ކަނޑައެޅިފައިވާ އުމުރުފުރާތަކުގެ %90 މީހުން ވެކްސިން ފުރިހަވެފައިވާ ރަށްރަށަށް ދަތުރުކުރާ މީހުން، ކަރަންޓީންވުމާއި ޕީ.ސީ.އާރް ޓެސްޓު ހަދަން ނުޖެހޭގޮތަށް މިއަދުން ފެށިގެން ދަތުރުކުރެވޭނެއެވެ. މިގޮތުން އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން މިއަދުން ފެށިގެން 28 ރަށަކަށް ޕީސީއާރު ޓެސްޓަކާ ނުލައި ދަތުރުކުރެވެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ރަށުގައި ދިރިއުޅޭ ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ 12 އަހަރުންމަތީގެ އާބާދީގެ %90 އަށް ވެކްސިން ފުރިހަމަވާންޖެހެއެވެ. ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ %90އަށް ވެކްސިން ފުރިހަމަވުމުގެ އިތުރަށްގެސްޓް ހައުސް ހުންނަ ރަށްރަށުގައި ގެސްޓް ހައުސްތަކުގައި މަސައްކަތްކުރާމީހުންނާއި ޓުއަރިސްޓް ޚިދުމަތުގައި މަސައްކަތްކުރާ މީހުންގެ %95އަށް ވެކްސިން ފުރިހަމަވާންޖެހެއެވެ. މިގޮތުން މިހާތަނަށް 28 ރަށަކަށް ޕީސީއާރު ނުހަދައި ދަތުރުކުރެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކަރަންޓީންވުމާއި ޕީ.ސީ.އާރް ހެދުމުގައި އަމަލުކުރެވޭނެ ގޮތާގުޅޭގޮތުން އެޗްޕީއޭއިން ވިދާޅުވީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ، ދަރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ހަމަވެފައިވާނަމަ، ދަތުރު ފަށާ ރަށުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ %5އަށްވުރެ ދަށްނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށާއި، އަދި ޕީ.ސީ.އާރް ޓެސްޓު ނުހަދާވެސް ދަތުރުކުރެވޭނެކަމަށެވެ.
މީގެ އިތުރުން ދަތުރު ފަށާ ރަށުގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ %5އަށްވުރެ މަތި ނަމަ ދަތުރުކުރެވޭނީ ފުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކުކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ، ދަތުރުކުރާ ރަށުގައި ވެކްސިން ކަވަރޭޖް ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ހަމަވެފައިވީ ނަމަވެސް 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީ.ސީ.އާރް ޓެސްޓުހަދަންޖެހޭނެއެވެ.
ހަމައެހެންމެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހެއްނަމަ ދަތުރުކުރާ ރަށުގައި ސަރުކާރުން ކަނޑައަޅާގައިވާ މިންވަރަށް ވެކްސިން ކަވަރޭޖް ހަމަނުވާނަމަ، ފުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާ އޮތުމާއި، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަންޖެހޭއިރު، ކަރަންޓީނުން ދޫކުރުމަށް ހަދާ ޕީ.ސީ.އާރް ޓެސްޓު ހަދަންޖެހޭނެކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ މީހުން، ދަތުރުކުރުމުގެ ބޭނުމަށް ކުރަންޖެހޭ ޕީ.ސީ.އާރް ޓެސްޓް ނުވަތަ
ފުރުމުގައި ހަދަންޖެހޭ ޓެސްޓާއި ކަރަންޓީނުގެ މުއްދަތު ނިމުމަށްފަހު ހަދާ ރިލީސް ޓެސްޓު މިއަދުން ފެށިގެން ހަދަންޖެހޭނީ އަމިއްލަ ޚަރަދުގައިކަން އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.