިންނާއި 19 ބިދޭސީންނެވެ.