ސާފް ޗެންޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑުން ޢަލީ ހައިޝަމް (ޗުމްޕު) އާއި އިބްރާހީމް ވަޙީދު ޙަސަން (އިއްބެ) އަދި އަޙުމަދު ޢަބްދުﷲ (ލިލީ)އަށް ފުރުސަތު ދީފިއެވެ. މި ތިން ކުޅުންތެރިން ސާފް ޗެންޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑަށް އިތުރުކޮށްފައިވާއިރު، ނިމިގެންދިޔަ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ޢަލީ ހައިޝަމް (ޗުމްޕު)ވަނީ ގައުމީ ޓީމްގެ ސްކޮޑްގައި ހިމެނިގެން ކުޅެފައެވެ. އަދި އިބްރާހީމް ވަޙީދު ޙަސަންއަށް ސްކޮޑުން ފުރުސަތު ދިން ނަމަވެސް އަމިއްލަ ބައެއް ސަބަބުތަކާއި ހުރެ އޭނާ ވަނީ ޓީމުން ވަކިވެފައެވެ. މިތިން ކުޅުންތެރިންގެ އިތުރުންވެސް ޕްރިލިމިނަރީ ސްކޮޑުން ކުޅުންތެރިންނަށް ފުރުސަތު ދީފައިވަނީ ކުލަބްތަކުގެ ކޯޗުންނާއި މަޝްވަރާ ކުރުމަށްފަހުއެވެ.
ގައުމީ ޓީމުގެ ކޯޗިން ސްޓާފުން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ ހެޑް ކޯޗް، ޢަލީ ސުޒޭން ބުނީ ކުޅުންތެރިން ނެގުމުގައި ކޯޗުންގެ ދައުރު ވަރަށް ބޮޑުކަމަށާއި މިކަމުގައި އަމަލުކޮށްފައިވަނީ ވަރަށް ބޮޑަށް ދެފުށް ފެންނަގޮތަށްކަމަށެވެ. އެންމެ ފުރަތަމަ ޕްރިލިމިނަރީ ސްކޮޑް އިޢުލާން ކުރިއިރުވެސް އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހެފޫޒް ވަނީ ޗުންޕުގެ ނަން ފާހަގަކޮށްފައެވެ. އަދި ޗުންޕު ސްކޮޑަށް ނެގީ ޤައުމީ ޓީމާއި ޔުނައިޓެޑް ވިކްޓްރީގައި އޭނާ މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާފައި ކަމަށް ސުޒޭން ބުންޏެވެ. 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ކާމިޔާބު ކުރިއިރު އިބްރާހީމް ވަޙީދު ޙަސަން (އިއްބެ)ވަނީ މުހިންމު ދައުރެއް އެޓީމުގައި އަދާކޮށްފައެވެ. އަހުމަދު ޢަބްދުﷲ (ލިލީ) އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2017ވަނަ އަހަރުއެވެ.
އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އެފްއޭއެމުންވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން އެއްކޮށް ދިވެހި ކޯޗުންނަށް ފުރުސަތު ދީފައެވެ. މިރޭ ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މިއަންނަ މަހުގެ 10ވަނަ ދުވަހު ގަތަރަށް ފުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެގައުމުގައި އެކުވެރިކަމުގެ 4 މެޗް ކުޅޭނެއެވެ. ރާއްޖެއިން އެންމެ ފަހުން ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރުވެސް ގައުމީ ޓީމު ވަނީ ގަތަރުގައި އެއް މަސްދުވަހުގެ ކޭމްޕެއް ކޮށްފައެވެ.